މާލޭގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. މަޖިލީހަށް މި މައްސަލަ ހުށަހަޅާފައިވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

ސަލީމްގެ މައްސަލައިގައި ބުނެފައިވަނީ މިހާރު ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތައް ދިގުދެމިގެންގޮސް މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓްތަކުގެ ވިޔަފާރި މުޅިން ހުއްޓުމަކާ ހަމައަށް ގޮސްފައިވާކަމަށެވެ.

ކެފޭތައް ހިންގާ މީހުންނަކީ ކުދި ވިޔަފާރިވެރިންކަން ފާހަގަކޮށް މައްސަލައިގައި ބުނެފައިވަނީ ބޮޑު ކުއްޔަށް ތަންތަން ނަގައިގެން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މި ވިޔަފާރިއަށް އެރި ލޮޅުންތަކުގެ ސަބަބުން ގިނަ ތަންތަން މުޅިން އިނދަ ޖެހިފައިވާކަމަށެވެ.

ސަލީމްގެ މައްސަލައިގައި ބުނެފައިވަނީ ކެފޭ ރެސްޓޯރެންޓްތައް ވަކި ގަޑިތަކެއްގައި ބަންދުކުރުމަކީ، އެކަމުގެ ސަބަބުން ކޮވިޑް ފެތުރޭ ރޭޓް ދައްވާ ކަމަށް ނުވަތަ ބަލީގައި މީހުން މަރުވާ ރޭޓް ދަށްކުރެވޭ ކަމަށް ސައިންޓިފިކް އެއްވެސް ހެއްކެއް އޮތް ކަމެއްކަމަށް ފެންނާން ނެތްކަމަށެވެ.

ކަން މިހެން އޮތުމާއެކު، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ވިޔަފާރިއަށް ސިއްހީ ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަވަޅުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކަ އެ ވިޔަފާރިތަކަށް ލުއި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމަށް މައްސަލައިގައި ބުނެފައިވެއެވެ. އަދި މިގޮތުން ލާޒިމް ކޮށްގެން ވިޔަފާރި ބަންދުކުރަން ޖެހުނު ވަގުތުތަކުގައި ގެއްލުނު އާމްދަނީ އަށް އެކަށީގެންވާ ބަދަލެއް ދިނުމާއި، ސަރުކާރުން ކުއްޔަށްދީފައި ތަންތަނުން ކުލި ލުއިކޮށް ދިނުމާއި، އެކަށީގެންވާ މުއްދަތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާނުލާނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށާއި، ޖީއެސްޓީ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައި ދިނުމަށާއި، އެހެން ވިޔަފާރިތަކާ ތަފާތު ކުރުމެއްނެތި، އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކެއުން ބުއިމުގެ ޚިދުމަތްދޭ ތަންތަނަށް ޚިދުމަތްދެވޭނެ ގޮތަށް ގަޑިތައް ކަނޑައެޅުމުގައި ތަފާތު ނުކުރުމަށް ގޮވާލާ މައްސަލަ ހުށަހަޅާކަމަށް ސަލީމްގެ މައްސަލައިގައިވެއެވެ.