ސްރީލަންކާއާ ގުޅޭގޮތުން އދއިން އަންގާރަދުވަހު ފާސްކުރި ގަރާރަށް ސްރީލަންކާ ސަރުކާރުން ދެކޮޅު ހަދައިފިއެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލުން އަންގާރަދުވަހު ފާސްކުރި ގަރާރަކީ، ސްރީލަންކާގައި ހިނގައިދިޔަ ދިގުލީ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ހެކި އެއްކޮށް، ރައްކާކުރުމާބެހޭ ގަރާރެކެވެ.

އޭގެ ބޭނުމެއް ކަމަށް ބުނެފައިވަނީ، އެ ޖަރީމާތަކަށް ކުރިއަށްއޮތް ތަނުގައި އިންސާފު ހޯދައިދިނުމުގެ މަސައްކަތަށެވެ.

އަދި، އދގެ ހިއުމަން ރައިޓްސް ކައުންސިލުން ފާސްކުރި ގަރާރުގައި، މިމަސައްކަތަށް 2.8 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއްވެސް ކަނޑައަޅާފައި ވެއެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލުން މިފަދަ ގަރާރެއް ފާސްމިކުރީ، ހަނގުރާމައިގެ ތެރޭގައި، ހަނގުރާމައިގެ ޖަރީމާތައް ހިންގި މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޟިރުކުރުމުގައި ސްރީލަންކާ ސަރުކާރު ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، އދގެ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް މިޝޭލް ބަޝެލޭ ހުށަހެޅުއްވި ރިޕޯޓަށް ފަހުގައެވެ.

ހިއުމަން ރައިޓްސް ކައުންސިލުން ގަރާރެއް ފާސްކުރަން އުޅޭތީ އެކަން ހުއްޓުވަން ސްރީލަންކާ ސަރުކާރުން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރިއެވެ.

އެހެން ނަމަވެސް، ހަނގުރާމައިގެ ޖަރީމާތަކުގެ ހެކި އެއްކޮށް، ރައްކާކުރުމުގެ ގަރާރު ފާސްކުރަން 22 މެމްބަރު ގައުމުން ވޯޓު ދީފައި ވެއެވެ. ގަރާރާ ދެކޮޅަށް ވޯޓުދިނީ 11 ގައުމުންނެވެ.

މި ވޯޓު ނެގިތާ މާ ގިނައިރެއް ނުވަނީސް، ސްރީލަންކާގެ ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރުދަނާވަނީ ކޮލަމްބޯގައި ނޫސްވެރިންގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގަރާރަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، އދގެ ހިއުމަން ރައިޓްސް ކައުންސިލުން ފާސްކުރި ގަރާރަކީ އެއަށް އަމަލުކުރުން ސްރީލަންކާގެ މައްޗަށް ލާޒިމް ގަރާރެއް ނޫން ކަމަށެވެ.

ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރްދަނާ ވިދާޅުވީ، ސްރީލަންކާއިން އެ ގަރާރަށް އެއްބަސްވެ ބަލައި ނުގަންނަނަމަ، އެ ގަރާރު ތަންފީޒު ނުކުރެވޭނޭ ކަމަށެވެ.

ހަމަ އެއާއެކު، ހަނގުރާމައިގެ ޖަރީމާތަކުގެ ހެކި އެއްކުރުމުގެ މަސައްކަތަށް ކަނޑައެޅި 2.8 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކީ ބޭކާރު ފައިސާއެއް ކަމަށްވެސް ދިނޭޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަޖެޓުގައި ކަނޑައެޅި ފައިސާ، ޖަފްނާގެ ރައްޔިތުންނަށް ގެދޮރު އަޅައިދިނުމަށް ޚަރަދު ކުރިއްޔާ މާ ރަނގަޅުވާނެ ކަމަށެވެ.

ޖަފްނާއަކީ، ސްރީލަންކައި ވަކި ދައުލަތެއް ގާއިމްކުރުމަށް ތަމަޅަ ޓައިގަރު ޖަމާއަތުން ކުރި ހަނގުރާމައިގެ އެންމެ މުހިންމު ރަށެވެ. އެއީ، ތަމަޅައިންގެ އަޣުލަބިއްޔަތު އޮންނަ ރަށެކެވެ.

ތަމަޅަ ޓައިގަރުން ކުރަމުންދިޔަ ދިގުލީ ހަނގުރާމަ ސްރީލަންކާ ސިފައިން 2009 ވަނަ އަހަރު ދިން ވަރުގަދަ ހަމަލާތަކަކަށްފަހު ނިމުމަކަށް ގެނައިއިރު، ފަހު ފިޔަވަހީގެ ތެރޭގައި ސިފައިން ތަމަޅައިންގެ 40،000 މީހުން މަރާލައި، ތަމަޅައިންނާ ދެކޮޅަށް ލާއިންސާނީ ބޮޑެތި އެތައް ޖަރީމާތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވިފައި ވެއެވެ. ތަމަޅައިންގެ އެތައްހާސް އާންމުންނަށް އަދިވެސް ވީގޮތެއް ވަނީ ނޭނގިފައެވެ.

މި ތުހުމަތުތައް ތަހްގީގު ކުރުމަށް އދއާއި، ބައިނަލްއަގްވާމީ މުޖުތަމައުން ގޮވާލަމުންދިޔަ ނަމަވެސް، ސްރީލަންކާގެ ސަރުކާރުތަކުން އެކަން ވިޔަދީފައެއް ނުވެއެވެ. އަދި ތުހުމަތުތައް ދޮގުވެސް ކުރެއެވެ.