އެމެރިކާއިން އުފައްދާފައިވާ ކޮވިޑް19 ވެކްސިން އިންޑިއާގައި އުފައްދާނެކަމަށް އިންޑިއާގެ ފޮރިން ސެކެޓްރީ ހަރްޝްވަރްދަން ޝްރިންގްލާ، ހާމަ ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މި ވެކްސިން އުފެއްދުމުގެ މަސައްކަތަށް ހޭދަކުރާނީ އެމެރިކާއާއި ޖަޕާނުންނެވެ. އަދި ގައުމުތަކަށް ވެކްސިން ފޯރުވައި ދިނުމުގެ މަސައްކަތާއި ފައިސާ ހޭދަ ކުރާނީ އޮސްޓްރޭލިއާއިންނެވެ.

މި ހަތަރު ގައުމަކީ، ތިމާވެށްޓާއި ޕެސިފިކް ކަނޑާއި އިންޑިއާ ކަނޑުގެ މިނިވަން ކަމަށް އެކުލަވާލާފައިވާ އިއްތިޙާދުގެ ހަތަރު ގައުމެވެ.

ޝްރިންގްލާ ވިދާޅުވީ، އިންޑިއާގެ ވެކްސިން އުފދެއްދުމުގެ ގާބިލުކަމަކީ ދުނިޔެއިން ބަލައިގެންފައިވާ ކަމެކެވެ. އޭނާ ވިދާޅުވީ މިހާރުގެ ވެކްސިން އުފެއްދުމަށް ބަލާލައިފިނަމަ، ފެންނާނީ މިލިއަނުން ވެކްސިން އުފައްދާ ވާހަކައެވެ. ނަމަވެސް މިހަތަރު ގައުމުގެ ގުޅުމުން އުފެއްދުމަށް ވާހަކަ މިދައްކަނީ އެތައް ބިލިއަން ވެކްސިނެއްގެ ވާހަކައެވެ.

މި ހަތަރު ގައުމުގެ ވެރިން އެއްބަސްވެ ވަޑައިގެންފައިވަނީ ގައުމުތަކަށް ވެކްސިން ފޯރުވައި ދިނުމަށާއި ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށާއި އުސޫލުތަކަށް ބިނާވެފައިވާ ދުނިޔޭގެ ނިޒާމެއް އޮތުމަށް މަސައްކަތް ކުރުމަށެވެ.

މި ވެކްސިން އުފެއްދުމުގެ އަމާޒަކީ، 2022 އާ ހަމައަށް ހުރިހައި ގައުމަކަށް ވެކްސިން ފޯރުވައި ދިނުމެވެ.