ސައޫދީ އަރަބިއްޔާއިން މިއަހަރުގެ ޙައްޖުގެ އަޅުކަމާ ބެހޭ އުސޫލުތައް ކަނޑައަޅައިފިއެވެ. ޙައްޖުގެ އަޅުކަމަށް މަމްލަކާއަށް ވަންނަ އިރު، ވެކްސިންގެ ދެވަނަ ޑޯޒް ދަތުރުގެ އެންމެ މަދުވެގެން އެއްހަފްތާ ކުރިން ލިބިފައި އޮންނަން ވާނެއެވެ. އަދި މި ވެކްސިން ވާން ޖެހޭނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ގަބޫލު ކޮށްފައިވާ ވެކްސިން އަކަށެވެ.

ދަތުރު ފެށުމުގެ 72 ގަޑި އިރުކުރިން ޕީސީއާރް ޓެސްޓެއް ހަދާފައި އޮންނަންވެސް ވާނެއެވެ. އަދި ސައޫދިއްޔާއަށް އެތެރެވުމަށްފަހު 72 ގަޑި އިރު ވަންދެން ކުއެރެންޓައިން ގައި ތިބެން ވާނެއެވެ.

ހުރިހައި ވަގުތެއްގައިވެސް މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. އަދި ހައްޖު ވެރިންގެ ހަރަކާތްތައް ހުންނަން ވާނީ ޖަމާއަތްތަކަށް ބަހާލައިގެން ކޮންމެ ޖަމާއަތެއްގައި ސަތޭކަށް ވުރެން އަދަދު ގިނަ ނުވާ ގޮތަކަށެވެ.

ހައްޖު މޫސުމް އައުމުޖގެ ކުރިން މައްކާއާއި މަދީނާގެ އާބާދީގެ 60 އިންސައްތައަށް ވެކްސިން ޖެހޭތޯ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހައްޖުވެރިން ގެތަކުގައި ތިބޭ އިރުވެސް ކޮންމެ މީހަކުވެސް އަނެކާއާއި މީޓަރަކާއި ބައި މީޓަރުގެ ދުރުމިނެއް ބެހެއްޓުމަށް ވެސް އަންގާފައި ވެއެވެ. އަދި ކަނޑައެޅިފައިވާ ސަރަހައްދު ތަކުގައި ކަނޑައަޅާފައިވާ ވަގުތުތަކަށް ވުރެން އިތުރަށް ނުތިބުމަށްވެސް އަންގާފައި ވެއެވެ.