ދުނިޔޭގައި ގާއިމް ކުރާ އެންމެ ބޮޑު ނިއުކުލިއަރ ހަކަތަ އުފައްދާ މަރުކަޒުގެ ތިން ވަނަ ރިއެކްޓަރ ބިނާ ކުރުމުގެ މަސައްކަތް ރަޝިޔާގެ ރައީސް ޕޫޓިންއާއި ތުރުކީ ރައީސް އުރުދުޣާން ފަށްޓަވައި ދެއްވައިފިއެވެ. އަކޫޔޫ ނިކުކްލިއަރ ޕަވަރ ޕްލާންޓަކީ ޖުމުލަ ހަތަރު ރިއެކްޓަރ ހިމެނޭ މަޝްރޫއެކެވެ.

ތުރުކީގެ އަކޫޔޫ ސިޓީގައި ބިނާ ކުރާ މިނިއުކްލިއަރ ހަކަތަ އުފައްދާ 20 ބިލިއަން ޑޮލަރުގެ މަޝްރުއަކީ، ތުރުކީގައި ނިއުކްލިއަރ އިން ހަކަތަ އުފެއްދުމަށް ބިނާ ކުރާ ފުރަތަމަ މަޝްރޫއެވެ.

މިމަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ 2018 ގައެވެ. އެއަށްފަހު ދެ ވަނަ ރިއެކްތަރގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުއެވެ.

4.8 ގިގަ ވޮޓްގެ ހަކަތަ އުފައްދާ މި މަޝްރޫއަށް ފަންޑު ކޮށްފައިވަނީ ރަޝިޔާއިންނެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ގެންދަނީ ދެފަރާތް ހަމަހަމަ ވާ ގޮތަށް ދެ ގައުމުގެ ޖޮއިންޓް ވެންޗަރ އަކުންނެވެ. ރަޝިޔާއިން ބުނާ ގޮތުގައި މިމަޝްރޫއަށް މުސާ ސަޕްލައި ކުރުމަށް ހަވާލުކޮށްފައިވާ ތުރުކީ ކުންފުނިތަކަށް މިހާރުވެސް ދެ ބިލިއަން ޑޮލަރުގެ ވިޔަފާރި ލިބިފައި ވެއެވެ.

މި މަޝްރޫއުގައި ހިމެނޭ ފުރަތަމަ ރިއެކްޓަރ އިން ކަރަންޓް އުފައްދަން ފަށާނީ 2023ގައެވެ. އަދި ލަފާކޮށްފައިވާ ގޮތުގައި އެއަށްފަހު ކޮންމެ އަހަރަކުވެސް ރިއެކްޓަރެއް ނިންމައި ކަރަންޓް އުފެއްދުމުގެ މަސައްކަތް ފަށާނެ އެވެ.