މެންޗެސްޓާ ޔުނައިޓެޑުގެ ވެރިން ކަމުގައިވާ 'ގްލޭޒާސް' އެ ކްލަބު ހިންގާ ގޮތާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ދެން އޮތް މެޗުގައި ހިނގާލުމެއް ބޭއްވުމަށް އެ ކްލަބުގެ ސަޕޯޓަރުންގެ ގްރޫޕެއް ކަމުގައިވާ 'ދަ 1958' އިން އިންތިޒާމު ކޮށްފިއެވެ.
'ދަ 1958' އިން ހާމަކުރާ ގޮތުގައި މި ހިނގާލުމަކީ ކްލަބު ހިންގުމުގައި ގްލޭޒާސް އިހުމާލުވަމުންދާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ޓަކައި ބާއްވާ ހިނގާލުމެކެވެ.
ދެން އަންނަ ހަފްތާގެ އާދިއްތަ ދުވަހު އާސެނަލްއާ ދެކޮޅަށް ޔުނައިޓެޑުން ނިކުންނަ މެޗުގެ ކުރިން މި ހިނގާލުން ބޭއްވުމަށް ތާވަލުކޮށްފައިވާ އިރު, ވީހާ ވެސް ގިނަ ސަޕޯޓަރުން މި ހިނގާލުމުގައި ބައިވެރިވުމަށް އެ ގްރޫޕުން ވަނީ ގޮވާލައިފައެވެ.
މި ހިނގާލުމާ ބެހޭ ގޮތުން އެ ގްރޫޕުން ނެރުނު ބަޔާނުގައި ވަނީ, ވަރުގަދަ ތާރީހެއް އޮތް މެންޗެސްޓާ ޔުނައިޓެޑު އަންނަނީ މަޑު މަޑުން މަރުވަމުން ކަމަށާއި ކުރިން ޔޫރަޕުގެ ހުރިހާ ކްލަބުތަކެއްގެ ހިތަށް ބިރުވެރިކަން ވައްދާ ކްލަބު މިހާރު ވަނީ ޖޯކަކަށް ވެފައި ކަމަށް ބުނެފައެވެ.
ޔުނައިޓެޑުގެ ފަރާތުން ދަނޑުމަތިން ރަނގަޅު ނަތީޖާތަކެއް ނުފެންނައިރު, އެ ކްލަބުގެ މާލީ ހާލަތް ވެސް އޮތީ ވަރަށް ނާޒުކުވެފައެވެ. މި ކަން ހައްލު ކުރުމުގެ ނިޔަތުގައި އެ ކްލަބުން ވަނީ ދާދި ފަހުން އެތައް މުވައްޒަފުންނެއް ދޫކޮށްލާ, މެޗުތަކުގެ ޓިކެޓު އަގުބޮޑުކޮށްފައެވެ. ނަމަވެސް މި ހުރިހާ ފިޔަވަޅުތަކަކީ ކްލަބު ދެކެ ލޯބިވާ ސަޕޯޓަރުންނަށް ދަތިވާ ފިޔަވަޅުތަކެއް ކަމަށްވާތީ އެތައް ބަޔަކު އަންނަނީ, ކްލަބުގެ ވެރިން އަމިއްލަ އަތުން ހެދި ގޯސްތަކުގެ ބަދަލު މަސައްކަތް ކުރާ އާއްމުންގެ އަތުން ހޯދަން އުޅެނީ ކަމަށް ބުނެ ފާޑުކިޔާފައެވެ.