މެންޗެސްޓާ ޔުނައިޓެޑުގެ އަމާޒަކީ އިނގިރޭސި ޕްރިމިއާ ލީގު އެ ކްލަބަށް ގެނައުން ކަމަށް އެފްއޭ ކަޕުގައި ފުލަމް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން އެ ކްލަބުގެ ކޯޗު ރުބެން އެމޮރިމް ބުނެފިއެވެ.

އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ރޭގައި ޔުނައިޓެޑާއި ފުލަމް ވާދަކުރި ފޯރިގަދަ މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުލަމްއިންނެވެ. މި ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކަލްވިން ބާސީ އެ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ބްރޫނޯ ފާނަންޑޭޒް ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށް, މެޗު ޕެނަލްޓީއަށް ގެންގޮސްފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ޔުނައިޓެޑު ބަލިވީ 4-3 ގެ ނަތީޖާ އަކުންނެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން އެމޮރިމް ވަނީ ކްލަބުގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ. އެ ގޮތުން އޭނާ ހާމަކުރި ގޮތުގައި ކްލަބުގެ އެންމެ ބޮޑު އަމާޒަކީ ޕްރިމިއާ ލީގު ކާމިޔާބު ކުރެވޭނެ ފެންވަރަށް އެ ޓީމު ގެންދިއުމެވެ.

"އަހަރެމެންގެ އަމާޒަކީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުން. ކުރިން ޔުނައިޓެޑުން އެތައް ފަހަރަކު ލީގު ކާމިޔާބު ކުރި ފަދައިން އަހަރެމެންގެ އަމާޒަކީ އެ ތަށި ހާސިލުކުރުން. އަހަންނަށް ވެސް އެނގޭ މިއީ ފަަސޭހަކަމެއް ނޫންކަން." ރޭގެ މެޗަށްފަހު ވާހަކަދައްކަމުން އެމޮރިމް ބުންޏެވެ.

ރޭ އެފްއޭ ކަޕުން ކެޓުމާއެކު ޔުނައިޓެޑަށް މި ސީޒަނުގައި ހާސިލުކުރެވެން އޮތް ހަމައެކަނި ތަށްޓަކީ ޔޫރޮޕާ ލީގެވެ. އެ ޓީމު އޮތީ ޕްރިމިއާ ލީގު ތާވަލުގެ 14 ވަނައިގައި ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.