ބްރޯޑްކާސްޓް ކުރުމާއި އަދި ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ހޯދުމަށް ހުށައެޅުމުގެ ފުރުޞަތު މޯލްޑިވްސް ބްރޯޑްކާސްޓީން ކޮމިޝަނުން ހުޅުވާލައިފިއެވެ.

ބްރޯޑްކާސްޓިން ދުވަހާއި ގުޅިގެން ބްރޮޑްކޮމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވީ، މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް 39 ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދީފައިވާކަމަށާ މީގެ ތެރޭގައި 11 ރޭޑިއޯ ޗެނަލް އަދި 28 ޓީވީ ޗެނަލް ހިމެނޭކަމަށެވެ. 121 ފަރާތަކުން ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މުޅި ރާއްޖޭގައި ރީބްރޮޑްކާސްޓުކުރުމުގެ ލައިސަންސް 5 ފަރާތަކަށް ދޫކުރެވިފައިވާ ކަމުގައިވެސް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

" ބްރޯޑްކާސްޓީން އަދި ރީބްރޯޑްކާސްޓް ކުރުމަށް އެދި ލައިސަންސް ހޯދުމަށް ހުށައެޅުމުގެ ފުރުޞަތު މިވަނީ ހުޅުވާލާފައި . ބްރޯޑްކާސްޓުކުރުމަކީ ވަރަށް ބުރަ އަދި އަގުހުރި މަސައްކަތެއް. މިދާއިރާ ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން އެބަޖެހޭ. މީގެ ތެރޭގައި ފައިސާގެ އެހީއާއި ތަމްރީންތައް މިހާރަށްވުރެ ގިނައިން ދޭންއެބަޖެހެ. އަދި ބައިނަލް އަޤްވާމީ ފެންވަރުގައިވެސް ތަމްރީންތަކެއް ދޭން އެބަޖެހޭ." މޯލްޑިވްސް ބްރޯޑްކާސްޓީން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

މަރިޔަމް ވަހީދާ ވިދާޅުވީ، މިހާތަނަށް އައިއރު 653 މައްސަލައެއް އެ ކޮމިޝަނަށް ހުށައެޅިފައިވާކަމަށާ އޭގެތެރެއިން 32 މައްސަލަ ބަލަމުންދާ ކަމަށެވެ، އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ބްރޯޑްކާސްޓްކުރާ ކޮންޓެންޓާއި ގުޅުން ހުރި 242 މައްސަލަ އެއް އަދި ލައިސަންސްގެ މައްސަލައާއި ގުޅުން ހުރި 327 މައްސަލައެއްވެސް ހުށައަޅާފައި ވާކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ،

ބްރޯޑްކާސްޓިންގް ލައިސަންސް މިފަހަރު ދިނުމަށް ހަމަޖެހިފައިވަނީ 5 އަހަރުގެ މުއްދަތަށް ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.