މިޔަންމާގެ އަސްކަރީ ބަޣާވާތާ ދެކޮޅަށް އާންމުން ކުރަމުންދާ މުޒާހަރާގެތެރޭގައި ސަލާމަތީ ބާރުތަކުން ބަޑި ޖެހުމުގެ ސަބަބުން މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާތީ އދއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީގެއިތުރުން، މުޒާހަރާ ތެރެއިން ހައްޔަރުކުރާ މީހުންނަށް ބޮޑެތި ޖިސްމާނީ އަނިތައް ދިނުމާއި، ހައްޔަރުކުރާ އެތައްސަތޭކަ ބަޔަކަށް ވީނުވީއެއް ނޭނގިފައިވާތީވެސް އދއިން ކަންބޮޑުވެފައި ވެއެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ސުލްހަވެރި ކަމާއެކު މުޒާހަރާކުރަމުންދާ މީހުންނާ ދެކޮޅަށް މިޔަންމާގެ ސަލާމަތީ ބާރުތަކުން ގެންދަނީ ވަރަށް އަނިޔާވެރި އަމަލުތަކެއް ހިންގަމުން ކަމަށެވެ.

އޭނާ ވިދާޅުވީ، ފެބްރުއަރީ 1 ގައި ގެނެވުނު އަސްކަރީ ބަޣާވާތާ ދެކޮޅަށް އާންމުން ފެށި މުޒާހަރާތަކުގައި މިހާތަނަށް 149 މީހުން މަރުވެފައިވާ ކަމަށް އދއަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އެ އަދަދު އެއަށްވުރެ އިތުރުވުމަކީ ކަށަވަރު ކަމެއް ކަމަށްވެސް ރަވީނާ ޝަމްދަސާނީ ވިދާޅުވިއެވެ.

މިޔަންމާގައި ހަރަކާތްތެރިވާ އެސިސްޓެންސް އެސޯސިއޭޝަން ފޮރ ޕޮލިޓިކަލް ޕްރިޒަނަރސް، އޭއޭޕީޕީން ބުނެފައިވަނީ މިހާތަނަށް 180 އަށްވުރެ ގިނަމީހުން މަރުވެފައިވާ ކަމަށެވެ.

އާދީއްތަ ދުވަހުގެ މުޒާހަރާގައި އެކަނިވެސް 74 މީހުން މަރުވެފައިވާ ކަމަށް ބުނެފައި ވެއެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ސަލާމަތީ ބާރުތަކުން އެއްވެސް ހަމައެއް ލަމައެއްނެތި މިޔަންމާގެ އެކި ހިސާބުތަކުން އާންމުން ހައްޔަރުކުރަމުން ގެންދާ ކަމަށާއި، މިހާރުވެސް 2،084 މީހުން ހައްޔަރުކޮށްފައި އެބަތިބި ކަމަށެވެ.

ހައްޔަރު ކޮށްފައިތިބި މީހުންނަށް ބޮޑެތި އަނިޔާތައް ކުރަމުންދާ ކަމުގެ ރިޕޯޓް ލިބެމުންދާތީ އެކަމަށް ވަރަށް ކަންބޮޑުވާ ކަމަށްވެސް ޝަމްދަސާނީ ވިދާޅުވިއެވެ.

ހައްޔަރުކޮށްގެން ގެންދިޔަފަހުން ޖަލުގައި 5 މީހުން މަރުވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ދެމީހެއްގެ ހަށިގަނޑުން ބޮޑެތި އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނާން ހުރި ކަމަށްވެސް އދއިން ބުނެފައި ވެއެވެ.

މީގެ އިތުރުންވެސް، މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެތައްސަތޭކަ ބަޔަކު ވީތަނެއް ނޭނގިފައިވާ ކަމަށާއި، އެމީހުން ހައްޔަރުކުރިކަމަށް އަސްކަރީންވެސް އެއްބަސްނުވާކަން އދއިން ފާހަގަ ކޮށްފައި ވެއެވެ.

އާންމުންގެ މުޒާހަރާތައް ނުހުއްޓުވި، މުޒާހަރާތައް އިތުރަށް ވަރުގަދަވަމުންދާތީ، އަސްކަރީން މިހާރުވަނީ މިޔަންމާގެ ބައެއް ހިސާބުތަކުގައި އަސްކަރީ ގާނޫނު ހިންގާފައެވެ. މާނައަކީ، އެއިން ހިސާބަކުން މަގުމަތިން މީހަކު ފެނިއްޖެނަމަ ބަޑިޖަހައި މަރާލެވެނޭ ކަމެވެ.

މީގެއިތުރުން، މުޒާހަރާތައް ވަރުގަދަ ކަމަށް ފެންނަ އަވަށްތަކުން މުއާސަލާތީ ހުރިހާ ގުޅުންތަކެއްވެސް އަސްކަރީ ސަރުކާރުންވަނީ ކަނޑާލާފައެވެ.

ކަންކަން ކޮންޓްރޯލް ނުކުރެވޭތީއާއި، މިޔަންމާގައި ކަން ހިނގަމުންދާގޮތް ދުނިޔެއަށް ހާމަވަމުންދާތީ އަސްކަރީން އެންމެފަހުން ވަނީ ނޫސްވެރިންވެސް ހައްޔަރުކުރަން ފަށާފައެވެ.

އެގޮތުން، މިހާތަނަށް 37 ނޫސްވެރިން ހައްޔަރު ކޮށްފައިވާއިރު، މިޔަންމާގެ ވަރުގަދަ 5 މީޑިއާއެއްގެ ލައިސަންސްވެސް ބާތިލްކޮށްފައި ވެއެވެ.