ހަވަނަ ބައި

(ދެން އެ ހަނދުވަރުން ލިބޭނެ އުފަލެއް ނެތެވެ.)

ލިޔުނީ: ނިރު، ޝާހީން މުޙައްމަދު

ރަށުގެ އެތަންމިތާ ދުއްވާނެ ވަރަކަށްދުއްވާ މަޖާކުރުމަށްފަހު ޝައިބާގެ ދެމަފިރިން އައީ އުފަލުން ފޮޅެމުންނެވެ. ގެއަށް އައިސް ވަން ޝައިބާއަށް އަހުމަދުގެ ސައިކަލް ގޭގައި ހުރިތަން ފެނުމުން ތިއްތިބެ އިފާ ގޮވައިގެން ދުއްވާލަން ގޮސްފައި އަތުވެއްޖެކަން އެނގުނެވެ. އެހެންކަމުން ޝައިބާ ވެސް ވަނީ އެހިސާބުން ކޮޓަރިއަށެވެ. ޝަނޫން ޝައިބާގެ އިންތިޒާރުގައި ހުންނާނެކަން އެނގޭތީއެވެ.

ޝައިބާމެން ރަށަށްދާން ފުރަން އޮތް ދުވަހު ހެނދުނުކޮޅު އިފާ އާއި ޝައިބާ ދިޔައީ ކުޑަކޮށް ބާޒާރުކޮށްލާށެވެ. ބޭނުންވާ ބައެއް ސާމާނު ގަނެގެން ދެ މީހުން އައީ ކޮތަޅުތައް އަތުން ހިފައިގެން ހިނގާލާފައެވެ. ދިޔައީ މާދުރުގައި ހުރި ފިހާރައަކަށް ނުވާތީއެވެ. މައިމަގުން ކުރިއަށް ހިގާފައި އައި ޝައިބާމެން ގާތަށް އައިސް މަޑުކުރި ސައިކަލުން ފޭބީ ކޮންމެވެސް ވަރަކަށް ޝައިބާ ދެކެ ފަރިތަ މީހެކެވެ. އެއީ ކުރީ ފަހަރެއްގައި މަންމައާ ބައްދަލުކުރަން މިރަށަށް އައި އިރު މަންމަމެންގެއިން ދިމާވި މީހެކެވެ. ނަން ހަނދާން ނެތަސް މޫނުމަތިން އެ ޒުވާނާ އެއީ ދެކެފައިވާ މީހެއްކަން އެނގޭތީ ޝައިބާ ކުޑަކޮށް ހީނލިއެވެ. "ޝައި، ކޮން ދަތުރެއް! ކިހނެއް!"

އެ ޒުވާނާ ޝައިބާއާ ވާހަކަ ދެއްކީ ސައިކަލުން ފައިބާ ޝައިބާ މެންނާ އެއްވަރަކަށް ކުރިއަށް ހިނގައިގަންނަމުންނެވެ.

"ރަނގަޅު! ކާކުކަމެއް ހަނދާނަކަށް ނާދޭ!"

ޝައިބާ ވާހަކަދެއްކީ ރީތިކޮށްނެވެ. ކާކުކަން ދެނެގަންނަން ހަނދާން ކުރަނީކަން ޝައިބާގެ މޫނުމަތިން ހާމަވާން ހުއްޓެވެ. ޝައިބާގެ ޖަވާބު އަޑުއިވުމުން އެ ޒުވާނާ ހީނލިއެވެ.

"ކުރީފަހަރަކު ދިމާވިނު ޝައި މަންމަމެންގެއިން! .......... ލިބިދާނެތަ ޝައި ނަންބަރު! ކުޑަކަމަކު ގުޅާލަން!"

ޒުވާނާ ޖެހިލުންވެ ހުރެ އެހެނަސް އޭނާ އެދޭކަމުގެ ވާހަކަ ހާމަކުރިއެވެ. އެހެންނަމަވެސް ވާހަކަދެއްކީ ޝައިބާއަށް އިޙުތިރާމް ކުރަމުންނެވެ.

"އަހަރެން ގުޅާލާނަން! ކޮންނަމެކޭ ކިޔަނީ!"

ޝައިބާ ބޭނުންވީ އެކަމުން އަވަހަށް ރެކި ގަންނާށެވެ. ޒުވާނާ އޭނަގެ ނަން ބުނުމަށްފަހު އާދޭހުގެ ރާގަކަށް ގުޅާލާށޭ ބުނަމުން ކުރިއަރައިގެން ހިނގައްޖެއެވެ.

"އަޅެފަހެ ހައިރާނެއް ނުވާނެތަ! ބުނާހާ މީހަކަށް ބުނާހާ ފަހަރަކު އެހެން ނަންބަރު ދެވޭތަ!"

ޝައިބާ ވާހަކަ ދެއްކީ ހިތްހަމަ ނުޖެހުމުގެ ރާގުގައެވެ.

"ވެދާނެނު ވަރަށް މުހިންމު ކަމަކު ކަމަށް ވެސް!"

"ހޫން! ރަނގަޅަށް ވިއްޔާ އެ ވާނީ އިފާ ނަންބަރު ނުލިބިގެން ކަމަށް!"

އިފާގެ ވާހަކަ އަޑު އިވުމުން ޝައިބާ ދިމާކުރީ އިފާއާއެވެ.

"ކޮބާ މައްސަލައަކީ! މަށަކީ ހުސްމީހެކޭ! އެ ސޮރަށް އެކަން އެނގުނީކަމަށް ވާނީ!"

ދެމީހުން އެއްފަހަރާ ހީނގަތީ ވާހަކައިގެ މައުޟޫއުގެ މަޖާކަމުންނެވެ.

ޝައިބާމެންނަށް އެ ދުވަހު ރަށަށް ދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އިފާ ހައިރާން ވީ ކުރި ދުވަހަށް ވުރެ މިއަދު ތަންކޮޅެއް ވައިބާރު ވެލާ ކަނޑުވެސް ހަލުވާލާފަ އޮތް އިރު ވެސް މިއަދު އިފާއަށް ހޮޑު ނުލެވުނީތީއެވެ. އިފާ އިނީ އަނބުރައިގަނެގެންނެވެ. މުޅި ދަތުރު ވެސް އިފާ ލޯ ހުޅުވައިލީ ދެތިން ފަހަރުއެވެ. އެހެންނޫނީ އިނީ ދެލޯ މަރައިގެންނެވެ. ގާތުގައި ހުރި ސީޓްތަކުގައި ތިބީ ޝައިބާއާއި ޝަނޫންއެވެ. ދެން ކުޑަ ކުޑަ އިއްޒާއެވެ.

ދަތުރުގެ ވަރުބަލިކަމާއެކު ނުވައެއް ވެސް ނުޖަހަނީސް އިފާއަށް ނިދިއްޖެއެވެ. އެހެންކަމުން ވަރަށް ފަތިހާ އިފާއަށް ހޭލެވިއްޖެއެވެ. ހެނދުނު ހެނނދުނާ ތެދުވެވުމުން އިފާ ގަސްދު ކުރީ ނަމާދުކޮށްލައިގެން އަތިރިމައްޗަށް ދިއުމަށެވެ.

ބިންމަތި އަލިވެ ގަސްތަކުގައި ހާލި ހަދައިގެން ނިދަން ތިބި ދޫނިތައް އަޑު ހަރުކޮށް ގޮވަމުން ކާއެއްޗެއް ލިބޭތޯ ދެކޮޅަށް އުދުހެމުން ދިޔައެވެ. ކާޅުތަކާ ކޮވެލިތަކެވެ. ކުކުޅު ހާތަކާ ކޮތަރުތަކެވެ. އުޑުމަތީގައި ބަރިބަރިއަށް އެކި ކުލައިގެ ވިލާ ރޮނގުތައް ދެމިފައި ހުއްޓެވެ. އުދަރެސް މަތިން ބޮޑަށް ފާޅުވާން ހުރީ އިރު އެރުމުގެ ނިޝާންތަކެވެ. ނޫކުލައިގެ ސާފު އުޑުން ދޭހަކޮށްދެނީ މޫސުމުގެ ރީތިކަމާ ހިތްގައިމުކަމެވެ. ފަތިހުގެ މިފަދަ ހިތްގައިމު މަންޒަރު ތަކާ އިފާ ވަރަށް ބީރައްޓެއްސެވެ. މާލޭގައި އުޅޭއިރު މަންމަ ހަޅެއްލަވާތީ ފަތިހު ތެދުވެ ނަމާދުކޮށްލިޔަސް ނަމާދު ނިމިގެން ބަލަނީ ވީހާ އަވަހަކަށް އަނެއްކާ ވެސް އެނދަށް ވެއްޓި ކުއިލްޓްގެ ތެރޭ ފޮރުވި ގަނެވޭތޯއެވެ. ރާއްޖެއިން ބޭރުގައި އުޅޭއިރު ފަތިސް ނަމާދެއް ކޮށްލެވެނީ މަދު ފަހަރަކުއެވެ. އެހެންނަމަވެސް ޝައިބާ ގާތަށް މި ރަށަށް އައިފަހުން އިފާގެ އުޅުމަށް ބަދަލުތަކެއް އަތުވެއްޖެ ކަމަށް އިފާއަށް ފުރަތަމަ ފަހަރަށް ގަބޫލުކުރެވުނީ މި ވަގުތުއެވެ. އެއީ ހެޔޮ ރަނގަޅު ބަދަލުތަކެކެވެ. ގޭތެރޭގެ ވަރަށް ގިނަ މަސައްކަތްތައް އިފާއަށް ދަސްކުރެވިއްޖެއެވެ. އަދި އެ މަސައްކަތްތައް ދަސްވީތީ އިފާ ފަޚުރުވެރިވެއެވެ. އަމިއްލަ ނަފުސަށެވެ. ޝައިބާގެ ދެއަތުން ޝަނޫންގެ މަސައްކަތްތައް ކޮށްދޭތަން ފެނުމުން އިފާ ވެސް ކޮންމެވެސް ދުވަހަކުން މި ރޯލުކުޅެން ޖެހޭކަން އަމިއްލައިން ގަބޫލުކުރެވުނީއެވެ. އެހެންކަމުން ބައެއް ފަހަރު އަޔާޒުގެ ކަންތައް އަމިއްލައިން ބުނެގެން އިފާ ކޮށްދެއެވެ. ކާން ހެދުމެވެ. އަޔާޒަށް މީރު އެއްޗެހި ކެއްކުމެވެ. އަޔާޒުގެ އެއްޗެހި ދޮވެ ދިނުމެވެ. އަދި އަޔާޒަށް ސިއްރުން އަޔާޒުގެ އަންނައުނު އިސްތިރިކޮށްފައި ކޮނޑުގައި އަޅުވައެވެ. ގިނަ ފަހަރަށް ޝައިބާއަކަށް ވެސް މިކަމެއް ނޭނގެއެވެ.

އަޔާޒުގެ ނަން ހިތުގެ ކަނެއްގައި ކޮއްޓާލުމުން އިފާއަށް ހީނލެވުނެވެ. ހިނގަމުން ހިނގަމުން ކުރިއަށް ގޮސް ގޮސް ހުރެފައި ކައިރީގައި ހުރި މަގޫގަހެއްގައި އަތުން ޖަހާލެވުނުވެ. ކުޑަކޮށް އަރިވެލާފައި މަގޫގަހުގައި ހުރި މަލުގައި ވަސް ބަލާލެވުނެވެ. ދެން ހަމަ ކުއްލިއަކަށް މާބިނުމަށްފަހު މަލަށް ބަލަން ހުރެވުނެވެ. ކަނާތުގެ ދެއިނގިލިން މަލުގައި ހިފަހައްޓާލައިގެން ހުރެ ކުރިއަށް ދިޔައިރު، ހޭޅިފަށާހަމައަށް ފޯރިކަމެއް ވެސް އިފާއަކަށް ނޭނގުނެވެ.ހޭޅިފަށަށް ފޯރި އިފާއަށް ޙައިރާންކަމެއް ލިބުނީ އަތިރިމަތީގައި ފުނި ފުންޏަށް މީހުން ތިބިތަން ފެނުމުންނެވެ. މިގަޑިއަކީ މީހުން އަތިރިމަތީ އެހާ ގިނަ ވަގުތެއް ކަމެއް މީގެ ކުރިއަކުން އިފާއަކަށް ނޭނގެއެވެ. ފުރައިގެން ދާން ތައްޔާރު ވަމުން ދިޔަ ނާލު ބޯޓު އިފާގެ ލޮލުގައި އަޅާގަތީ އެވަގުތުއެވެ. މީހުން އަތުގައި ހުރި ދަބަސްތަކާ ފޮށިތަންމަތިތައް ވެސް ފެނުނީ ދާދި އެއްވަގުތެއްގައެވެ. ވީގޮތް އިފާއަށް ނަގައިގަނެވުނެވެ. ރަށަށް ގިނަބަޔަކު އައީއެވެ. އަރަމުން އައި އިރާއެކު ދުނިޔެމަތި އަލިވެ ހެނދުނެއްގެ ހިތްގައިމުކަން ރަށުތެރެއަށް ފެތުރިގެން ދިޔައިރު ރަށަށް އެތައް ބަޔަކު ފޭބީއެވެ. އެ އެންމެން ވެސް އައީ ކަރަންޓީނު ފެސިލިޓީއެއްގައި ތިބެފައިކަމުން އެއްވެސް މީހަކު ރަށުގައި ކަރަންޓީނު ވާން ނުޖެހުނުކަން އިފާއަށް ފަހުން އެނގުނެވެ.

އަތިރިމަތީ ތިބި މީހުންތައް މަދުވަމުން މަދުވަމުން ގޮސް ގާތްގަނޑަކަށް އެންމެންހެން ހުސްވި އިރު ވެސް އިފާ ހުރީ އަތިރިމަތީ މަޑުކޮށްގެންނެވެ. ވެއްޓިފައި އޮތް ރުއްގަނޑެއްގެ މަތީ އިށީނދެގެން އިނީ ކަނޑުގެ ލޮނުގަނޑަށް ބަލަހައްޓައިގެންނެވެ. އިރު އަރާ މާޙައުލަށް ހޫނުކަން ވެރިވާން ފެށުމުން އިފާ ވެސް ތެދުވެގެން ހިނގައިގަތީ އުޅޭ ގެއާ ދިމާއަށެވެ.

އޭގެ ދެ ދުވަސް ފަހެވެ. އިފާއަށް ފެނުނީ ޝައިބާގެ މަންމަ ހައްވަ އައިސް ގެއަށް ވަންތަނެވެ. އޭރު އިފާ އުޅުނީ ޝައިބާ ދޮވުނު އެއްޗެހި ރޯނުގައި އެޅުމާއިގެންނެވެ.

"އަހަނ! ޝައި މަންމަ! ކޮން އިރަކު އައީ! ޝައި ނުވެސް ބުނޭ ޝައިމަންމަ އަންނަ ވާހަކައެއް!"

ލިބުނު ޙައިރާންކަން އިފާގެ މޫނުމަތިން ފެންނަން ހުއްޓެވެ.

"ބުނާނެ ވަގުތެއް ވެސް ނުލިބުނީ! އަޔާޒު ގުޅާފަ އަންނާށޭ ބުނީ ރޭ މަންމަ ނިދާން އޮށޯއްތަނާ! ހެނދުނު ޝައިބާއަށް ގުޅިން. ފޯނެއް ނުނަގާ! އަދި ނުފެންނަނީހެން ހީވަނީ!"

ހައްވަ ގޭތެރެއަށް ވަނީ ވާހަކަ ދައްކަމުންނެވެ. އެ ވަގުތަކީ ޝައިބާއަށް ހައްވަގެ އަޑު އިވިގެން ބޭރަށް ނިކުންނަން އައި ވަގުތެވެ.

"މަންމަގެ ކޯލު ފެނިގެން ގުޅަން އުޅެނިކޮށް މަންމަ ވާހަކަ ދައްކާ އަޑު އިވުނީ! އެހެންވެ ފުރަތަމަ މި ބަލައިލީ!"

މަންމަ ފެނުމުން ޝައިބާގެ މޫނުމަތިން އުފާވެރިކަން ފާޅުވާން ހުއްޓެވެ.

"ކޮބާ އެމަންޖެ!"

ޝައިބާގެ ކޮޓަރިއާ ދިމާއަށް ކުރިއަށް ދަމުން ހައްވަ ސުވާލުކުރިއެވެ.

"އެބަ އިން ކޮށީގަ!" މަންމަ ފަހަތުން ހިނގައިގަންނަމުން ޝައިބާ ޖަވާބު ދިނެވެ. އިފާ ވެސް އެ ދެމައިން ފަހަތުން އެތެރެއަށް ވަނެވެ.

ގެނައި ކުޑަ ދަބަސް އެއްފަރާތެއްގައި ބަހައްޓަމުން ހައްވަ ގުދުވީ ކޮއްޓާ ދިމާއަށެވެ. ކޮށީގައި އިން އިއްޒާ ނަގާ އުރަމުން ހައްވަ ވާހަކަ ދެއްކީ އަނެއްކާ ވެސް ޝައިބާއާއެވެ.

"ކޮބާތަ އަޔާޒު! އަހަރެން ބުނިން ފެރީ ވެސް އޮންނަ ދުވަސް ނޫންހޭ! ދާނަމޭ! އެކަމަކު ނުދޭ ބަނދަރަކަށް ވެސް!"

ޝަކުވާގެ ރާގުގައި ހައްވަ ވާހަކަ ދެއްކިއެވެ. އަޔާޒު މަންމަ ބަލާ ނުދާކަން އެނގުމުން ޝައިބާ ހިތްހަމައެއް ނުޖެހުނެވެ.

"ނޭނގެ! ވަރަށް ހެނދުނާ ތެދުވެ އުޅުނު! އޭގެ ފަހަކުން އަހަންނެއް ވެސް ނުދެކެން! ...... ތެދެއް ތިއްތިބެ ނޫޅޭތަ ގޭގަ!"

އެންމެ ފަހު ވާހަކަ ޝައިބާ އެހީ އިފާއާ މުޚާތަބު ކުރަމުންނެވެ. އިފާ ދެކޮނޑު އަރުވާލަމުން ބުނީ ނޭނގޭކަމަށެވެ.

"ވެދާނެ އެގޭގަ ކަމަށް! މިއދު ދެން އުޅޭނީ އެކަމާތާ!"

މަންމަ ހިތްހަމަ ޖައްސައި ދިނުމުގެ ރާގުގައި ޝައިބާ ވާހަކަ ދެއްކި އިރު އިފާ ހުރީ ކުޑަ ކުޑަ އިއްޒާގެ އިނގިލީގައި ހިފާ ހަލުވާލަ ހަލުވާލައެވެ. ބައެއް ފަހަރު އިއްޒާގެ ކޮލުގައި އިފާގެ އިނގިލިން ޖަހާލައެވެ. ހައްވަ އިއްޒާ އުރާލައިގެން ހުއްޓަސް އިއްޒާގެ ސަމާލުކަން ހުރީ އިފާއަށެވެ. އެހެންކަމުން އިއްޒާ އިފާއަތަށް ދެމުން ހައްވައާ ޝައިބާ ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. އިފާ ގޮސް އިށީނީ އިއްޒާ ގޮވައިގެން ގޮސް ޝައިބާގެ އެނދުގައެވެ.

"އަހަންނަކަށް ނޭނގެ ތިއްތިބެ މިހާ އަވަސް އަރުވާލާފަ ކާވެނީގެކަންތައް ނިންމަން މިއުޅެނީ ކީއްވެކަމެއް! ކުރިން ބުނި ލޮކުޑައުން ނިމި ގައުމު ހަމައަކަށް އެޅުނީމައޭ ވެސް!"

އަޔާޒުގެ ކައިވެނި އަވަސްކުރި ގޮތެއް ނުވިސްނިގެން ޝައިބާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

"އެކަހަލަ ކަމަކާ ޑިސްކަސް ވެސް ކޮށްނުލާނެ! ގައިމު އަހަރެން މިއީ ތިއްތިބެގެ އެއްބަނޑުއެއްބަފާ ހުރި ހުރިހާ ވެސް މީހަކީ! އަހަރެން އެއްވެސް ކަމެއް ނުނިންމަން ތިއްތިބެ ގާތު ނުބެނެ!"

"ވެދާނެނު ފަރުއީން ބޭނުންވި ގޮތްކަމަށް ވެސް!"

ހައްވަ ވާހަކަ ދެއްކީ އަޔާޒު ދިފާއު ކުރާ ރާގުގައެވެ.

"ތިއަކު ނެތޭ މައްސަލައެއް މަންމާ! އިއްޔެ ނޫން ކުރީ ދުވަހު ފަރު ރަށަށް އެ އައީ! ދެން މާދަމާ ކައިވެނި ކުރެވޭނީ ގައިމު ރަން ވެސް ކިޔާ ކިތަންމެ ކަމެއް ކޮށްގެނެންނު! އެ ހުރިހާ ކަމެއް ނިމި ކައިވެނި ކުރާ ދުވަސް އެއް ދުވަހަށް ކައިރިވި ފަހުން އަހަރެމެނަށް އެނގުނީމައޭ އަހަރެން ހިތްހަމަ ނުޖެހުނީ!"

ޝައިބާގެ ހިތްހަމަ ނުޖެހުން ފާޅުކުރީ އެއްވެސް މީހަކަށް އަޑު އިވިދާނެތީ ވަރަށް މަޑުންނެވެ.

"އަންނާނަން ނަމާދުކޮށްލައިގެން! ކޯއްޗެއް ކާން ހުރީ!"

ހައްވަ އިފާ އުޅޭ ކޮޓަރިއަށް ވަންނަމުން ސުވާލުކުރީ ބަނޑުފައި ވެފައި ހުރުމުންނެވެ.

"އިފާއޭ ގިނައިން ކައްކަނީ މިހާރު! މަންމައަށް އެނގޭތަ އިފާ ވަރަށް ގިނަ ކަންކަން ދަސްކޮށްފިއޭ! ވަރަށް މީރު ކައްކާ އެއްޗެހި ވެސް! އަހަރެން ގާތު ނުވެސް ބުނެ ބައެއް އެއްޗެހި ހަދާލާނެ!"

އެކުވެރިޔާގެ ހުނަރާމެދު ފަޚުވެރި ވާކަން ޝައިބާގެ ރާގުން އެނގެއެވެ.

"އެކަމަކު ދަރިފުޅާ! ކީއްކުރަން އިފާ ލައްވާ ތި ހުރިހާ މަސައްކަތެއް ކުރުވަނީ! އޭނަގެ މައިންބަފައިންނަށް އެނގިއްޖިއްޔާ ކީކޭ ބުނާނީ! އެއީ މާލޭގެ ޤަދަރުވެރިން. އަތްފައިދަށަށް ނޯކަރުން ލައިގެން އުޅޭ މީހުން!"

އިފާ އެ ގޭގެ މަސައްކަތް ކުރާ ވާހަކަ ބުނުމުން ހައްވަ އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހުނެވެ.

( ނުނިމޭ)