ރ. އުނގޫފާރުގައި އުޅުމަށްފަހު މި މަހުގެ ދެވަނަ ދުވަހުގެ ފަހުން އެހެން ރަށަކަށް ގޮސްފައިވާ މީހުން ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އެ ތާރީހުގެ ފަހުން އުނގޫފާރުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތަކުން މިހާރު ހުރި ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ވީ އެންމެ އަވަހަކަށް އެކަން އަންގަން އެދޭ ކަމަށެވެ.

އަދި އެ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މާޗު ދެވަނަ ދުވަހުގެ ފަހުން އުނގޫފާރުން މާލެ އައިސްފައިވާ ފަރާތްތަކުން މާލޭހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، ނުވަތަ ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

މީގެއިތުރުން އުނގޫފާރަށް ކުރި ދަތުރުގެ މައުލޫމާތު އެޗްޕީއޭގެ ހޮޓްލައިން 1676އަށް ގުޅައި ހިއްސާކުރުމަށް އެ އެޖެންސީން ވަނީ އެދިފަ އެވެ.

އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެނައީ ރޭގެ ވަގުތެއްގައެވެ. އެއީ ހޯމް ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ.