"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ޗެމްޕިއަންކަން ފޭދޫ ސްޕޯޓްސް ހޯދައިފިއެވެ. އެ ޓީމުން މި މުބާރާތް ކާމިޔާބު ކުރީ މިއަދު ހަވީރު ކުޅުނު ފައިނަލްމެޗުގައި މެދުވަލު އެފްސީއާ ވާދަކޮށް 2-1 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ފޭދޫ ސްޕޯޓްސް އެވެ. ފުރަތަމަ ހާފުގައި އެ ލަނޑުޖަހައިދިނީ ޢަލީ ނާފިޢު (ކަޅޭ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ފޭދޫ ލީޑުގައި އޮވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން ދެ ޓީމަށް ވެސް އިތުރު ލަނޑުޖަހާނެ ފުރުސަތު ލިބުނެވެ. އެހެންނަމަވެސް އެ ހާފުގައި ވެސް އިތުރު ލަނޑެއް ފެނިގެންދިޔައީ ފޭދޫގެ ފަރާތުންނެވެ. އެޓީމަށް އެ ލަނޑުޖަހައިދީފައިވަނީ ޕީޓަރ އެވެ. މެދުވަލު އެފްސީގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުނިމެން ކައިރިވެފައި ހުއްޓައި ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ކެޕްޓަން ހާޒިމް ފައުޒީ އެވެ.
ފައިނަލް މެޗަށްފަހު ވަނީ މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމް ދީފައެވެ. އިނާމްތަކާއި ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހުމާން އައްޑޫ ސިޓީ މޭޔަރު ޢަބްދު ސާދިގެވެ. އޭނާގެ އިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި، އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުން ވެސް ވަނީ އިނާމުތައް ބައްސަވައި ދެއްވައިފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ސްޕޯޓްސްގެ ޔޫސުފް ސިދާމް އަލީ އެވެ. މުބާރާތުގެ 20 އަހަރުން ދަށުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދީ އޭނާއެވެ.
އެންމެ މޮޅު ކީޕަރަކަށް ހޮވުނީ މެދުވަލު އެފްސީގެ ކީޕަރު މުޙައްމަދު ޒަޔާން އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ފޭދޫ ސްޕޯޓްސްގެ ޙަސަން ހަނީފެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޖުމްލަ 6 ލަނޑު ޖަހައިދިން ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. އޭނާއަކީ ބޭރުމަތި އެފްސީ ޓީމުގެ ކުޅުންތެރިއެކެވެ. އެންމެ މޮޅު ފޯޑު އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫ ސްޕޯޓްސްގެ ޖާޒީ ނަންބަރ 10 އަލީ ނާފިއުއެވެ. މުބާރާތުގެ އެންމެމޮޅު ކޯޗަކީ ފޭދޫ ސްޕޯޓްސްގެ ކޯޗު އިބްރާހީމް ނިޒާރެވެ. ފެއަރ ޕްލޭ ޓީމަކީ ފާހި ސްޕޯޓްސް އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންޓީމަށް ދީފައި ވަނީ ވިހި ހާސް ރުފިޔާއެވެ. ރަނައަޕް ޓީމަށް ދީފައިވަނީ ދިހަ ހާސް ރުފިޔާއެވެ.