ސާބިތު ނުހިފޭ ތޯތޯ މައުލޫމާތާއި ޚަބަރުތައް ނުފަތުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިވެހި މީޑިއާއަށް އަންގަވައިފިއެވެ.
އެތަނުން ނެރުނު ބަޔާނެއްގައި މިކަން އަންގާފައިވަނީ އުތުރު ތިލަފަޅު ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމާ ގުޅިގެން ތަފާތު ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. އުތުރު ތިލަފަޅު ތަރައްގީ ކުރުމުގެ އެއްބަސްވުމެއް އިންޑިއާ ސަރުކާރާއި ދިވެހިސަރުކާރާ ދެމެދުވަނީ ވެފައެވެ. އެ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވަނީ އެއްބަސްވުމެއް ލީކުކޮށްފައެވެ.
އެހެންނަމަވެސް ޑިފެންސް މިނިސްޓްރީންނާއި ދިވެހި ސިފައިންގެ އިސްޖެނެރަލުން ވަނީ އެއީ އަސްލެއްނޫން ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ޢުމަރު ވިދާޅުވެފައިވަނީ އެއީ އަސްލެއް ނޫންކަމަށްވާނަމަ ހަގީގަތް ރައްޔިތުންނަށް ހާމަކުރެއްވުމަށެވެ. އޭނާ ލީކުކޮށްލީ މިދިޔަ އަހަރު ޖޫންމަހު އިންޑިއާއިން ރާއްޖެއަށް ފޮނުވި ޑްރާފްޓް އެއްބަސްވުމެއް ކަމަށެވެ. ސޮއިކުރުމުގެ ކުރިން އެއަށް ބަދަލު ގެނެސްފައިވާކަމެއް ނުވަތަ ނޫންކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އެއީ ސިވިލް އެއްބަސްވުމެއް ކަމަށްވާނަމަ ރައްޔިތުންނަށް އެ އެއްބަސްވުން ދައްކަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިލިޓަރީ އެއްބަސްވުމެއް ކަމަށްވާނަމަ ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވެފައިވަނީ މިއެއްބަސްވުން ބަލަންޖެހޭނީ ބޮޑު ލެންސަކުން ކަމަށެވެ. ދިވެހިސަރުކާރާއި އިންޑީއާ ސަރުކާރައެކު ވެފައިވާ މިފަދަ އެއްބަސްވުންތައް ބާތިލްކުރާނެ ދުވަހެއް ވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އުތުރުތިލަފަޅު އެއްބަސްވުމާ ބެހޭ ގޮތުން ސިފައިން ވިދާޅުވެފައިވަނީ އެއިން ރާއްޖެއަށް ގެއްލުން ނުވާނެ ކަމަށާއި ވާނީ ފައިދާ ކަމަށެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އެ އުވައިލެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެފައިވެއެވެ. މިއީ ދިވެހި އަސްކަރިއްޔާގެ ފުލް ބާރު ހިނގާގޮތަށް އޮތް އެއްބަސްވުމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެމްއެމްސީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ލިބިގެންވާ ހައްގެއް ކަމަށެވެ. އެހެންނަމަވެސް އެ ހައްގު ބޭނުންކުރަންވާނީ ޒިންމާދާރުކަމާއި މަސްއޫލިއްޔަތުތަކާ އެކު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އާންމު ފަރުދުންގެ އަބުރަށާއި ހައްގުތަކަށް އުނިކަމެއް އަތުވެދާނެ ފަދަ މައުލޫމާތަކަށް ވާނަމަ، އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް އެމްއެމްސީގެ ގާނޫނާއި މީޑިއާގެ އާންމު އުސޫލާއި ހަމަތަކާ ޚިލާފު ކަމެއް ކަމަށް ވެސް އެބަޔާނުގައި ވެއެވެ.