"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ފައިނަލަށް ފޭދޫ ސްޕޯޓްސް ދަތުރުކޮށްފިއެވެ. އެޓީމް ފައިނަލަށް ދަތުރުކުރީ ބުދަ ދުވަހު ކުޅުނު ސެމީގެ ދެވަނަ މެޗުން މޮޅުވެގެންނެވެ. ސެމީގެ ދެވަނަ މެޗުގައި ފާހި ސްޕޯޓްސްއާ ބައްދަލު ކޮށް އެޓީމް މޮޅުވީ 5-2 ލަނޑުންނެވެ.

ފައިނަލުގައި އެޓީމް ބައްދަލުކުރާނީ މެދުވަލު އެފްސީއާއެވެ. އެޓީމް ފައިނަލަށް ދަތުރުކުރީ އެންމެފަހުގެ ޗެމްޕިއަން ބޭރުމަތި އެފްސީ ބަލިކޮށްގެންނެވެ. މުބާރާތުގެ ފައިނަލް އޮންނާނީ މިމަހު 20 ވަނަ ދުވަހުއެވެ.

ފޭދޫ ސްޕޯޓްސްއާއި ފާހި ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ 4-1 އިން ފޭދޫ ކުރީގައި އޮވެގެންނެވެ. އޭގެ ތެރެއިން ޢަލީ ނާފިއު (ކަޅޭ) ވަނީ ދެ ލަނޑު ޖަހައިދީފައެވެ. އަނެއް ދެ ލަނޑުޖެހީ ޙަސަން ހާޒިގާއި ޔޫސުފް ސިދާމެވެ.

މެޗުގެ ދެވަނަ ހާފުގައި ފޭދޫ އިން ވަނީ އެމީހުންގެ ފަސް ވަނަ ލަނޑު ޖަހައިފައެވެ. އެލަނޑު ޖެހީ ސިދާމެވެ. ފާހި ސްޕޯޓްސްޖެހި ދެލަނޑު ކާމިޔާބުކޮށްދިނީ އަޙުމަދު ޒަޔާން އާއި ޙުސައިން ޝިފާޒެވެ.

މި މެޗުގެ މޮޅު މޭން އޮފް ދަ މެޗުގެ މަޤާމް ހޯދީ ފޭދޫ ސްޕޯޓްސްގެ ޙަސަން ހާޒިގެވެ.

މިއީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތެކެވެ.