ނުވަދިހައިގެ އަހަރުތަކުގެ ކުރީ ކޮޅެވެ. ޕްރައިމަރީ ޓީޗިންގެ 2 އަހަރު ދުވަހުގެ ކޯސް ނިންމުމަށްފަހު ލިބުނު ފުރިހަމަ ނަތީޖާ އާއެކު ސެޓްފިކެޓް ލިބުގެ ފޮނި އުންމީދުގައި އެންމެ ފަހުގެ ތައްޔާރީތައް ވަމުން ގެންދަނީއެވެ. 3 ކުލާހަކަށް ބަހާލައިގެން ހިންގި މި ކޯހުގައި 100 އަށްވުރެ ގިނަ ކުދިން ކިޔެވިއެވެ. ހުރިހާކުދިންނަކީވެސް އަތޮޅުތަކުގެ ދަރިވަރުންނެވެ. ރަށުގައި ވަޒީފާ އަދާކޮށް މައިންބަފައިން ފަޚުރުވެރިވާފަދަ ދަރިން ތަކަކަށް ވުމަށް ގަދައަޅާ މަސައްކަތްކުރި ކުދިންނެވެ. 2 އަހަރު ދުވަހުގައި މި ދަރިވަރުން ރެއާއި ދުވާލުކުރި ބުރަމަސައްކަތުގެ ނަތީޖާ ލިބުމަށް ކެތްމަދުވެފައި އިންތިޒާރުގެ ވަގުތުތައް ގުނަމުން ދެއެވެ.
މިހާ ގިނަދުވަހު އެކީގައި ވަގުތުތައް ހޭދަކުރުމުގެ ސަބަބުން އެކަކު އަނެކަކަށް ވަނީ ވަރަށް ބޮޑަށް ދަސްވެ ފަރިތަ ވެފައެވެ. އެކެއްގެ އިހުސާސް ތަކުން އަނެކަކަށް އަސަރު ކުރާވަރަށް އެކުއްޖަކު އަނެއްކުއްޖަކަށް ލޯބި ޖެހިފައެވެ. ފާއިތުވި 2 އަހަރު އެއް އާއިލާއެއްގެ ގޮތުގައި އުޅުމަށްފަހު ވަކިވާތީ އެކަމުގެ ހިތްދަތިކަންވެސް ފޮރުވަމުން އެކަކު އަނެކަކާ ހީ ސަމާސާ ކުރަމުން ގެންދިޔައެވެ. މިގޮތަށް ކުލާސްތަކުގައި ތިއްބާ އަހަރެމެންގެ ކުލާހުގެ ހުރިހާ ކުދިންނާ ކޯސް ކޯޑިނޭޓަރު ބައްދަލު ކުރަން ބޭނުން ވާހަކަ ބުނުއްވި އެވެ.
އޭރު މެންދުރުން އަނބުރައި 2 ޖަހައިފިއެވެ. އެކުވެރިންނާއެކު ވަގުތު ހޭދަކުރަމުން ދިޔައިރު ބަނޑުހައި ކަމުގެ އިހުސާސެއްވެސް ނުވެއެވެ. ކޯޑިނޭޓަރު އެންގެވި ތަނަކަށް ކުލާހުގެ ހުރިހާކުދިން ޖަމާވެއްޖެއެވެ. އެއަށްފަހު އަހަރެމެނާ ބައްދަލުކޮށް ކޯޑިނޭޓަރު ވިދާޅުވީ ކުލާހުގެ ޕީއީ ގަޑީގެ ހާޒިރީ ގެއްލުނު ވާހަކައެވެ. ކޮންމެ މާއްދާއަކުން ހާޒިރީއިން 80 ޕަސަންޓް ހޯދަން ޖެހޭ އިރު ޕީއީ (ފަތިހުގެ ކަސްރަތު ކުލާސް) ގަޑީގެ ހާޒިރީ ނުފެނިއްޖެނަމަ އެއްވެސް ކުއްޖަކަށް ސެޓިފިކެޓް ނުލިބޭނެ ކަން އެންގެވި އެވެ. އެހެންވީމާ ހާޒިރީ ފޮރުވި ކުއްޖަކު އަވަހަށް ހާޒިރީ ދިނުމަށްވެސް ވިދާޅުވިއެވެ. އެއްވެސް ކުއްޖަކު ބަހެއްނުބުނެ އެކަކު އަނެކަކަށް ބަލަން ފެށީއެވެ. ހުރިހާކުދިންގެ މޫނުމަތިންވެސް ފެނުނީ ހައިރާންކަމާއި ނުތަނަވަސް ކަމެވެ.
މި ހިތާމަވެރި ޚަބަރު ލިބުމާއެކު އެންމެންގެ މޫނުމަތި މިލާ މޯޅި ވެއްޖެއެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗައް ފައިބަން ފަށައިފިއެވެ. ކުލާހުގެ އަންހެން ކުދިންތައް ގިސްލާފައި ރޮނީއެވެ. ފިރިހެން ކުދިންތައް ހިތްވަރާއި ނަސޭހަތް ދޭ އިރު އެމީހުންގެ އަޑުގައިވެސް ވަނީ ހިތާމާ އާއި ހިތްއްދަތި ކަމެވެ.
ދެންފެށީ ހާޒިރީ ހޯދުމުގެ މަސައްކަތެވެ. ކޯހުގެ އެހެން ކުލާސްތަކުގެ ދަރިވަރުން ވެސް ބައިވެރިވެގެން ހާޒިރީ ހޯދުމަށް ޓީޗަރު ޓްރޭނިން ސެންޓަރުގެ ނުބަލާ ހަމައެއްވެސް ތަނެއް ނެތެވެ. އެންމެ ފަހުން ކުލާހުގައި އިސްކޮށް އުޅުނު ދެތިން ފިރިހެން ކުއަޖަކު ވެގެން ފާލު ބަލާ ރަމަލު ޖެހިކަމަށްވެސް ވެއެވެ. މި މީހުން ޓީޗަރ އޭޑިޔުކޭޓަރަކާއެކު މާލޭގެ ކޮންމެވެސް ތަނެއްގައި އުސްކޮށް ފަސް އަޅާ ފުރާފައިވާ ވެލިފުންޏެވެސް ކޮނުނު ކަމަށް ޚަބަރު ލިބުނެވެ.
އެދުވަހުގެ ހަވީރު ވާންވީއިރަށް ކުލާހުގެ 3 ފިރިހެން ކުއްޖަކު ސުވާލު ކުރަން ގެންދިޔައެވެ. ބުނެވޭ ގޮތުގައި މި ކުދިނަށް ޝައްކު ކުރެވުނީއެވެ. މި ކުދިން ގެންގޮސް ވަކިވަކިން ބައިތިއްބައި އެތައް އިރެއްވަންދެން ސުވާލު ކުރިއެވެ.
ހަވީރު ވީއިރުވެސް ހާޒިރީ ފެނުމުގެ އެއްވެސް އުއްމީދެއް ނުލިބުނެވެ. އޭރު އަހަރެންނާއި އެންމެ ގާތްކޮށް އުޅުނު އެއްކުއްޖަކު ކުޑަ ކުއްޖެއްހެން ބާރަށް ރޮނީއެވެ. ގިސްލަމުން ދާއިރު ހީވަނީ މުޅި މީހާ ފުނޑުފުޑު ވެދާނެހެނެވެ. އޭނާގެ ހާލު ފެނުމުން އަހަރެންގެ ހިތަށް އިތުރަށް އަސަރު ކުރިއެވެ. ކައިރީގައި އިށީނދެ ނަސޭހަތް ދިނުމަށް ހިތްވަރު ކުރިނަމަވެސް އަނގައިން އެންމެ ލަފުޒެއްވެސް ބޭރެއް ނުވިއެވެ. ލިބުނު ހިއްދަތިކަމާއި ކުރި އަސަރުން އަހަރެންނަށް ވެސް ބާރަށް ރޯން ފެށިއްޖެއެވެ.
އޭރު އެހެން ކުލާސްތަލުގެ ކުދިންތައް ކާއެއްޗިއްސާއި ބޯނެ އެއްޗިހި ގެނެސްދީ ނަސޭހަތްދީ ހިތްވަރުދެމުން ގެންދެއެވެ. ނަމަވެސް އެ ދައްކާ ވާހަކަ އަކުން އަހަރެމެންގެ ހިތްތަކަށް ތަސައްލީއެއް ނުލިބުނެވެ.
މިގޮތަށް ހުއްޓާ ނުލާ ގިނައިރު ރުއިމުން ކަމެއް ނޫނީ ބަނޑުހައިވެގެން ނޫންކަމެއްވެސް ނޭގެއެވެ. އަހަރެންގެ އަތްފަޔަށް ގޮތެއްވާހެން ހީވެއްޖެއެވެ. މުޅި މީހާ ފިނިވެ ހަށިގަނޑުގެ އެތެރެއިން ވާންވާހެން ހީވަން ފަށައިފިއެވެ.
ކައިރީގައި ތިބި ކުދިންނަށް އަހަންނަށް ގޮތެއްވާހެން ހީވެގެން އައިސް އަތުގައި އަތްލި އިރު އިގިލިތައް ވަނީ ސީދާ ނުކުރެވޭވަރަށް ގުދުވެ ހަރުވެފައެވެ. އަތް އެކަންޏެއްނޫނެވެ. ފައިގެ އިނގިލިތައްވެސް މެއެވެ. މުޅި މީހާގެ ހަށިގަނޑު ވަނީ ގަނޑުފެންގަނޑެއްހެން ފިނިވެފައެވެ. ދެން އެއްބަޔަކު އަތާއި ފައިގައި އަތްކާއްތާ ހޫނު ކުރަމުން ދިޔައިރު އަނެއްބަޔަކު ޓީޗަރުން ހޯދަން ދުވަން ފެށިއެވެ. އޭރު އަހަރެންގެ ނޭވާ ހާސްވާކަމުގެ އިހުސާސް ކުރެވުނެވެ.
ރައްޓެހި ކުދިންވެގެން މޭޒެއްގެ މަތީގައި ބާއްވައި ފަރުވާ ދެވޭތޯ މަސައްކަތް ކުރަމުން ގެންދެއެވެ. ޓިޗަރ އެޑިޔުކޭޓަރ ވަޑައިގެން ބައްލަވާލެއްވުމަށް ފަހު ހޮސްޕިޓަލަށް ގެންދިއުމަށް ވިދާޅުވިއެވެ. ޓީޗަރުވެސް އަހަރެން ގޮވައިގެން ދުރުވިއެވެ. އެމެޖެންސީ އަށް ގެންގޮސް ނޭވާ ލުމަށް ފަސޭ ހަކުރުމަށް އޮކްސިޖަން ވެސް ގުޅިއެވެ. އޭގެ ފަހުގައި އިންޖެކުޝަނެއްވެސް ޖެހިއެވެ. އިންޖެކުޝަން ޖަހައިގެން އިރު ކޮޅެއްވީއިރަށް ދެން ވީގޮތެއް ނޭނގުނެވެ. ދެލޯ ހުޅުވާލެވުނުއިރު ކައިރީގައި ޓީޗަރާއި ރައްޓެހި ބައެއް ކުދިންނާއި އާއިލާގެ މެންބަރަކު ވެސް ހުއްޓެވެ. އޭގެފަހުގައި ހުރިހާކުދިން ބޭރަށް ނެރުމަށްފަހު ޓީޗަރު ވާހަކަދެއްކިއެވެ.
ސެޓިފިކެޓް ނުލިބޭނޭ ބުންޏަސް ހާޒިރީ އިން 80 ޕަސެންޓް ލިބޭނެ ކުދިން ޓީޗަރުންނަށް ވެސް ޔަގީން ވާކަމަށް ވިދާޅުވިއެވެ. އަދި ގަޑިއަށް ފަރުވާތެރިވެ ރަނަގޅަށް މަސައްކަތްކުރި ކުއްޖަކަށް ސެޓިފިކެޓް ނުދީ ނުހިފަހައްޓާނެކަމަށް ވިސްނައިދީ ނަސޭހަތް ތެރި ވުމަށް ފަހު ގެއަށް ގެންދިޔައެވެ.
ކޯސް ނިމި ސެޓިފިކެޓް ލިބުނެވެ. ބޭނުންވި ހުރިހާ މާއްދާ އަކުން ކިޔަވައި ދިނުމުގެ ހުއްދަވެސް ލިބުނެވެ. ނަމަވެސް ހާޒިރީ އެއް ނުފެނުނެވެ. އަދި އަދަށްދާނދެން ވެސް އެ ހާޒިރީ އަށް ވީގޮތެއް ނޭނގެއެވެ. 29 އަހަރު ފާއިތުވެ ދިޔައިރު ވެސް އެ ހަނަދާންތަކާ ދުރަކަށް ނުދެވެއެވެ. އަދިވެސް އެ ހާޒިރީއަށް ވީގޮތެއް އެނގުމަށް އުންމީދު ކުރެވެއެވެ.
މަށެއް ނުފެއްނާނެ ފިލާ މިއޮތީ
ތިޔަ ހާޟިރީ ވާނީ ހޯދަން.