މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 250،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 34.4 ޕަސެންޓް ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މިހާތަނަށް 381,749 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.

މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެ އައިސްފައިވަނީ 92103 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު ރާއްޖެއައީ 96882 ފަތުރުވެރިންނެވެ. އަދި މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައިވަނީ 62301 ފަތުރުވެރިންނެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު އަދި ފެބްރުއަރީ މަހު ރާއްޖެއައި ފަތުރުވެރިން މަދެވެ. ނަމަވެސް މާރޗް މަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ވަނީ 6.3 ޕަސެންޓް އިތުރުވެފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. ރާއްޖެއައި ފަތުރުވެރިންގެ 23.8 ޕަސެންޓަކީ އަކީ އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންނެވެ. ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިންނެވެ. އެޤައުމުން 21.7 ޕަސެންޓް ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.