މިހާތަނަށް މުޅި ރާއްޖެއިން 222،970 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން 2،202 މީހުން މިއަދު ވަނީ މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 1،451 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތެރެއިން ވެކްސިން ޖެހީ 751 މީހުންނެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން 124،678 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތެރެއިން ޖަހާފައި ވަނީ 98،292 މީހުންނެވެ.

މިހާރު މާލެ ސަރަހައްދުގައި ޖަހަމުންދަނީ ޗައިނާ އިން އުފެއްދި ސައިނޯފާމް ވެކްސިނެވެ. އަތޮޅު ތެރޭގައި ޖަހަމުން ދަނީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިނެވެ.

ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ކޮވިޑްގެ ނުރައްކަލުން މި ގައުމު ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ އާބާދީގެ ގިނަ ބަޔަކު ވެކްސިން ޖެހުމެވެ. ފަހު ވަގުތައް މަޑުނުކޮށް މާލެ ސަރަހައްދުން ވެކްސިން ޖެހުމަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ދިޔުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.