އިދިކޮޅު ޕީޕީއެމް ޕިއެންސީ ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ އިއްޔަގެ މުޒާހަރާއިން ހައްޔަރުކުރި 25 މީހުންގެ ތެރެއިން 23 މީހުން ދޫކޮށްލާފައިވާކަމަށެވެ.

އެ 23 މީހުން ދޫކޮށްލާފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވެފައިވާތީ ޖުރިމަނާ ކުރުމަށްފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން ދޫކޮށްނުލާ ތިބި ދެ މީހުންނަކީ ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ކޮންމެ ހުކުރު ދުވަހަކު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން މާލޭގައި މުޒާހަރަާތައް ކުރަމުން އަންނައިރު ކޮންމެ ދުވަހެއްގެ މުޒާހަރާއިންވެސް ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެއެވެ. އަދި އެމީހުން ދޫކޮށްލަނީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވެފައި ވުމުން ޖުރިމަނާކޮށްފައެވެ.