އުމުރުގެ ހުރިހާ ހިސާބެއްގައިވެސް ރަނގަޅު ރަހުމަތްތެރިންނަކީ ވަރަށް މުހިއްމު ބައެކެވެ. ދިރި އުޅުމުގެ މި ހަޔާތް ކަޑައްތު ކުރަމުން ދާއިރު ތިމާއަށް ތެދުވެރި ވަފާތެރި ރަހުމަތްތެރީން އަދާކުރާ ދައުރު ވަރަށް ބޮޑެވެ.
އާއިލާ އާއި ގާތް ތިމާގެ މީހުނާ ހިއްސާ ނުކުރެވޭ އެތައް ކަމެއް ރަހުމަތްތެރިންނާ ހިއްސާ ކުރެވެއެވެ. އަދި މިފަދަ ތެދުވެރި ރަހުމަތްތެރީންނާ ބައްދަލުކޮށް ވާހަކަ ދައްކާ ހަދާލުމުން ހިތަށް ލިބޭ ތަސައްލީ ބަޔާން ކޮށްދޭންވެސް ނޭގޭނެއެވެ. އަދި ޒަމާންވީ ރަހުމަތްތެރިންނަކީ ދިރި އުޅުމުގެ ކާނާ ފަދަ މުހިއްމު ބަޔެކެވެ. އެފަދަ ރަހުމަތްތެރިންނާއެކު ހޭދަ ކޮށްލާ ކުޑަ ވަގުތު ކޮޅަކުންވެސް އެ ލިބޭ ހިތްހަމަ ޖެހުން އެތައް ދުވަހެއްގެ އުފާވެރިކަން ކަމުގައި ވެދެއެވެ.
ނަމަވެސް މިފަދަ ތެދުވެރި ރަހުމަތްތެރީން ހޯދުމަކީ ވަރަށް ދަތި ކަމަކެވެ. އެހެނަސް ތިރީގައި މިވާ ކަންތައްތަކަށް ވިސްނާލުމުން ތެދުވެރި ހެޔޮ އެދޭ ރަހުމަތްތެރިން ދެނެގަތުމަށް ފަސޭހަ ވެދާނެއެވެ.
1. ސިފަ އަކަށް ފެންވަރަކަށް ނުބަލާނެއެވެ.
އިޚުލާސްތެރި ތެދުވެރި ރަހުމަތް ތެރިއެއްނަމަ ތިމާއެ ހުރި ސިފަކަށް ނުބަލާނެއެވެ. ކަޅަސް، ދޮނަސް، ފަލަޔަސް، ހިއްކަސް ތިމާ އާއި ގުޅުން ބަދަހި ކުރުމަކަށް ޖެހި ލުމެއް ނުވާނެއެވެ. އަދި އެހެން މީހުނަށް ތިމާ އަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށް ބުނުމަކަށް ފަހެއް ނުޖެހޭނެއެވެ.
2. ހިތާމަޔާއި އުފަލުގައި ބައިވެރިވާނެއެވެ.
ތިމާއަށް ދިމާވާ އެންމެ ހިތްދަތި ވަގުތަކުގައިވެސް ތިމާއަށް ހިތްވަރު ދިނުމުގައި ސާބިތުވެ ތިބޭނީ ރަނގަޅު ރަހުމަތް ތެރީންނެވެ. އަދި ތިމާއަށް އުފަލެއް ލިބިއްޖެނަމަ އެ ފަލުގައި ހިތާއި ރޫހުން ބައިވެރި ވާނެއެވެ. އެ ކަމާ ހަސަދަވެރިއެއް ނުވާނެއެވެ.
3. ތިމާއަށް ވަގުތު ދޭނެއެވެ.
އެންމެންނަކީވެސް ދިރިއުޅުމުގެ ހަޔާތުގައި ބުރަކޮށް އުޅޭ ބައެކެވެ. ނަމަވެސް ތެދުވެރި ރަހުމަތް ތެރީން ނަމަ، އެ ބުރަ ވަގުތުން ވެސް ވަގުތު ހޯދައިގެން ތިމާގެ ރަހުމަތްތެރިޔާއާއި ގުޅުން ބަދަހިކުރާނެއެވެ. ލިބޭ ކޮންމެވެސް ވަގުތު ކޮޅެއްގައި ބައްދަލުކޮށްގެނެވެ. ނުވަތަ ފޯނުކޯލަކުން ވިޔަސް މެއެވެ. މިގޮތުން ތިމާގެ ހާލު ބަލައި އުފަލާއި ހިތާމަ ހިއްސާކޮށް ތިމާގެ އަޑުވެސް އަހާނެއެވެ.
4. ތެދު ބަހުން ވާހަކަ ދައްކާނެއެވެ.
ތެދުވެރި ވުމަކީ ރަނަގަޅު ރަހުމަތްތެރީންކަން އެނގޭ އެންމެ މުހިއްމު އެއް ސިފައެވެ. ތިމާ އެ ވާހަކަތަކާ ރުހުނަސް އަދި ނުރުހުނަސް ރަނގަޅު ރަހުމަތްތެރިންނަމަ ތެދުބަހުން ވާހަކަ ދައްކާ ހަގީގަތް ހާމަ ކޮށްދޭނެއެވެ.
5. ޝަކުވާ ތަކެއް ނޯންނާނެއެވެ.
ތެދުވެރި އެކުވެރިއެއްނަމަ، ތިމާ އޭނާ އަށް ނުކޮށްދޭ ކަންތައްތަކުގެ ވާހަކަދައްކާ ޝަކުވާއެއް ނުކުރާނެއެވެ. އަދި ތިމާގެ ފަރާތުން ރަހުމަތްތެރިޔާ ބޭނުންވާ ކަންތައްތަކުގެ ޝަކުވާވެސް ނުކުރާނެއެވެ. އަދި އަބަދުވެސް ތިމާ އޭނާ އަށް ދޭ ވަގުތާ ބަހައްޓާ އަހައްމިއްޔަތު ކަމަށް ޝުކުރުވެރިވާނެއެވެ.
6. ފަންތިއަކަށް ގިންތިއަކަށް ނުބަލާނެއެވެ.
ތެދުވެރި އެކުވެރީންނަމަ ތިމާގެ ތަޢުލީމީ ފެންވަރު ދައްވަގެން ތިމާ އާ ދުރެއް ނުވާނެއެވެ. އަދި ތިމާ އަކީ ރަހުމަތްތެރިޔާ އަށް ވުރެ ފަގީރު މީހަކަށް ނުވަތަ މުންސަންޖަކަށް ވިޔަސް ތިމައާ ގުޅުން ބާއްވާނެއެވެ. ތިމާ އަށް ލިބިފައިވާ މުއްސަނދި ކަމަކަށް ހަސަދަވެރި އެއް ނުވާނެއެވެ. އަދި ތިމާގެ ފަގީރު ކަމުން ލަދުގަނެ ދުރަށް ނުދާނެއެވެ.
7. ތިމާގެ ވާހަކަ އަނެކާގާތު ނުދައްކާނެއެވެ.
ކިތަންމެ ގާތްކޮށް އުޅޭ ރަހުމަތްތެރި ގުރޫޕެއް ކަމުގައި ވިޔަސް ތިމާގެ ވާހަކަ އަނެއް ރަހުމަތް ތެރިޔާގާތު ނުދެއްކުމަކީ ރަނަގަޅު ރަހުމަތްތެރީންގެ އެއްމެ ޚާއްސަ އެއް ސިފައެވެ. ތިމާ ކުރާ ކަމަކުން ނޫނީ އުޅޭ ގޮތަކުން އެވާހަކަ ދައްކާނީ ތިމާގެ ހާޒިރުގައެވެ. ދެވަނަ މީހކާ އެވާހަކަ ދެއްކުމަކީ ރަނަގަޅު ރަހުމްތެރީންގެ ސިފައެއްނޫނެވެ.