އެމެރިކާގެ ނިއުޔޯކްގައި އޭޝިޔާ ނަސްލުގެ މީހުން ގިނައިން ދިރިއުޅޭ އަވަށްތަކުގައި ނިއުޔޯކް ފުލުހުން ވަރުގަދައަށް ފޯރިމަރަން ފަށައިފިއެވެ.

އޭޝިޔާ ނަސްލުގެ މީހުން ދިރިއުޅޭ އަވަށްތަކުގައި ނިއުޔޯކް ފުލުހުން ފޯރިމެރުން ވަރުގަދަ މިކުރީ، އެމެރިކާގެ އެޓްލާންޓާގެ މަސާޖް ޕާލާރތަކަށް މީހަކު ދިން ބަޑީގެ ހަމަލާތަކާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނެވެ.

މަސާޖް ޕާލާރތަކަށް ދެވުނު ބަޑީގެ ހަމަލާގައި 8 މީހުން މަރުވިއިރު، އޭގެތެރެއިން 6 މީހުންނަކީ އޭޝިޔާ ދަރިކޮޅުގެ 6 އަންހެނުންނެވެ.

ހަމަލާދެވުނު ހުރިހާ މަސާޖް ޕާލާރތަކަކީވެސް ދުވާލު މަސައްކަތްކުރާ ތަންތަން ކަމަށް ވެއެވެ.

މަސާޖް ޕާލާރތަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން މިހާރުވަނީ ހައްޔަރު ކޮށްފައެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ ޖޯޖިއާގެ ދެކުނުގެ ހިސާބަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތައް ދެވުނީ ކޮން ނިޔަތެއްގައިކަން އަދި ނޭނގުނަސް، ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓުގެ ކައުންޓަރ ޓެރަރިޒަމް ޔުނިޓުން އިތުރު ފުލުހުން މަގުތަކަށް ނެރެ، ތައްޔާރީ ހާލަތަށް ގެނައީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެއެވެ.

ސައުތު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ބަޑިޖަހައި މަރާލެވުނު 6 އަންހެނުންގެ ތެރެއިން 4 މީހުންނަކީ ސައުތު ކޮރެއާ ނަސްލުގެ މީހުން ކަމަށް އެޓްލާންޓާ ކޮންސިއުލޭޓް-ޖެނެރަލްގެ އޮފީހުން ބުނެފައިވާ ކަމަށެވެ.

ނަމަވެސް، އެއީ ސީދާ ކޮން ގައުމެއްގެ ރަށްވެހީންތޯ ބަލަމުންގެންދާ ކަމަށް ބުނެފައި ވެއެވެ.

މަސާޖް ޕާލާރތަކަށް ހަމަލާދޭން ފެށުނީ އަންގާރަ ދުވަހުގެ ހަވީރު އެމެރިކާ ގަޑިން 5:00 ގައެވެ. އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ އެޓްލާންޓާގެ އުތުރުގެ ޝެރޮކީ ކައުންޓީގައި ހުންނަ "ޔަންގްސް އޭޝިޔަން މަސާޖް" އިންނެވެ.

އެތަނަށް ދެވުނު ބަޑީގެ ހަމަލާގައި 4 މީހުން މަރުވިއިރު، އޭގެތެރެއިން 2 މީހުންނަކީ އޭޝިޔާ ނަސްލުގެ 2 މީހުންނެވެ. ދެން މަރުވެފައިވަނީ ދޮން ނަސްލުގެ އަންހެނަކާއި، ދޮން ނަސްލުގެ ފިރިހެނެކެވެ.

ހަވީރު 6:00 ގައި ފުލުހުންނަށް ރިޕޯޓް ލިބުނީ ގޯލްޑް ސްޕާ ބިއުޓީ ސެލޫނަށް ފޭރޭ ބަޔަކު ވަދެގެންއުޅޭ ކަމުގެ ރިޕޯޓެވެ. ފުލުހުން އެތަނަށް ދިޔައިރު 3 އަންހެނުންވަނީ މަރާލާފައެވެ.

އެހިސާބާ މާ ދުރުނޫން ހިސާބެއްގައި ހުރި އެރޯމާތެރަޕީއަށް ހަމަލާދިން ކަމުގެ ރިޕޯޓް ލިބިގެން ފުލުހުން ދިޔައިރު އެއް އަންހެނަކު ވަނީ ބަޑިޖަހައި މަރާލާފައެވެ.

އޭޝިޔާ ނަސްލުގެ އަންހެނުން ތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލި ހާދިސާ މި ހިނގީ، އޭޝިޔާ ނަސްލުގެ މީހުންނާމެދު ނަފްރަތުގެ އިތުރުވުމާއި، އޭޝިޔާ ނަސްލުގެ މީހުންނަށް މިފަހުން ދެވޭ ހަމަލާތައް އިތުރުވެފައި ވަނިކޮށެވެ.

މިކަމުގެ ތެރޭގައި، އޭޝިޔާ ނަސްލުގެ މީހުން ހިންގާ ވިޔަފާރިތަކަށް ސީދާ އަމާޒުކޮށް ގަސްދުގައި ހަމަލާތައް ދީފާނޭ ކަމުގެ ބިރުވެސް އުފެދިފައިވަނިކޮށެވެ.

އޭޝިޔާ ނަސްލުގެ 6 އަންހެނެއްގެ ގަޔަށް ބަޑިޖަހައި މަރާލި ހާދިސާ މި ހިނގީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން، ސައުތު ކޮރެއާއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

އެޓްލާންޓާގައި ދެވުނު ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ބްލިންކެންވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި އެ ހަމަލާތައް ބްލިންކެން ސިފަކުރެއްވީ ބިރުވެރި ކަމެއްގެ ގޮތުގައެވެ. އެފަދަ އަމަލުތައް ހިންގުމަށް އެމެރިކާގައި ފުރުސަތެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.