އިންޑިއާއިން ޗައިނާގެ ސަރަހައްދާ ތިން ކިލޯ މީޓަރު ދުރުން ޔުރޭނިއަމް ނަގަން ފެށުމުން ޗައިނާއިން އެކަމަށް ފާޑު ކިޔައިފިއެވެ. އިންޑިއާއިން އަލަށް ޔުރޭނިއަމް ނަގާ އަރޫނާޗަލް ޕްރަދޭޝްއަކީ ޗައިނާއިން ދެކޭ ގޮތުގައި މައްސަލަ ޖެހިފައިވާ ސަރަހައްދެކެވެ.

ޗައިނާއިން ދެކެނީ މިއީ ޗައިނާއިން ކޮންޓްރޯލް ކުރާ ޓިބެޓްގެ ބައެއް ކަމަށެވެ. އިންޑިއާއިން ބުނާ ގޮތުގައި އަރޫނާޗަލް ޕްރަދޭޝްގެ ފަރުބަދަމަތިން ފެނިފައިވާ މި ޔުރޭނިއަމް މައުދަން ނަގަނީ އިތުރަށް ކޮނުމަކާ ނުލައި ބިމުގެ ސަތަހައިން 620 މީޓަރުންނެވެ. ޗައިނާ ސަރުކާރު މީޑިއާއިން ބުނެފައިވާ ގޮތުގައި މީގެ ސަބަބުން ދެ ގައުމުގެ ސަރަހައްދާ މެދު ބާއްވަމުންދާ މަޝްވަރާތައް އިތުރަށް ހަލަބޮލި ވެގެންދާނެ ކަމަށެވެ. އިންޑިއާއާއި ޗައިނާއިން ސަރަހައްދާ މެދު މަޝްވަރާތައް ބާއްވަމުން ގެންދާތާ ފަންސާސް އަހަރު ވެއްޖެއެވެ.

ނިއުކްލިއަރ ހަކަތަ އުފެއްދުމަށް ބޭނުންވާ މުހިންމު މައުދަން، ޔުރޭނިއަމްއަކީ ދުނިޔޭގެ މަދު ސަރަހަދެއްގައި ހުރި މައުދަނެކެވެ. މި މައުދަން ހުރި ކަމަށް ވަނީ ޔޫރަޕްގެ މަދު ގައުމަކާއި އެފްރިކާގެ ނައިޖަރްއާއި އިންޑިއާ ގައެވެ.

އިންޑިއާއިން މިހާރުވެސް ދެ މައިން އަކުން ޔުރޭނިއަމް ނަގައެވެ. އަދި އަރޫނާޗަލް ޕްރަދޭޝްގެ އިތުރުން ޔޫޕީއާއި ބިހާރުންވެސް ޔުރެނީއަމް ފެނިފައި ވެއެވެ.