ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށާއި، މި މާރިޗު މަހުގެ 19ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މާރިޗު މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިވަގުތު އަޅުއްވަން ފެންނަ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައިވާތީއެވެ.މި މާރިޗު މަހުގެ 19 އިން 26 އަށް ސަރުކާރު ބަންދުކުރައްވާ ގޮތަށް ހަމަޖެއްސެވި ކަމަށްވިޔަސްވެސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައް، މެދުނުކެނޑި ދެއްވުމަށްޓަކައި ބޭނުންވާ އެންމެމަދު މުވައްޒަފުން މަސައްކަތަށް ނެރުއްވައިގެން، މިދަންނަވާ ޚިދުމަތްތައް ދެއްވޭނެ އިންތިޒާމް، އިދާރާތަކުން ހަމަޖެއްސެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.– ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތް– ޢަދުލު އިންޞާފުގެ ބާރާއި ކޯޓުތަކުގެ ޚިދުމަތް– ސިފައިންނާއި ފުލުހުންގެ ޚިދުމަތް– ފެނާއި ކަރަންޓާއި ނަރުދަމާ އަދި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް– ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް

– ސޯޝަލް ޕްރޮޓެކްޝަން ސަރވިސް އާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބައިގެން ބަލަހައްޓާ މަރުކަޒުތަކުގެ ޚިދުމަތް– އެއަރޕޯޓުތަކާއި ސީޕޯޓްތަކުގެ ޚިދުމަތް– ބްރޯޑްކާސްޓިންގ ޚިދުމަތް– ބޭންކިންގ ޚިދުމަތް– ފަޔަރ އެންޑް ރެސްކިއު ޚިދުމަތް– މީޓިއޮރޮލޮޖިކަލް ޚިދުމަތް– ކައްކާ ގޭހުގެ ޚިދުމަތް– ފިއުލްގެ ޚިދުމަތް– ކުނިނަގައި އުކާލުމުގެ ޚިދުމަތް– ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތް– ޖަލުގެ ޚިދުމަތްމީގެއިތުރުން، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު އަޅުއްވާފައިވާ އެކިއެކި ފިޔަވަޅުތަކުގެ އިތުރަށް، އެއްތަނަކަށް މީހުން އެއްވެ ހިންގާ ޙަރަކާތްތައް ވަގުތުން ހުއްޓާލުމާއި، ރާއްޖޭގެ އަތޮޅުތަކަށާއި، ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމާއި، އެކި ކަންކަމުގައި ބޭރަށް ނުކުތުން ވީހާވެސް ބޮޑަށް މަދުކުރެވޭނެ ގޮތެއްގެ މަތިން ރައްޔިތުންގެ ޢަމަލުތައް ބެހެއްޓުމުގެ މުހިންމުކަން، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރައްވައި، މިކަމާ ގުޅޭގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް، ކަމާބެހޭ އިދާރާތަކުން އެޅުއްވުމަށްވެސް ނިންމެވިއެވެ.ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން، މިހާތަނަށްވެސް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާފައިވާކަން މިއަދުގެ ޖަލްސާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ.މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އެވަގުތަކަށް އަޅުއްވަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެ ކަމުގެ ޔަޤީންކަން، މަޖިލީހުގެ މެންބަރުންނަށް ދެއްވިއެވެ.