މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނަށް ވެކްސިން ޖެހުމަށް އަލުން ހުޅުވާލުމަށް ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ވެކްސިން ޖެހުމަށް ހުޅުވާލާ ތާރީޚް ފަހުން އިޢުލާންކުރާނެ ކަމަށެވެ. މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފެށީ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ޢާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުން މިމަހުގެ 15ވަނަ ދުވަހުން ފަށައިގެންވަނީ ނިމުމަކަށް ގެނެސްފައެވެ. ހެލްތް މިނިސްޓްރީއިން ނިންމީ 15ގެ ފަހުން، ޚާއްސަ ޚާއްސަލަތްތަކުގައި ފުރަތަމަ ޑޯޒްގެ ވެކްސިން ދޭންޖެހޭ މީހުންނަށް އެކަނި ވެކްސިން ދިނުމަށެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިއިތު ވޭތުވެދިޔަ 24ގަޑިއިރު ވެކްސިން ދިނުން ކުރިއަށްގެންދިޔައީ އަތޮޅުތަކުގައި ހުރި ވެކްސިން ސެންޓަރުތަކުގައި އެކަންޏެވެ.

ވޭތުވެދިޔަ 24ގަޑިއިރު އަތޮޅުތަކުން ޖުމްލަ 449 މީހުންވަނީ ވެކްސިން ޖަހާފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 21،8046އަށް އަރާފައެވެ. އަލަށް ވެކްސިންޖެހި 449މީހުންނާއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 96،416އެވެ. މިހާތަނަށް އައިއިރު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދަކީ 121،630އެވެ.