ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓް ފަރުބަދައަށް އަރައި އައި ބަހްރެއިންގެ ޕްރިންސަކު، ނޭޕާލަށް 2،000 ޑޯޒްގެ ކޮވިޑް ވެކްސިން ގެނައި މައްސަލަ ނޭޕާލް ސަރުކާރުން ތަހްގީގު ކުރަން ފަށައިފިއެވެ.

ބަހްރެއިންގެ ޕްރިންސް ޝައިޚް މުހަންމަދު ހަމަދު މުހަންމަދު ބިން ޚަލީފާ ނޭޕަށް ގޮސްފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.

އޭނާ ނޭޕާލަށް އައީ، އެސްޓްރަޒެނެކާގެ 2،000 ޑޯޒް ވެކްސިން ހިފައިގެންނެވެ.

އޭނާ ރާވާފައިއޮތީ، އެ ވެކްސިން ނޭޕާލްގެ އަވަށަކަށް ހަދިޔާކުރަން ކަމަށް ވެއެވެ.

އެހެން ނަމަވެސް، ނޭޕާލް ސަރުކާރުން މިމައްސަލަ ތަހްގީގު ކުރަން ފެށީ، ނޭޕާލްގެ ސަރުކާރުގެ އެއްވެސް ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ވެކްސިން ގެނައުމުންނެވެ.

ނޭޕާލްގެ ޑިޕާޓްމަންޓް އޮފް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު ސަންތޯޝް ކޭސީ ވިދާޅުވީ، ވެކްސިން ގެނައުމުގެކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރުމާއި އަދި ކުރިން ހުއްދަ ހޯދުމަކާ ނުލައި ވެކްސިން ގެނައި މައްސަލަ އެ ޑިޕާޓްމަންޓުން މިހާރު ތަހްގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އެ ވެކްސިން ބޭނުންކުރުމާއި ނުކުރުމާމެދު ގޮތެއް ނިންމާނީ ތަހްގީގަށް ފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަހްރެއިންގެ ޕްރިންސް ޝައިޚް މުހަންމަދު ހަމަދު މުހަންމަދު ބިން ޚަލީފާ ނޭޕާލަށް އައިއިރު، އޭނާއާއެކު ބޮޑު ގްރޫޕެއްވެސް ގެންދިޔައެވެ. އެ ގްރޫޕްގައި ބަހްރެއިން ރޯޔަލް ގާރޑްގެ މެމްބަރުންވެސް ހިމެނެއެވެ.

ޕްރިންސާއި، މި ގްރޫޕްގެ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުވެސް ނޭޕާލަށް ދަތުރުކޮށް، ނޭޕާލްގެ މަނަސްލޫއާއި، ލޮބުޝޭ ފަރުބަދައަށްވެސް އަރާފައި ވެއެވެ.

އެދުވަސްވަރު ނޭޕާލް އޮތީ ބޭރު މީހުންނަށް އެއްކޮށް ބަންދުކޮށްފައި ނަމަވެސް، ނޭޕާލް ސަރުކާރުންވަނީ ޕްރިންސް ޝައިޚް މުހަންމަދު ހަމަދު މުހަންމަދު ބިން ޚަލީފާއާއި އޭނާގެ ގްރޫޕަށް ޚާއްސަ ހުއްދައެއްދީ ނޭޕާލަށް އެތެރެކޮށްފައެވެ.

ނޭޕާލް އަލުން ހުޅުވާލައި އަދި އެވަރެސްޓް ފަރުބަދައަށް އެރުމުގެ ފުރުސަތުވެސް ހުޅުވާލުމާއެކު، އެ ފަރުބަދައަށް އަރަން ބޭރުން އައި އެންމެ ފުރަތަމަ ގްރޫޕްތަކުގެ ތޭރޭގައި ބަހްރެއިން ޕްރިންސްގެ ގްރޫޕް ހިމެނެއެވެ.

ކޮވިޑްގެ ސަބަބުން ނޭޕާލްގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެ އެތައްހާސް ބައެއްގެ ވަޒީފާ ގެއްލިފައިވާއިރު، ފަރުބަދައަށް އެރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ގައިޑުންނާއި، ގެސްޓް ހޮޓާތައް ހިންގާ މީހުންގެ ވަޒީފާތައްވެސް ގެއްލި، އާމްދަނީ ލިބޭނެ ދޮރުތައް މުޅީން ހުރީ ބަންދުވެފައެވެ.

ނޭޕާލް އަލުން ހުޅުވާލިއިރު، ފަރުބަދައަށް އަރަން ބޭރުން އަންނަ އެންމެން 7 ދުވަހު ކަރަންޓީނުވާން ޖެހެއެވެ. އަދި ކަރަންޓީނު ނިންމައި ފަރުބަދައަށް އެރުމުގެ ދަތުރަށް ފެށެނީ ކޮވިޑް ނެގަޓިވް ޓެސްޓާ އެކުގައެވެ.

އިންޑިއާއިން ހަދިޔާކުރި އެއްމިލިއަން ޑޯޒްގެ އެސްޓްރަޒެނެކާގެ ވެކްސިނާއެކު، ނޭޕާލުން އެގައުމުގެ ރައްޔިތުންނަށް ވެކްސިން ޖަހަން ފަށާފައިވަނީ ޖެނުއަރީމަހުގެ ތެރޭގައެވެ.