އޮސްޓްރޭލިއާގެ ކުއިންސްލޭންޑަށް ނިސްބަތްވާ އަންހެނެއްގެ ގެއިން ބޮޑު ފާއިދިގު މަކުނެއް ފެނުމުން އެ އަންހެން މީހާގެ ދެލޮލޮން ނިދި ވަނީ ގެއްލިފައިއެވެ. ފެނިފައިވަނީ ''ޓެރެންޓުލާ '' ސްޕައިޑަރ އެކެވެ. މި މަކުނު ފެނިފައިވަނީ ކުޑަދޮރު ކައިރިންނެވެ.

ސޫ ރިޗާރޑްސަން ނަމަކަށް ކިޔާ މި އަންހެން މީހާގެ އެންމެ ކަންބޮޑު ވުމަކީ ފައިދިގު އެ މަކުނުގެ ސަބަބުން އޭނާ ގެންގުޅޭ ކުއްތާތަކަށް ނުރައްކަލެއް ކުރިމަތި ވެދާނެތީ އެވެ.

އޭނާ ވަނީ ފައިދިގު މަކުނުގެ ފޮޓޯއެއް ހިއްސާކޮށް އެއާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށް ދިނުމަށް އެދިފައިއެވެ. ކޮމެންޓްކުރި މީހުންގެ ތެރެއިން އެކަކު ބުނެފައިވަނީ މި ޒާތުގެ ފައިދިގު މަކުނު ދަތް އެޅުމުން އިންސާނުންނަށް ވުރެން ބޮޑަށް ނުރައްކާ ކުރިމަތިވަނީ ކުއްތާތަކަށް ކަމަށެވެ.

އެހެން މީހަކު ބުނެފައިވަނީ ވަރަށް ރީތި ޓެރެންޓުލާއެއް ކަމަށާއި ހީވާގޮތުން އޭތީ އެ ހޯދަނީ އޭގޭ އަންހެން އެއްޗެއް ކަމަށެވެ.

އޮސްޓްރޭލިއަން ޓެރެންޓުލާ މަޝްހޫރު ވެފައިވަނީ ''ވިސްލިން'' ނުވަތަ ''ބާކިން ސްޕައިޑަރ'' ގެ ނަމުގައެވެ. މި ނަން ލިބިފައިވަނީ ފައިދިގު މަކުނަށް ނުރައްކަލެއް އިހުސާސް ވުމުން އަޑު ލައްވާ އުޅޭތީއެވެ.

މި މަކުނުގެ ހަށިގަނޑުގެ ދިގު މިނުގައި 6 ސެންޓިމީޓަރު ހުންނައިރު ފައިގެ ދިގު މިނަކީ 16 ސެންޓިމީޓަރެވެ.

މި މަކުނަކީ އާއްމުކޮށް ރުޅިމަޑު އެއްޗެއް ނަމަވެސް ނުރައްކަލެއް އިހުސާސް ވަނީނަމަ އޭގެ ފަރާތުން އަނިޔާއެއް ލިބުމަކީ ގާތް ކަމެކެވެ.

ޓެރެންޓުލާ ސްޕައިޑަރ އެއް ދަތް އަޅައިފި ނަމަ ދަތް އެޅިތަނުގައި ވަރަށް ބޮޑަށް ރިއްސާ އަދި ބޯއެނބުރުމާއި ހޮޑުލެވުން އެކަށީގެންވެއެވެ. ގާތް ގަނޑަކަށް ހަ ގަޑިއިރާއި އަށް ގަޑިއިރު ވަންދެން މިކަން ދެމިގެންދާނެއެވެ.