މޮޒަމްބީކްގައި ހައްދުފަހަނަޅާފައިވާ މުސްލިމު ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުގައި ރަހުމަކާ ނުލައި ކުޑަ ކުދިން މަރަމުންދާ ކަމަށް ސޭވް ދަޗިލްޑްރެން އިން ބުނެފިއެވެ.

މޮޒަމްބީކްގެ އުތުރުގައި މުސްލިމުން ގިނަ ސަރަހައްދެއްކަމަށްވާ ކާބޯ ޑެލްގާޑޯގައި ހަނގުރާމަ ކުރަމުންދާ ހަރުކަށި މުސްލިމުންނަކީ އިސްލާމިކް ސްޓޭޓަށް ތަބާވާ މީހުންނެވެ. އަދި މޮޒަމްބީކްގައި މިމީހުން އޮޕަރޭޓް ކުރަނީ އައްޝަބާބްގެ ނަމުންނެވެ. ނަމަވެސް ސޯމާލިއާގެ ޓެރަރިސްޓް ޖަމާއަތާއި މިމީހުންނާ ގުޅުމެއް ނެތެވެ.

ސޭވް ދަ ޗިލކްޑްރެންއިން ޑޮކޮއމެންޓްކޮށްފައިވާ ގޮތުގައި އައްޝަބާބް އިން ވަނީ އުމުރުން ދިހަ އަހަރާއި އެގާރަ އަހަރުގެ ކުދިންގެ ވެސް ކަރުބުރިކޮށްފައެވެ.

ކާބޯ ޑެލްގާޑޯގެ ހަނގުރާމައިގެ ސަބަބުން 670 ހާސް މީހުން ވަނީ ވަޒަން ދޫކޮށްގޮސް ބިކަވެފައެވެ. 2017 ގައި ފެށިފައިވާ މި ހަމަނުޖެހުމުގައި ތިން ހާހާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައި ވެއެވެ.

ނިމިދިޔަ ހަފްތާގައި އެމެރިކާއިން ވަނީ މޮޒަމްބީކްގެ އައްޝަބާބަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައެވެ. އަދި އެމެރިކާއިން ވަނީ މޮޒަމްބީކް ސިފައިންނަށް ތަމްރީން ދިނުމަށް ސިފައިން ފޮނުވާފައެވެ. މީގެ އިތުރުން މުވާސަލާތީ ސާމާނުވެސް އެމެރިކާއިން ވަނީ މޮޒަމްބީކް ސިފައިންނަށް ދީފައެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލުން ބުނާ ގޮތުގައި މޮޒަމްބީކްގައި ހުރިހައި ފަރާތަކުންވެސް ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައެވެ. އެމެރިކާ ސިފައިންގެ ތަމްރީންތަކުގައި އިންސާނީ ހައްގަށް ޙުރުމަތްތެރިކޮށް ހިތުމަށް ސިފައިންނަށް ތަމްރީން ދިނުންވެސް ހިމެނެއެވެ.

އައްޝަބާބްއިން ހަނގުރާމަ ކުރާ ސަރަހައްދަކީ ގިނަ އަދަދަކަށް ތަބީއީ ގޭސް ހިމެނޭ ސަރަހައްދެކެވެ. ފްރާންސްގެ ޓޯޓަލްއިން ވަނީ މި ސަރަހައްދުން ގޭސްނެގުމަށް އިންވެސްޓް ކޮށްފައެވެ.

މޮޒަމްބީކްގެ އާބާދީގެ 52 އިންސައްތައަކީ ކްރިސްޓިއަނުންނެވެ. މުސްލިމުން ގެ ނިސްބަތަކީ 18 އިންސައްތައެވެ. ނަމަވެސް އުތުރުގައި ބައެއް ހިސާބުތަކުގައި މުސްލިމުންގެ އާބާދީ 50 ޕަސެންޓަށް ވުރެން ގިނައެވެ.