ރާއްޖޭގައި ގިނަ ރިސޯޓްތައް ހިންގާ އިންޓަނޭޝަނަލް ބްރޭންޑަކުން ވަނީ ދިވެއްސަކަށް މުހިންމު މަގާމެއް ދީފައެވެ. މިކަން ފާހަގަ ވެފައިވަނީ، މި ފަހަކަށް އައިސް ދިވެހިންނަށް ބޭރު މީހުން ހިންގާ ރިސޯޓްތަކުގައި ދިވެހިންނަށް މަތީ މަގާމުތައް ނުދޭތީ އެކަމުގެ ޝަކުވާ އިތުރުވެފައި ވަނިކޮށެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތައް ތިބޭ ވަޓްސްއަޕް ގްރޫޕްގައިވެސް މި ކަމަށް މަރުހަބާ ކިޔާފައި ވެއެވެ.

ލަ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އިން ވަނީ އާއިދާ މަޖުދީ އެރިސޯޓްގެ ސޭލްސް މެނޭޖަރަކަށް އައްޔަން ކޮށްފައެވެ. މެރިއަޓްއިން ރާއްޖޭގައި ހަތް ރިސޯޓެއް ހިންގައެވެ.

އާއިދާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާތާ ފަސް އަހަރުވެއްޖެއެވެ. މި މަގާމަށް އައުމުގެ ކުރިން އޭނާ އުޅުނީ ސިއްރު ފެންފުށި، ފެއަރމައުންޓް މޯލްޑިވްސްގެ ސޭލްސް މެނޭޖަރަކަށެވެ.

މެރިއަޓް ބްރޭންޑަށް އާއިދާއަކީ އައު ނަމެއް ނޫނެވެ. އޭނާ ކިޔައި ދިން ގޮތުން އެމެރިކާގެ އަޔޯވާގެ ލޫތަރ ކޮލެޖުން 2011 ގައި ގްރެޖުއޭޓް ވުމަށްފަހު އޭނާ ވަގުތީ ގޮތުން މަސައްކަތް ކުރީވެސް މެރިއަޓްގައެވެ.

ރާއްޖޭގެ ބޮޑެތި ބެރޭންޑްތަކަށް އޭނާގެ ޚިދުމަތް ލިބިފައި ވެއެވެ. އޭގެތެރޭގައި ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލިއާއި، ވަރލްޑްރޯފް އެސްޓޯރިއާ އިތާފުށި ހިމެނެއެވެ.

މެރިއަޓް ބްރޭންޑްގެ ދަށުން ލަ މެރީޑިއަންގެ އިތުރުން، ރާއްޖޭގައި ހިންގާ ރިސޯޓްތަކަކީ، ސެއިންޓް ރެޖިސް، ޑަބްލިޔޫ މޯލްޑިވްސް، ޝެރެޓަން ފުލްމޫން، ދަ ވެސްޓިން މޯލްޑިވްސްއާއި ޖޭޑަބްލިއު މެރިއަޓް އެވެ.