ޗައިނާގެ ސައިނޯފާމް ވެކްސިން މާލެ ސަރަހައްދުގައި މާދަމާ ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ސައިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މާދަމާ މާލޭ ސިޓީގެ ހަ ތަނަކުން ކުރިއަށްދާނެ ކަމަށެވެ.
ވެކްސިންދޭ ތަންތަން:
ސޯޝަލް ސެންޓަރު: ހެނދުނު 10:00 އިން ހަވީރު 16:00
އިސްލާމީ މަރުކަޒު: ހެނދުނު 10:00 އިން ހަވީރު 16:00
ހުޅުމާލޭ ވެކްސިން ސެންޓަރު: ހެނދުނު 10:00 އިން ހަވީރު 16:00
ވިލިމާލެ ޒުވާނުންގެ މަރުކަޒު: ހެނދުނު 10:00 އިން ހަވީރު 14:00
ރައްޔިތުންގެ މަޖިލިސް: ހެނދުނު 10:00 އިން ހަވީރު 16:00
ޓްރީޓޮޕް ހޮސްޕިޓަލް: ހެނދުނު 10:00 އިން ހަވީރު 16:00
ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ގެންދިޔުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ވެކްސިން ޖަހަންދާއިރު، ރަނގަޅަށް ކައިގެން އަމިއްލަ ފެންފުޅިއެއް ވެސް ގެންދަން ޖެހެ އެވެ.
މީގެ އިތުރުން ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވެކްސިން ޖަހަންދާއިރު، އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުގެންދިޔުމަށާއި ބޭނުންކުރާ ބޭހެއް ވާނަމަ އެ ބޭހެއްގެ މައުލޫމާތު ދޭންޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ސައިނޯފާމް ވެކްސިންގެ 18،000 ޑޯޒް ރާއްޖޭގައި މިވަގުތު އެބަހުރި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި އެ ވެކްސިންގެ 200،000 ޑޯޒް ހަދިޔާކުރަން ޗައިނާ ސަރުކާރުން ވަނީ ނިންމާފަ އެވެ.