އެމެރިކާއަށް މިއަހަރު އެންމެ ބޮޑު ބިރުވެރިކަމެއް ދިމާވާން އޮތީ ދާޚިލީ ޓެރަރިސްޓުންގެ ފުށުން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން އިންޒާރުކޮށްފިއެވެ. މި އިންޒާރު އައިސްފައި ވަނީ ނާއިބް ރައީސް ކެމެލާ ހެރިސް ހުންނަވާ އިމާރާތު ކައިރިން ހަތިޔާރާއެކު މީހަކު ހައްޔަރު ކުރުމާ ގުޅިގެންނެވެ.

އުމުރުން 31 އަހަރުގެ ޓެކްސަސްގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ ހަތިޔާރާއި ގޮވާތަކެއްޗާ އެކު ކަމަށް ވޮޝިންޓަން ފުލުހުން ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ދުވަސްވަރު ނާއިބް ރައީސްގެ ގެކޮޅުގައި މަރާމާތުގެ މަސައްކަތް ހިނގަމުންދާތީ، ހެރިންއާއި އާއިލާ ދިރިއުޅުއްވަނީ، ރައީސްގެ މެހްމާންޚާނާ ކަމުގައިވާ ބްލެއަރ ހައުސްގައެވެ.

ޖާސޫސީ އިދާރާއިން ނެރެފައިވާ އިންޒާރުގައި ބުނެފައި ވަނީ އެމެރިކާގެ ސަރުކާރުގެ ބިލްޑިންގ ތަކަށާއި މަސްއޫލުވެރިންނަށް އަމާޒުކޮށް މިދުވަސްވަރު ހަމަލާތައް ރޭވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަން ކުރާ މީހުންނަކީ ހައްދުފަހަނައަޅާފައިވާ ނަސްލީ ދެކޮޅުވެރިން ކަމަށްވެސް އެފްބީއައިން ބުނެއެވެ.