ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމުގައި އެންމެ ބޮޑު ބައިވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ތަޢުރީފް ކުރައްވާފައިމިވަނީ މިދިޔަ ތިން އަހަރުގެ ކުޅިވަރުގެ ކާމިޔާބީތައް ފާހަގަކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ އެހެން ކުޅިވަރުތަކާއި އެއްވަރަށް ކްރިކެޓް ކުރިއެރުވުމުގެ އެންމެ ބޮޑު ބައިވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށާއި، ސަރުކާރުން ކުޅިވަރަށް ދެއްވާ އިސްކަން ފާހަގަކުރައްވަވާ ކަމަށެވެ.

ކްރިކެޓް ބޯޑުގެ ރައީސް ވިދާޅުވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ ލަފާ އަބަދުވެސް ލިބިވަޑައިގަންނަވާ ކަމަށާއި، ކުޅިވަރުގެ އެކި މުވައްޒަފުންގެ ފަރާތުންވެސް ކްރިކެޓްގެ އެކި ކަންކަމުގައި ބޮޑު އެއްބާރުލުމެއް ކްރިކެޓް ބޯޑަށް ލިބެމުން އަންނަކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ މިދިޔަ އަހަރަކީ ކްރިކެޓުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމަށާއި ކުރިއަށް އޮތް އަހަރަކީ އިތުރު ކާމިޔާބީތައް ކްރިކެޓުން ލިބޭނެ އަހަރެއްކަމަށް އުއްމީދުކުރައްވާކަމަށެވެ.