ސައިންޓިސްޓުން ޔަގީން ކުރާ ގޮތުގައި ކޮރޯނާ ވައިރަސް އަކީ ހަމަ ޗައިނާއިން އުފަންވެ ފެތުރިފައިވާ ވައިރަހެކެވެ. ނަމަވެސް ކުރިން ބުނެފައިވާ ގޮތާ ޚިލާފަށް މި ވައިރަސް ފުރަތަމަ ފެތުރެން ފަށާފައި ވަނީ ވޫހާނަކުންނެއް ނޫނެވެ. އަދި ފުރަތަމައަށް ވައިރަސް ފެތުރުނީ މިހާރު އާންމުކޮށް ލަފާ ކޮށްފައިވާ ތާރީޚެއްގައެއްވެސް ނޫން ކަމަށް އެމެރިކާގެ ސެންޑިއޭގޯ ޔުނިވަރސިޓީއާއި އެރިޒޯނާ ޔުނިވަރސިޓީގެ ސައިންޓިސްޓުން ގެ ދިރާސާއިން ދައްކައެވެ.
ސައިންޓިސްޓުންނަށް ލިބުނު ސާމްޕަލްތައް ތަހުލީލުކޮށް، މި ވައިރަސް އެންމެ ފުރަތަމަ ފެށުނު ތަނާއި ތާރީޚް ތަހުލީލު ކުރުމުން ލިބުނު ނަތީޖާއަކީ ވައިރަސް ފެތުރިފައި ވަނީ ވާލުގެ ޒަރީއާއިން ހޫބެއި އިންނެވެ. ވޫހާނަކުންނެއް ނޫނެވެ. އެހެންވެ، ވޫހާންގެ ދިރޭ އަދި މަރިވެފައިވާ ޖަނަވާރު ވިއްކާ މާރުކޭޓުން ބަލި ފެތުރުނު ކަމަށް ބުނާ ވާހަކަ ނަފީ ކުރެވެއެވެ.
އަދި ހޫބެއިގެ ސާމްޕަލްތައް ދައްކާ ގޮތުން މި ކޮވް ސާސް ވައިރަސްގެ ފުރަތަމަ ވައްތަރަކީ ބަލި ކަށި ވައްތަރެކެވެ. އަދި ނޭވާލުމުގެ މިޒާމަށް މި ބަލި ޖެހުމަށްފަހު މާބޮޑު ވަރެއް ނުވެ ރަނގަޅު ވެފައި ވެއެވެ. ނަމަވެސް ރަށްފުށުގެ ހިސާބަކުން މި ވައިރަސް ސިޓީއަށް އައިސް ހަމަޖެހުނު އިރު އޭގައި ވަރުޖެހި ބަލި ޖެހުނު މީހުންނަށް ބޮޑު ވަރުކޮށްލީ ކަމަށް ބެލެވެއެވެ.
އެގޮތުން 2019ގެ ނޮވެމްބަރު މަހު ހޫބެއިގައި މި ވައިރަސް ފެތުރިފައިވާ ކަން ސާމްޕަލްތަކުން ދޭހަވެއެވެ. އަދި ތަހުލީލުތަކުން ސައިންޓިސްޓުން އައި ނަތީޖާއަކީ 7 އޮކްޓޯބަރު 2019 ހާ ހިސާބުގައި ހޫބެއި ގައި އެންމެ ފުރަތަމަ ކޭސްތައް ފެނިފައިވާނެ ކަމަށެވެ.
ކޮރޯނާ ވައިރަސް ވާލުން އިންސާނުންނަށް ފޯރާފައިވާ އިތުރު މެދުވެރިއަކާ ލައިގެން ކަމެއް ނުވަތަ ނޫން ކަމެއް ސައިންޓިސްޓުންނަށް ޔަގީނެއް ނުކުރެވެއެވެ.
ސައިންސް މަޖައްލާގައި ސައިންޓިސްޓުން ލިޔެފައިވާ ރިޕޯޓްގައި ބުނެފައިވަނީ ކޮވިޑް19ގެ ފުރަތަމަ ކޭސް ޔަގީނުންވެސް ޑޮކިއުމެންޓް ކުރެވެނީ، ވޫހާންގައި 17 ނޮވެމްބަރު ގައެވެ.
ކޮވިޑް19އާ ގުޅިގެން އާދައިގެ މަތިން ޗައިނާއިން ގިނަ ކަންތައްތަކެއް ސިއްރު ކުރިއެވެ. އޭގެ ތެރޭގައިކ ގެއްލިފައިވާ މީހުންނާއި މަރުވެފައިވާ މީހންގެ މަޢްލޫމާތާއި ތަފާސްހިސާބުވެސް ހިމެނެއެވެ. އަދި އާދަޔާ ޚިލާފަށް ކުއްލި ސިހުމެއް ގެނައި މި ވަބާގެ މަޢްލޫމާތު ބޭޒާރުކޮށްލި ގިނަ ބައެއްގެ މިނިވަންކަން ނިގުޅައި ގަނެވި އަދަބުތަކަށްވެސް ހުށަހެޅުނެވެ.