އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީއާރް.ސީން އައުޓްޑޯ ކެމްޕޭނެއް ފަށައިފިއެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ފެށި މި ކެމްޕޭނަކީ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތުދެއެވެ.
2 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކެމްޕެއިންގެ ތެރެއިން ލަންޑަންގެ އެންމެ މަގުބޫލު އަދި އެންމެ ބާރުބޮޑު ސަރަޙައްދުތަކުގައި ދިވެހިރާއްޖޭގެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވޯޓާލޫ ސްޓޭޝަންފަދަ ބައެއް މަޝްހޫރު ސްޓޭޝަންތަކުގައި ބަހައްޓާފައިވާ ޑިޖިޓަލް ސްކްރީންތަކުގައި ދިވެހިރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކައި، އިޝްތިހާރުކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ވޯޓާލޫ ސްޓޭޝަންގައި ހުންނަ ޑިޖިޓަލް ސްކްރީނަކީ މުޅި ޔޫރަޕްގައި ވެސް ހުރި އެންމެ ބޮޑު އިންޑޯ ޑިޖިޓަލް ސްކްރީނެވެ.
މި ކެމްޕެއިންގެ އެންމެ ބޮޑު މަޤްސަދަކީ ކޯވިޑް19އަށް ފަހު ދިވެހިރާއްޖެ އަކީ ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޓޫރިސްޓުންނަށް އިޝްތިހާރުކޮށް، މިފަދަ ދަނޑިވަޅެއްގައި ޗުއްޓީ ހޭދަކުރުމުގައި ބޭނުންވާ ރައްކާތެރިކަމާއި ސިއްހީ ސަލާމަތްތެރިކަން ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކުން ނޫނީ ނުލިބޭނެކަން ބުނެދިނުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ކޯވިޑް19 ގެ ކުރިން އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން ދިޔަ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ރާއްޖޭގެ ބޯޑަރު މާރޗްމަހު ބަންދުކުރުމާ ހަމައަށް އިނގިރޭސިވިލާތުން 7288 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.