ޓޭންގަލްޑް ނުވަތަ އެހެން ގޮތަކުން ބުނާނަމަ ރެޕްންޒިލް އަކީ ކުދި ބޮޑު އެންމެންގެ މެދުގައިވެސް ވަރަށް މަގުބޫލު ވެގެން ދިޔަ ކާޓޫނެކެވެ. މި ކާޓޫން މަގުބޫލު ވި އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ އެ ކާޓުނުގައި އުޅޭ އަންހެންކުއްޖާގެ އޮންނަ އާދަޔާ ހިލާފަށް ދިގު ރީތީ އިސްތަށިގަނޑެވެ. މި ކާޓޫން ބެލުމަށްފަހު ރެޕަންޒިލްއަށް ވުމުގެ އެދުމުގައި އިސްތަށިގަނޑު ދިގުކުރާ މީހުންގެ އަދަދު މަދެއް ނޫނެވެ. މިފަދައިން އިސްތަށިގަނޑު ދިގު ކުރުމުން މީހުންގެ މެދުގައި މަގުބޫލު ވެފައިވާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ.
އެ ގޮތުން އިނގިރޭސި ވިލާތަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ޒިބާ ކޭލީ އަކީ އެފަދަ ރީތި އިސްތަށިގަނޑެއްގެ ވެރިޔެކެވެ. އޭނާގެ އިސްކޮޅަކީ 5 ފޫޓު 4 އިންޗިއެވެ. އެހެންނަމަވެސް އޭނާގެ އިސްތަށި ގަނޑުގެ ދިގުމިނަކީ 6 ފޫޓެވެ. އޭނާގެ ވެގެން ގޮސްފައިވަނީ އިނގިރޭސި ވިލާތުގެ އިސްތަށިގަނޑު އެންމެ ދިގު އަންހެނާއަށެވެ. އޭނާގެ މުށިކުލައިގެ ދިގު އިސްތަށިގަނޑުގެ ސަބަބުން ކޭލީގެ އެކުވެރިން އޭނާއަށް ލޯބިން ގޮވައި އުޅެނީ ރެޕަންޒިލްގެ ނަމުންނެވެ.
ކޭލީ އޭނާގެ އިސްތަށި ގަނޑު ދިގު ކުރަން ފަށާފައިވަނީ މީގެ 13 އަހަރު ކުރިންނެވެ. އަދި އިސްތަށިގަނޑު ތެތްކޮށް އޮންނަ އިރު އޭނާގެ އިސްތަށިގަނޑު ގައި 4 (lb) ހުންނަ ކަމަށް ވެއެވެ.
''އަހަރެންގެ އިސްތަށިގަނޑު ވަރަށް އަވަހަށް ދިގުވޭ، މަހަކު 2 އިންޗު ވަރު ދިގުވޭ، މާގިނަ ދުވަސްތަކެއްވީހެން ހީނުވެ އިސްތަށިގަނޑު އަހަރެންގެ އުނަގަނޑަށް ވުރެންވެސް ތިރިއަށް އޮތީ'' ކޭލީ ބުނެފައިވެއެވެ.
މީގެ އިތުރުން ކޭލީ ބުނެފައިވަނީ އޭނާގެ ދިގު ވެފައިވާ އިސްތަށިގަނޑު އޭނާއަށް ވަރަށް ކަމުދާ ކަމަށާއި އެހެންކަމުން އިސްތަށިގަނޑު ނުކޮށަން ނިންމީ ކަމަށެވެ. އަދި ފުރަތަމަ ދެތިން އަހަރު ބޮލުގައި ރިއްސި ކަމަށް ވެސް ބުންޏެވެ.
''އަހަރެން ފެންވަރާ ގަޑީގައި ބައެއްފަހަރު އަހަރެން، އަހަރެންގެ އިސްތަށިގަނޑު ފާޚާނާ ތެރޭ ތަނެއްގައި އަޅުވައިގެން ފެންވަރަނީ، އެއީ އަހަރެންގެ ކަނދުރާއަށާއި ކޮނޑަށް ލުއިކަމެއް ހޯދުމަށް، ފާޚާނާ ތެރޭ އަހަންނަށް އިސްތަށިގަނޑު މައްޗަށް އެރި ކައްސާލައިގެން ވެއްޓޭ ފަހަރުވެސް އާދޭ އަދި ބައެއްފަހަރު އިސްތަށިގަނޑާއެކު ކާރުގެ ދޮރުވެސް ލެއްޕޭ. އެކަމަކު މިހާރު މިދަނީ އަހަރެންގެ ދިގު އިސްތަށިގަނޑު ގެންގުޅެން ހޭނެމުން،" ކޭލީ ބުނެފައިވެއެވެ. އަދި އިސްތަށިގަނޑަށް ބަދަލެއް ގެންނާކަށް އޭނާ ނުވިސްނާ ކަމަށްވެސް ބުނެއެވެ.
ލޯބިވެރިޔާ ކޯފީ ބަޑު އާއި އެކު ލެސްތަހްޝަހް ގެ ލަފްބަހްރަހް ގައި ދިރިއުޅެމުން އަންނަ ކޭލީ ބޭރަށް ދާއިރު ވަރަށް މަދުން ނޫނީ އޭނާގެ އިސްތަށިގަނޑު ދޫކޮށްލާފައި ނުބަހައްޓައެވެ. ސަބަބަކަށް ކޭލީ ބުނެފައިވަނީ އޭނާ 4 އިންޗުގެ ހީލްއަކަށް އަރައިގެން ނިކުތަސް އޭނާގެ އިސްތަސިގަނޑު ބިންމަތީ ހޭކޭތީކަމަށެވެ.އެސްކެލެރޭޓާއަކަށް އަރަން ހިޔާލަށް ވެސ ނުގެނެވޭ ކަމަށް ބުނެ ކޭލީ ވަނީ ސަމާސާ ވެސް ކޮށްފައެވެ.
މިގެ އިތުރަށް އޭނާ ބުނެފައިވަނީ،އޭނާގެ އެ ދިގު އިސްތަށިގަނޑު ދޮވުމަށާއި ހިއްކަން ދެގަޑި އިރު ވަރަކަށް ހޭދަވާ ކަމަށެވެ. އަދި ފުނާ އަޅާން އެއްގަޑިއިރު ހޭދަވާ ކަމަށް ވެސް ކޭލީ ބުނެފައިވެއެވެ.
ކޭލީގެ ލޯބިވެރިޔާ ބަޑް ބުނެފައިވަނީ އޭނާއަށް ކޭލީގެ ދިގު އިސްތަށިގަނޑު ސިފަވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. އެހެން ކަމުން އޭނާ އަބަދުވެސް ހުންނަނީ ކޭލީގެ އިސްތަށިގަނޑުން ލިބިދާނެ ގެއްލުމަކަށް ފާރަވެރިވެ ކަމަށެވެ.