އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ، ނެންސީ ޕެލޯސީ ޗައިނާއަށް އިންޒާރު ދެއްވައިފިއެވެ. ޕެލޯސީ ވިދާޅުވީ، ޝިންޖިއާން އާއި ޓިބެޓާއި ހޮންގްކޮންގގައި ޗައިނާއިން އިންސާނީ ހައްގަށް އަރައި ގަންނަމުންދާތީ އެމެރިކާއިން ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މިހާރުވެސް އެމެރިކާއިން ވަނީ ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އަދި ޔޫރަޕުންވެސް ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން ޗައިނާއިން ވަނީ ޔޫރަޕާ ދެކޮޅަށްވެސް ފިޔަވަޅުތަކެއް އަޅާފައެވެ.

ޕެލޯސީ ވިދާޅުވީ، އެމެރިކާއިން އެމެރިކާގެ ބައިވެރިންނާއެކު މި ފިޔަވަޅުތައް އަޅާނެ ކަމުގައެވެ. އެމެރިކާގެ މަސްއޫލުވެރިން ސިފަ ކުރައްވާ ގޮތުގައި ޗައިނާއިން ދަނީ ބައިނަލްއަގްވާމީ ނިޒާމު ގަޑުބަޑު ކުރަމުންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެންވެސް ވިދާޅުވެފައި ވަނީ ޗައިނާގެ މިފަދަ އަމަލުތަކުން ދުނިޔެ އިތުރަށް ހަލަބޮލި ވާނެ ކަމަށެވެ.

ޗައިނާއިން ހައްޔަރުކޮށްފައިވާ ކެނެޑާގެ ދެމީހަކަށް ކެނެޑާ އެމްބަސީގެ މަސްއޫލުވެރިންނާ ބައްދަލުވުމަށް ޗައިނާ އިން ފުރުސަތު ނުދިނުމުން، ކެނެޑާގެ ބޮޑު ވަޒިރު ވިދާޅުވެފައިވަނީ ޗައިނާއިން ބައިނަލްއަގްވާމީ ނިޒާމު ބޮލާލައި ޖަހަނީ ކަމަށެވެ. ވިއެނާ މުއާހަދާގެ ދަށުން ބަންދުކޮށްފައި ތިބޭ މީހުންނަށް އެމީހުންގެ ގައުމުގެ އެމްބަސީއަށް ބައްދަލުވުމަށް ފުރުސަތު ދޭންވާނެއެވެ.

ޔޫރަޕުންވެސް ވަނީ އުއިގޫރު މުސްލިމުންގެ ހައްގަށް އަރައިގަންނަ މީހުން ބަލައިގަނެ، އެމީހުން ފާހަގަކޮށް އެއިން ހަތަރު މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ޝިންޖިއާންގައި ޗައިނާއިން މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ރިޕޯޓް ކުރާ އުއިގޫރު މުސްލިމުންނާއި އަދި އެ ޚަބަރުތަސް ގެނެސްދޭ މީޑިއާއަށްވެސް ޗައިނާއިން ދަނީ ފިޔަވަޅު އަޅަމުންނެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްއިން ބުނި ގޮތުގައި ޝިންޖިއާންގެ ރައްޔިތުން ވަނީ ބީބިސީއިން ދޮގު ޚަބަރު ފަތުރާތީ، ބީބީސީ އާދެކޮޅަށް ދައުވާ އުފުލަން ތައްޔާރު ވެފައެވެ.