އޭނާ އަލަމާރިން ކުޑަކުޑަ ޓޯޗުބައްތިއެއް ނަގައިފިއެވެ. އޭނާ ބޭނުން ވަނީ ބޭރަށް ނުކުމެ، އެ ގެއަށް މީހަކު ވަނީ ކިހިނެއްތޯ ބަލާށެވެ.

ނުވަންނަ ކަމުގައި ވަނީ ނަމަ ﷲ އަށް ޙަމްދު ހުއްޓެވެ. ވަދެފައި ހުރިއްޔާ…؟

ދެން އޭނާ ހުޅުވައިލީ އަލަމާރީގައި ވަކިން ހުރި ވަތްގަނޑެކެވެ. ވަތްގަނޑުން ނެގީ ކުޑަކުޑަ ފިސްތޯލައެކެވެ. އޭރުވެސް ގުގުރާ އަޑު އިވެއެވެ. އޭނާގެ ހިތަށް އެރިއެވެ. ބޭރުން މިރޭ މި ގެއަށް މީހަކު ވަނިއްޔާ، އެހެން ރެއަކު ވަންނާން އެ މީހަކު ދިރި ހުރެގެން ނުވާނެއެވެ.

އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. ގޮސް ވަނީ ބަދިގެއަށެވެ. ގޭގެ ފުރަގަހަށް ނުކުމެވޭ ގޮތަށް އެ ގޭގައި ހުންނަނީ ދެ ދޮރެވެ. އެއް ދޮރު ހުންނަނީ ބަދިގޭގައެވެ. އަނެއް ދޮރު ހުންނަނީ ޖަވާދުގެ ކޮޓަރީގައެވެ. އޭނާ ބަދިގެއިން ބޭރަށް ނުކުމެވެން ހުންނަ ދޮރު ހުޅުވައިލާފައި ބޭރަށް ނުކުމެއްޖެއެވެ. ބޯކޮށް ވާރޭ ވެހެއެވެ. ނުކުތުމާއެކު ރަނގަޅަށް ތެމި ފޯވެއްޖެއެވެ. ވިދާ ގުގުރަނީއެވެ. ތަނެއް ފެންނަނީ ވިދާލާ ވަގުތުއެވެ. ގޭގެ ފުރަގަހަށް އޮތް ބަންޑާރަ މަގުގެ މަގުބައްތިތައްވެސް ހުރީ ނިވިފައެވެ. އޭނާ މަޑުމަޑުން ޓޯޗުބައްތީން އަލި ކުރަމުން ފާރު ކައިރިން މަޑުމަޑުން ހިނގާފައި ގޮސް ފީރޯޒާގެ ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ހުއްޓިއްޖެއެވެ. ރަނގަޅަށް ބަލައިލީ އިރު ކުޑަދޮރު ހުރީ ލައްޕައިފައެވެ. އެތެރޭގެ ދޮރުފޮތިވެސް ދަމައިފައެވެ.

ދެން އޭނާ ދިޔައީ ޖަވާދުގެ ކޮޓަރި ކައިރިއަށެވެ. އެ ކޮޓަރީގެ ކުޑަދޮރުވެސް ހުރީ ލައްޕައިފައެވެ. ދޮރުފޮތިވެސް ދަމައިފައެވެ. ބޭރަށް ނުކުމެވޭ ދޮރު ހުރީ އޭނާ ހުރި ތަނުން ދެތިން ފިޔަވަޅެއްހައިތަން ދުރުގައެވެ. އޭނާ އަލި ކޮށްލިއެވެ. ދޮރާދިމާއަށް ބޭރަށް ހުރި ހަރުފަތުގައި ކިސަޑު ހުއްޓެވެ. އަދި އެއީ މީހެއްގެ ފައިގެ ނިޝާންކަން އެނގޭ ވަރަށް ފާހަގަ ވާން ހުއްޓެވެ. ކޮންމެވެސް މީހަކު ބޭރުން އައިސް އެ ކޮޓަރިއަށް ވަންކަން ސާފުކޮށް އެނގެއެވެ.

ކުއްލިއަކަށް ވަރަށް ބާރަށް ގުގުރައިގެންފިއެވެ. އެ ގުގުރިއާއެކު މި ފަހަރު ހޮނު އެޅީ އޭނާގެ ހިތަށެވެ. އޭނާ ފިސްތޯލައިގެ މުއްގަނޑުގައި ބާރަށް ހިފަަހައްޓައިލިއެވެ. އަބުރުގެ ލުޓޭރު މިހާރު އޮތީ އޭނާގެ ގޭގައެވެ. ގޭތެރޭގައި ފިސްތޯލަ ޖަހައިފިއްޔާ މުޅި ހިސާބުގަނޑަށް އަޑު ފެތުރި ބަދުނާމު ވެދާނެއެވެ. ގެއިން ބޭރުގައި ޖަހައިގެން ވާނޭ ގެއްލުމެއް ނެތެވެ. ގޯތިތެރޭގައްޔާއި މަގުމަތީގައި ކުއްތާ މަރު ވުމަކީ އާދައިގެ ކަމެކެވެ.

އޭނާ ކޮޓަރިއާ ދުރަށް ހިނގައިގެންފިއެވެ. މަޑުމަޑުން ހިނގާފައި ގޮސް ބޭރަށް ނުކުންނާން ހުންނަ ދޮރާށީގެ ކައިރީގައި ހުއްޓިއްޖެއެވެ. އޭނާގެ ޅީދަރީގެ ކޮއްކޮވެސް ނުކުންނާނީ އެ ދޮރާށިންނެވެ. އިރުކޮޅަކު ބޭރު ބަލަހައްޓައިގެން ހުރެފައި ދޮރާށީގެ އެއް ފަރާތުގައި ގޯތި ތެރޭގައި ހުރި ގަހެއްގެ ހިޔަލަށް ވަދެއްޖެއެވެ.

އޭނާ ހިތާހިތުން ދުޢާ ކުރަން ފަށައިފިއެވެ. “ފީރޯޒާގެ ބައްޕައަށް ހިލަމެއްވެސް ނުވެ މި ކަންތައްގަނޑު ނިންމައިލެވޭނޭ ގޮތް މެދުވެރި ކުރައްވާށިއެވެ. މިއަޅާގެ ނިޔަތް އިބަކަލާނގެ ދެނެވޮޑިގަތުންބޮޑެވެ. ފީރޯޒާގެ ބައްޕައަށް އޭނާގެ ދަރިފުޅުގެ ހަޔާތްކުޑަ ޙަރަކާތްތައް އެނގިއްޖެއްޔާ އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. އޭނާ ހަމަ ވަގުތުން މަރުވާނެއެވެ. އެކަހަލަ ގޮތެއް މެދުވެރި ނުކުރައްވައި ލަދު ހަޔާތް ކެނޑުމުގެ ޑްްރާމާ މިރެއިން މިރެއަށް ނިމިގެން ދާނޭ ގޮތް މެދުވެރި ކުރައްވާށިއެވެ.

އޭނާ ދުޢާ ކުރަމުން ދަނީއެވެ. ވަގުތު ފާއިތު ވަމުން ދެއެވެ. މެންދަމުން އަލިވެ ދޭއް ޖަހައިފިއެވެ. އިންތިޒާރުގެ ވަގުތުތައް ދަނީ ދިގުލަމުންނެވެ. ތިނެއް ޖެހިތަނާ ޖަވާދުގެ ކޮޓަރީގެ ފުރަގަހު ދޮރު މަޑުމަޑުން ހުޅުވިއްޖެއެވެ. ވަގު ކަލޭގެ ސިއްރުސިއްރުން ނުކުމެއްޖެއެވެ. ދުރަށް ނަޒަރު ހިންގައި ބަލައިލުމަށް ފަހު ހިތްހަމަ ޖެހުމާއެކު އެތެރެއަށް އިޝާރާތުން އަންގައިލިއެވެ. ސަލްމާ ދޮރު ލައްޕައިފިއެވެ. ހުރިހައި ކަމެއް ފެންނަނީ ވިދުވަރުގެ އަލީގައި ކެނޑިކެނޑިގެން ކަހަލަ ގޮތަކަށެވެ. އަކްބަރު މަޑުމަޑުން ދޮރާށްޓާ ދިމާއަށް ހިނގައިގެންފިއެވެ.

އޭނާ ހީކޮށްގެން ހުރީ އަކްބަރު ނުކުންނާނީ ދޮރާށިން ކަމުގައެވެ. އެކަމަކު ކަންތައް ވީ އެހެންނެއް ނޫނެވެ. އޭނާ މިސްރާބު ޖެހީ ގޭގެ އެއް ފަރާތު ފާރާ ދިމާއަށެވެ. އޭނާވެސް ގަހުގެ ހިޔަލުން ނުކުމެއްޖެއެވެ. އަދި އަކްބަރުގެ ފަހަތުން ވަގު ފިޔަވަޅުތަކެއް އަޅަމުން ހިނގައިގެންފިއެވެ. ވާރޭގެ ސަބަބުން އޭނާއަކަށް ފުރަތަމަ ފިޔަވަޅުގެ އަޑެއް ނީވެއެވެ. އެކަމަކު ކުއްލިއަކަށް އޭނާ ހުއްޓިއްޖެއެވެ. ފަހަތުން މީހަކު އަންނަ ކަމުގެ އިހްސާސް ކުރެވުނީއެވެ. އޭނާ އެނބުރި ބަލައިލިއެވެ. ފހަތުގައި މިހިރީ ފީރޯޒާގެ މަންމައެވެ. “މަން…” އޭނާއަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.

މަންމަ ފިސްތޯލަ އޭނާއާ ދިމާއަށް އަމާޒު ކޮށްލިއެވެ. އޭނާ ސިހިފައި ފަހަތަށް ޖެހިލިއެވެ. “ތިޔަ އުޅުއްވަނީ ކީއް ކުރައްވަންތޯ-؟ ތިޔަ އެއްޗެއް ގޮވައި…”

އޭނާ ރުޅި އައިސް ރަތްވެފައި ހުރެގެން އަމުނައިގެންފިއެވެ. “ވިޔާނުދާ… ނުލަފާ… ކުއްތާ… މި ފިސްތޯލައިގައި ހުރި ވަޒަންތައް އަދިވެސް މަދު- ދަރިފުޅާ މެދު ނުވިސްނާ ނަމަ ކަލޭ މަރައިލީހީ ކުދި އަނިޔާ ކޮށްގެން- އެކަމަކު ކަލޭ ފަށައިގެން ތިޔަ އުޅޭ ލަދުހަޔާތް ކުޑަ ކަމުގެ ކުޅިގަނޑު މިރޭ ހަމަ ވަގުތުން ނިންމާލަން އަހަރެން ބޭނުން- އަހަރެންގެ ގޭގެ އަބުރު ރައްކާތެރި ކުރެވޭނީ ކަލޭ ހަމަ މި ވަގުތު ޖަހަންނަމައަށް ފޮނުވާލައިގެން…”

މިއީ ނުރައްކާތެރި ދަނޑިވަޅެއްކަން އަކްބަރަށް ވިސްނިއްޖެއެވެ. އޭނާ ކުއްލިއަކަށް ކިސަޑުގަނޑުގެ ތެރެއަށް ވެއްޓިގެންފިއެވެ. މަންމަ ފިސްތޯލަ ޖެހީ ސީދާ އެ ދަނޑިވަޅުގައެވެ. ގުގުރުމުގެ އަޑާއެކު އެ އަޑު ފަޒާގެ ތެރެއަށް އަރައިގެން ހިނގައްޖެއެވެ. ދެވަނަ ވަޒަން ޖެހުމުގެ ކުރިން އަކްބަރު ދެއަތުން މަންމަގެ މޫނަށް ކިސަޑު ޖަހައިފިއެވެ. ތަނެއް ދޮރެއް ނުފެނި ފިސްތޯލަ ޖަހާނީވެސް ކިހިނެއް ހެއްޔެވެ؟

ލޮލުން ދިލަ ނެގި ނަމަވެސް، އަންދާސާކޮށްފައި ފިސްތޯލަ ޖަހަން އޭނާ މަސައްކަތް ކުރިއެވެ. އެކަމަކު އޭނާގެ އަތްދަނޑީގައި ބާރު ގަދަ އަތަކުން ހިފައިފިއެވެ. އަކްބަރް އޭނާގެ އަތް އަނބުރައިލީ ބާރުކަމުން، އޭނާއަށް ހަޅޭއް ލަވައިގަނެވުނެވެ. ފިސްތޯލަ އަތުން ދޫ ވެގެން ވެއްޓިއްޖެއެވެ. އަކްބަރް އޭނާގެ މޫނުމަތީގައި އަތް ދަމާފައި ޖަހައިފިއެވެ. އޭނާ ކަނޑައި ވައްޓާލި ރުއްގުޅިއެއްހެން ބިންމައްޗަށް ވެއްޓިއްޖެއެވެ.

އެއްކޮޅުން މުސްކުޅި ހާލެވެ. އަނެއްކޮޅުން ތަނެއް ދޮރެއް ނުފެނެއެވެ. އޭނާ ތެދުވާން މަސައްކަތް ކުރިއެވެ. އެކަމަކު އޭގެ ކުރީން އަކްބަރް އޭނާގެ ކަރުގައި ހިފައިފިއެވެ. އޭނާ ސަލާމަތް ވާންވެގެން ތެޅިފޮޅެނީއެވެ. އެކަމަކު އަކްބަރްގެ އަތްދަށުން ސަލާާމަތް ވެވޭނެހައި ބާރެއް އޭނާގެ ނިކަމެތި ހަށިގަނޑަކު ނެތެވެ. އޭނާގެ ނޭވާ ކުރުވާން ފަށައިފިއެވެ.

އެ ހާލަތުގައިވެސް އޭނާގެ ސިކުނޑިއަށް ވެރިވެފައި ވަނީ ބަދުނާމުގެ ބިރެވެ. ހަޅޭއް ލަވައިގަތީމާ ބަޔަކު އައުން އެކަށީގެންވެއެވެ. އެހެން ވެއްޖެނަމަ މުޅި ރަށަށް އޭނާގެ ދަރިފުޅު ބަދުނާމު ވާނެއެވެ. ދެވަނައަށް ހިތަށް އަރަނީ ކިތަންމެ ބާރަކަށް ހަޅޭއް ލެވިޔަސް އެ ވިއްސާރައިގެ ތެރޭގައި މީހަކަށް އަޑެއް ނީވެނެއޭއެވެ.

އަކްބަރް އޭނާގެ ކަރަށް ބާރަށް ފިއްތަމުން، ބިންމަތީގައި އޭނާގެ ބޯ ތަޅަމުން ގެންދިޔައެވެ. އަދި ކިޔަމުން ދިޔައެވެ. “ހަރާން ބަކަަރި- އަހަންނާ ދިމާއަށް ބަޑި ޖަހާނަމޭ ހީކުރީތަ-؟ ކިތައް މައިންގެ ކިތައް ދަރިން އަހަރެން ހަަޖަމު ކުރިކަން ކަލެއަށް އެނގޭތަ-؟ ކަލޭ ތިޔައީ ވަކި ކާކު-؟ މާ މޮޅު މަޔަކީތަ-؟ މިވަނީ މާ ރަނގަޅަށް- ކަލޭ ނެތީމާ އަހަރެންގެ މަގަށް އެޅިފައި އޮތް ހުރަސް ނެތިގެން ހިނގައިދާނެ-“

އޭނާގެ މުޅި މޫނު މިހާރު އޮތީ ކިސަޑުގަނޑުގެ ތެރޭގައެވެ. ނޭވާލާން ކުރާ މަސައްކަތް ކާމިޔާބު ވާ ގޮތެއް ނުވިއެވެ. ތެޅިފޮޅެމުން ގޮސް މަޑުމަޑުން ހަށިގަނޑުގެ ހަރަކާތް ހުއްޓޭން ފަށައިފިއެވެ. ފިނިވާން ފަށައިފިއެވެ. އެންމެ ފަހުން ގޮސް ހަރަކާތް މުޅީން ހުއްޓިއްޖެއެވެ.

އަކްބަރް އޭނާގެ ކަރުން ދޫކޮށްލައިފިއެވެ. ނޭވާ ލާތޯ ބަލާން ކުޑަ އިރުކޮޅަކު މަޑުކޮށްލިއެވެ. ނޭވައެއް ނުލިއެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ބޯ ހިއްލައެއް ނުލިއެވެ. އެހެންވީމާ ދެން ހަރަކާތެއް ނުކުރާނޭކަން ހަމަ މުޅީން ޔަގީން ވެއްޖެއެވެ.

މަޔަކު އޭނާގެ ދަރިފުޅު އުފެއްދި ކިސަނޑުގަނޑުގެ ތެރޭގައި މަރު ވެގެން ހިނގައްޖެއެވެ. އަކްބަރް މަންމަގެ ފުރާނަނެތް ހަށިގަނޑުގައި ކޮޅުފައިން އެތިފަހަރެއް ޖަހައިފައި އެގެއިން ނުކުމެގެން ހިނގައްޖެއެވެ.

* * *

ތަހުޒީބާއި، އަބުރުވެރިކަމާއި، ލަދާ ހެދި ހަނގުރާމަކުރި މީހާގެ މުޅަ ހަށިގަނޑު އެތާނގައި އޮތީއެވެ. މަޑުމަޑުން ވާރޭ ތުނި ކުރާން ފަށައިފިއެވެ. ވަގުތު ފާއިތުވަމުން ގޮސް ފަތިސް ނަމާދުގެ ބަންގީގެ އަޑު ފަޒާގައި ގުގުމާލައިފިއެވެ. ނަމާދަށް ދިޔަ މީހުންނަށް ފުރަތަމަ އަޅައިގަތީ އެއްޗެކެވެ. އެއީ އެއްޗެއް ނޫންކަމާއި މީހަކުކަން އެނގުނީ ކައިރިން ބަލައިލީމައެވެ. ޗަވްދަރީ ޢިނާޔަތު ޙުސައިންގެ މީހުން ހިސާބުގަނޑު އެންމެން ދަނެއެވެ. އެކަމަކު މޫނު އޮތީ ކިސަޑުގަނޑުގެ ތެރޭގައި ކަމަށް ވާތީ އެއީ ކާކުކަމެއް ނޭނގެއެވެ. މަޑުމަޑުން މީހުން އެތަނަށް ޖަމާވާން ފަށައިފިއެވެ.

ފުލުހުން އައިސް މޫނު ސާފުކޮށްލީމާ ވަކި މީހަކު އެނގިއްޖެއެވެ. ފުލުހުން ގޮސް ޢިނާޔަތު ޙުސައިންގެ ގޭ މީހުންނަށް ގޮވައިފިއެވެ. އެ މީހުން ނުކުމެގެން އަތުވެއްޖެއެވެ. ޖަަވާދަށް އޭނާގެ މަންމަ ފެނުނީމާ ގާވެއްޖެއެވެ. ހުރިތާނގައި ހުއްޓިއްޖެއެވެ. ޢިނާޔަތު ޙުސައިން އަރިއަޅާލައިގެން ވެއްޓެން ދިޔަ ދަނޑިވަޅު ނުވެއްޓި ސަލާމަތްވީ ބަޔަކު ހިފެހެއްޓީމައެވެ.

ސަލްމާއާއި ފީރޯޒާއަށްވެސް މި ޚަބަރު ލިބިއްޖެއެވެ. ފީރޯޒާ އަޑުންއަޑު ނަގައި ރޯން ފަށައިފިއެވެ. ސަލްމާއަކަށް ބުނާނޭ އެއްޗެއް، ކުރާނޭ ކަމެއް ނޭނގުނެވެ. ހިސާބުގަނޑުގެ އަންހެނަކާ ސުވާލު ކުރާން ފަށައިފިއެވެ. ތަނެއް ދުށިންތޯ، މީހަކު ދުށިންތޯ އޮޅުން ފިލުވާން ފަށައިފިއެވެ. މިއީ ކިހިނެއް ހިނގި ކަމެއްކަން އޭނާއަށް ޔަގީނާ ގާތަށް އެނގެއެވެ.

އެތަނުން ފިސްތޯލައެއްވެސް ފެނުނެވެ. އެހެންވީމާ ފުލުހުން މައްޔިތާ ގެންދިޔައިރު ދިޔައީ ޢިނާޔަތު ޙުސައިނާއި، ޖަވާދުވެސް ގޮވައިގެންނެވެ.

ހިސާބުގަނޑުގެ ބޮޑެތި ގޭގޭގެ މީހުން އެގެއަށް އައިސް ސަލްމާއާއި ފީރޯޒާއާ ބައްދަލުކޮށްފައި ހިތާމަ ފާޅު ކުރާން ފަށައިފިއެވެ.

ފީރޯޒާ އެއް ފަރާތަކަށް ގެންގޮސްފައި ސަލްމާ ބުންޏެވެ. “ކަލޭ މި ވަގުތު ހުންނާނީ ލިބުނު ސިހުމުގައިކަން އަހަންނަށް އެނގޭ- އެކަމަކު މިއީ ވިސްނުންތެރިކަން އިސް ކުރާން ވީ ވަގުތެއް- ފުލުހުން އައިސް އަހަރެމެންނާ ވަރަށް ސުވާލު ކުރާނެ- ހަނދާން ކުރާތި- ނަމަނަމަ އަކްބަރް މިގެއަށް އައި ވާހަކަ ނުބުނާތި-“

ފީރޯޒާގެ ސުވާލުގެ ނަޒަރަކުން އޭނާގެ ފަހަރިއާ ދިމާއަށް ބަލައިލިއެވެ. ސަލްމާ ބުންޏެވެ. “ބޭރުގައި ތިބި މީހުންނާ އަހަރެން ސުވާލު ކުރިން- މީހަކު މަންމަ މަރައިލީ ކަމަށް ވަނީ ކިސަޑުގަނޑުގެ ތެރެއަށް ގަންބައި ހާސް ކުރުވައިގެން- ފުލުހުން އެންމެ ފުރަތަމަ ޝައްކު ކުރާނީ މިގޭ ފިރިހެނުންނަށް- ދެން ބަލާނީ މިގެއަށް ރޭ އައި ބަޔަކަށް-“

“މަންމަ ރޭ ދަންވަރު ބޭރަށް ނުކުތީ ކީއްކުރަންކަނ އެނގޭތަ-؟”

“އަދި ތިޔަ ކަހަލަ އެއްވެސް ކަމެއް ނޭނގޭ- އެކަމަކު ކަލެއަކީވެސް އަމިއްލައަށް ވިސްނަން އެނގޭ މީހެއް- އަކްބަރް މިގެއަށް އައިކަން ހަމަ އެއްގޮތަކަށްވެސް އަންގައިގެން ނުވާނެ-“

ދެ މީހުން ބޮޑު ކޮޓަރި ތެރެއަށް އަތުވެއްޖެއެވެ. އެތާނގައި ތިބީ ހިތާމަ ފާޅު ކުރާން އައިސް ތިބި އަންހެނުންނެވެ. ދެ މީހުން ތިބީ އެ މީހުންގެ ވާހަކަތައް އަޑު އަހާށެވެ. އެމީހުން ދިޔައީ މަންމަގެ ރަނގަޅު ކަމުގެ ވާހަކަ ދައްކަމުންނެވެ. އެކަމަކު އޭރު ފީރޯޒާގެ ސިކުނޑީގައި ވަރުގަދަ ހައިޖާނެއް ހިނގަމުން ދިޔައެވެ. އޭނާގެ ހިތަށް އެރިއެވެ. ރޭ މަންމަ އަހަންނަށް ފާރަލީއެވެ. މަންމައަށް އަކްބަރް ފެންނާނީއެވެ. ސިއްރު ބޭޒާރު ވެދާނެތީ އަކްބަރް މަންމަ މަރައިލީއެވެ.

އޭނާ ވިސްނަމުން ދިޔައެވެ. “ކަންތައް ހިނގި ގޮތަކީ އެއީ ކަމަށް ވާނަމަ އަހަރެން ކަންތައް ކުރަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟ މަންމަގެ މަރުގެ ހިތާމަ ކުރާނީ ހެއްޔެވެ؟ ލޯބީގެ ކާމިޔާބީ ފާހަގަ ކުރާނީ ހެއްޔެވެ؟ މަންމަގެ ގާތިލަކީ އަކްބަރޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ މިއީ ދޮގު ޚިޔާލެއް ކަމުގައި ލައްވާށިއެވެ! މަންމަގެ ގާތިލަކީ އެހެން މީހަކު ކަމުގައި ވާށިިއެވެ!”

އޭނާގެ ލޯ ވަނީ ތެމިފައެވެ. އިސް ޖަހައިލައިގެން އަނގައިންވެސް ނުބުނެ އިނީއެވެ. އެތާނގައި ތިބި މީހުން ހީކުރީ މަންމަގެ މަރުގެ ހިތާމައިގައި އެހެން އިނީ ކަމުގައެވެ. އެހެން ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާގެ ހިތުގައި ހިނގަމުން ދަނީ އަކްބަރުގެ ޚިޔާލެވެ. މަންމަގެ މަރާއި އަކްބަރާ ގުޅުމެއް އޮވެދާނެ ބާވައޭ ހިތައި ކުރެވޭ ފިކުރެވެ. އޭނާ ދެކެ ފުރާނައަށްވުރެވެސް ބޮޑަށް ލޯބިވާ އަކްބަރު އޭނާގެ މަންމަ މަރައި ނުލާނެއޭ އޭނާގެ ހިތަށް އެރިއެވެ. މަންމަ ރުހޭ ގޮތަކަށް އިސްކަން ދިނުމުގެ ގޮތުން މަންމަ ބޭނުން ވާ ދުވަހަކު ކާވެނީގެ ކަންތައްތައް ހަމަޖައްސާން އަކްބަރު ހުރީ ތައްޔާރަށެވެ. އެ މިންވަރަށް ލޯބިވާ މީހަކު ފުރާނައެއް ދުއްވައިލާނީ ކިހިނެއް ހެއްޔެވެ؟

ސަލްމާ ދެވަނަ ފަހަރުވެސް ފޯނުން އަކްބަރާ ގުޅޭތޯ މަސައްކަތް ކުރިއެވެ. އޭރުވެސް އޭނާ ގެއަކު ނެތެވެ. ޢިނާޔަތު ޙުސައިން ފުލުސް އޮފީހުން އެނބުރި އައިސް ބުނި ގޮތުގައި އަކްބަރާއި ޖަވާދާ ދެ މީހުން ތިބީ ފުލުސް އޮފީހުގައެވެ. އެއީ ޕޯސްޓް މޯޓެމް ރިޕޯޓު ލިބޭންދެނެވެ. ރިޕޯޓު ލިބުނީމާ މައްޔިތާ ގޮވައިގެން އެ ދެ މީހުން ގެއަށް އަންނާނެއެވެ. ބައްޕަގެ ވާހަކަ އިވުނީމާ ފީރޯޒާގެ ހިތް ހަމަ ޖެހިއްޖެއެވެ. ގޭގެ މީހެކޭ އެއްފަދައިން މަންމަގެ ޖަނާޒާގެ ކަންތައްތަކާއިގެން އުޅޭތީއާވެސް އެކުގައެވެ.

މައްޔިތާ އޮތް ތަނުން ފެނުނު ފިސްތޯލައަކީ އޭނާގެ އެއްޗެއް ކަމަށް ޢިނާޔަތު ޙުސައިން ވަނީ ފުލުހުންނަށް ބަޔާން ދީފައެވެ. އެކަމަކު އޭނާގެ އަނބިމީހާ ރޭގަނޑުގެ، އެ ވަގުތު ފިސްތޯލަ ހިފައިގެން ބޭރަށް ނުކުތީ ކީއްކުރަން ބާވައޭ އޭނާގެ ހިތަށް އަރައެވެ. އެއީ ހައިރާން ވާ ވަރުގެ ކަމެކެވެ. އޭނާ ނުކުތީ ކާކު މަރާލަން ބާވައެވެ؟ އެންމެ ފަހުން މަރު ވެގެން ދިޔައީ ކާކުގެ އަތުން ބާވައެވެ؟ މި ސުވާލުތަކުގެ ޖަވާބެއް ހޯދާކަށް ޖަވާދަކަށްވެސް ނޭނގުނެވެ. ފުލުހުންނަކަށްވެސް ކުރިއެރުމެއް ނުލިބެއެވެ. މައްޔިތާ އޮތް ތަނަށް މީހުން އެއްވުމުގެ ސަބަބުން ގާތިލުގެ ފައިތިލައިގެ ނިޝާންވެސް ވަނީ ފުހެވިގެން ގޮސްފައެވެ.

(ނުނިމޭ)