ހައްދުންމަތީ ގައުމުގެ ފަސް މިސްކިތާއި އިޖުތިމާޢި މަރުކަޒުގައި ސޯލަރ ޕީވީ ނިޒާމް ގާއިމް ކުރުމުގެ އެއްބަސް ވުމުގައި މިއަދު ސޮއި ކުރައްވައިފިއެވެ.
މި އެއްބަސް ވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ. ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުޙައްމަދު ޝިޔާމެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ސަޢީދު ވިދާޅުވީ މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށް ކުރައްވާ މަސައްކަޔުގެ ދަށުން ކުރިއަށްދާނެ މަޝްރޫއެއް ކަމަށެވެ. އޭނާ ވިދާޅުވީ މި އަހަރުގެ ނިޔަލަށް، 12 މެގަވޮޓުގެ ކަރަންޓު އިއާދަކުރަނަވި ހަކަތައިން އުފެއްދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެކަން ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ފަނަކައިން މަސައްކަތް ކުރައްވަނީ އެކުންފުނީން ޚިދުމަތް ދެމުންގެންދަވާ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތަ 70 ޕަސެންޓަށް އިތުރު ކުރުން ކަމަށެވެ.
އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދައި ބޭނުން ކުރުމަކީ އެތައް ފައިސާއެއް ސަލާމާތް ކުރެވޭނެ ޚަރަދު ކުޑަ ނިޒާމެކެވެ. ފެނަކައިން މިހާރުވެސް އިޔާދަކުރަނިވި ހަކަތައިން 8 މެގަވޮޓުގެ ކަރަންޓު އުފައްދައި ބޭނުން ކުރަމުން ދެއެވެ. ފެނަކައިން މަސައްކަތް ކުރައްވަނީ މިމަޝްރޫއު ފުޅާކޮށް މުޅިރާއްޖޭގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމަށެވެ.
ކުރިއަށް އޮތްތަނުގައި އިތުރު ރަށްރަށުގައި މިފަދަ މަޝްރޫޢުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.