މާޗު 20 ވީ ހޮނިހިރު ދުވަސް ދެމިއޮންނާނީ، އެމީހުންގެ ގައުމުގެ އަންހެންސިފައިންގެ މީހަކަށް ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ އޯލްޑް ކޮލެޖްއިން ކޮމިޝަންޑް އޮފިސަރަކަށް ވުމުގެ މަތިވެރި ޝަރަފު އެންމެ ފުރަތަމަ ފަހަރަށް، ލިބިގެން، ތިން އޮފިސަރ-ކެޑޭޓުންގެ ހިތުގައި ކަނޑާނެގިފައިވާ ހަނދާން ހުރި ދުވަހެއް ކަމުގައެވެ.

މި ފޮޓޯތަކަކީ "ކޮމިޝަނިންގެ ކޯސް ޝޯޓް ނަންބަރ 211" ގެ ޕާސިންގް އައުޓް ޕެރޭޑުގައި ނަގާފައިވާ ފޮޓޯތަކެކެވެ. އެ ކޯހުން 19 ކެޑޭޓުން ދަސްވެނިވެ ސިފައިންގެ ކޮމިޝަންޑް އޮފިސަރުންނަށް ޕްރޮމޯޓް ވިއެވެ. އޭގެ ތެރޭގައި ހިމެނުނު ބޫޓާން ގެ ޗޫކީ ވަންގްމޯ އާއި އިރާގުގެ މިދްޔާ މާސްތީ އާއި ދިވެހި ރާއްޖޭގެ ފަރެސްމާތޮޑާ، ސަންރައިޒް، ފިރުޝާނާ ތައުފީގަކީ އެމީހުންގެ ގައުމުން، އިނގިރޭސިވިލާތުގެ ސޭންޑްހަރސްޓްގައި ހުންނަ ރޯޔަލް މިލިޓަރީ އެކެޑަމީ ގައި މިފަދަ ކޯހެއްގައި ބައިވެރިވި އެންމެ ފުރަތަމަ އަންހެންސިފައިންނެވެ.

އެ ޕެރޭޑު އިންސްޕެކްޓު ކޮށްދެއްވީ، ދުވަހުގެ ޝަރަފުވެރި މެހެމާނު، އަދި އާމީ ރިޒަރވިސްޓު އަންހެނުންގެ ތެރެއިން އެންމެ ފުރަތަމަ ޖެނެރަލެއްގެ ރޭންކު ހޯދި އަންހެނާ، މޭޖަރ ޖެނެރަލް ސީލިއާ ހާވީ އެވެ.

ކޮމިޝަނިންގް ކޯސް ޝޯޓް" (ސީސީއެސް) އަކީ އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކުރުކޮށްފައިވާ ތާވަލެއްގެ ތެރެއަށް އެހެނިހެން ފަންނުގެ މީހުން ސިފައިންގެ އޮފިސަރުންގެ ގޮތުގައި ތަމުރީނު ކުރުމަށް ބައްޓަންކޮށްފައިވާ ކޯހެކެވެ. މި ކޯހުގެ ބައިވެރިން ބޭނުންނަމަ، ކޯހުގެ މުއްދަތު މަސްތަކަކަށް ބަހާލައިގެން، ކުރިޔަށް ގެންދެވޭ ގޮތަށް ހަމަޖެހިފައި އޮތްކަމަކު، މިފަހަރުގެ ބެޗު، ސީސީއެސް ނަންބަރު 211، މި ކޯސް ފުރިހަމަކުރީ މެދުކެނޑުމެއްނެތި އަށް ހަފުތާގެ މުއްދަތުގެ ތެރޭގައިއެވެ.

މޭޖަރ ޖެނެރަލް ސީލިއާ ހާވީ، އެ މީހުން އިންސްޕެކްޓް ކުރެއްވުމަށް ހުންނެވި، ސޭންޑްހަރސްޓްގެ އޯލްޑް ކޮލެޖްގެ ހައިބަތު ބޮޑު ތާރީހީ އިމާރާތުގެ ކުރިމައްޗަށް، އެ ތިން އަންހެން ސިފައިން މާޗުކޮށްފައި އައިސް އެތުރުނު އިރު ތިބީ އުފަލުން ފޮޅިފައެވެ.

ކޮވިޑް 19 އާގުޅިގެން ނެރެފައިވާ އިލްތިމާސްތަކާ ހިލާފުނުވާނެ ހެން ބޭއްވި ޕެރޭޑްގައި އިސްކޮށް އިންނެނީ، "ބޯރިސް" ގެ ނަން ކިޔާ އަހަށް ސަވާރުވެވަޑައިގެން، އޯލްޑް ކޮލެޖް ގެ އެޖޫޓަންޓް ކަމަށްވާ، ކެޕްޓަން ޑެނިއަލް ގްރެގަރީ އެވެ. ޕެރޭޑުގެ ބޭންޑަކީ، އިނގިރޭސި އަސްކަރިއްޔާގައި ހިމެނޭ "ދަ ރައިފްލްސް ރެޖިމެންޓް" ގެ "ބޭންޑް އޮފް ބިއުގްލްސް" އެވެ.

"ތިޔަ އެންމެން ތިޔަތިބީ އޮފިސަރުންނަށް ވެފައެވެ. ދުނިޔޭގެ ކޮންމެ ދިމާއެއްގައި ވެސް އަސްކަރީގޮތުން ހަރަކާތްތެރި ވެވިދާނެއެވެ. ކޮމިޝަންޑް އޮފިސަރުކަމަކީ ބައެއްފަހަރު ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އެއީ އަބަދުވެސް ވަރަށް ހިތްހަމަޖެހުން ލިބޭނެ ކަމެވެ." އެމީހުނާ މުހާތަބު ކުރައްވާ ޖެނެރަލް ސީލިއާ ހާވީ ވިދާޅުވިއެވެ.

އުމުރުން 28 އަހަރުގެ އޮފިސަރ ކެޑެޓް ފިރުޝާނާ ތައުފީގަށް މި ޕެރޭޑް ވަގެން ދިޔައީ އޭނާއަށް އިތުރު ހައިރާންކަމެއް ލިބުނު ހަފުލާއަކަށެވެ. އެއީ އޭނާއަށް "އިންޓަރނޭޝަނަލް ޕްރައިޒް" ލިބިއްޖެ ކަމަށް އެނައުންސް ކުރެވިގެން ދިއުމުންނެވެ. މި އިނާމަކީ ބޭރުގައުމެއްގެ އޮފިސަރ ކެޑެޓް އަކަށް މުޅި ކުލާހުގެ އެއްވަނަލިބެންޖެހޭ ކަމަށް އެކެޑަމީގެ މުވައްޒަފުން އެއްބަސްވާނަމަ ދޭ ޝަރަފެކެވެ. މޭޖަރ ޖެނެރަލް ސީލިއާ ހާވީގެ އަތްފުޅުން، އިނާމުގެ ގޮތުގައި ފިރުޝާނާ އަށް ލިބުނީ، އޭގެ ބޭރުގައި ދިބާއުކުރިހަމެއްލައްވާ ޖަރީކުރެވިފައިވާ، ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ތާރީހުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.

ސޭންޑްހަރސްޓް އަށް ފިރުޝާނާއަށް ދެވުމުން އޭނާ ތަހައްމަލު ކުރަންޖެހުނީ ފިނިހޫނު މިނުގެ އެންމެ ދެ ޑިގުރީ ހުރި މާހައުލެކެވެ. އެއީ ރާއްޖޭގެ 28 ޑިގުރީ އާ އަޅާބަލާއިރު ވަރަށް ތަފާތު ބޮޑު ބަދަލެއް ކަމުން، އެއީ އޭނާ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމުގައި އޭނާ ސިފަކުރެއެވެ. އަދި ރާއްޖެއަކީ އެއްވެސް ފަރުބަދަ އެއް ނެތް، ފަތާކޮށް އޮންނަ ބިމަކަށް ވާތީ، އިނގިރޭސިވިލާތުގެ އަޑިގުޑަން ބިމުގައި ޓްރެއިނިންގް ހެދުންވެސްވީ އިތުރު ދަތިކަމެއްކަމުގައި އޭނާ ބުންޏެވެ.

"އަޅުގަނޑުގެ މަންމަ އާއި ބައްޕަ، އަޅުގަނޑާ މެދު ވަރަށް ފަހުރުވެރި ވެއެވެ. އަދި އެމީހުން ބުނީ މުޅި ގައުމުވެސް އަޅުގަނޑު ދެކެ ފަހުރުވެރިވާ ކަމަށެވެ. ސޭންޑްހަރސްޓްގެ ރައްޓެހި މާހައުލު، ދުވަހަކުވެސް އަޅުގަނޑުގެ ހަނދާނުން ނުނެތޭނެއެވެ. އަދި އަޅުގަނޑުމެންގެ ޓީމުތަކުގެ މެދުގައި އެކަކު އަނެކަކަށް އެހީތެރިވިގޮތްވެސް ހަނދާން ބަހައްޓާނަމެވެ."

އެތަނުގެ ގަދަފިނި ވެގެންދިޔައީ އެންމެ އުނދަގޫވި ގޮންޖެހުން ކަމުގައި، ކުރުދިސްތާނުގެ މިލިޓަރީ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ، އުމުރުން 30 އަހަރުގެ ޑޮކްޓަރު، އޮފިސަރ ކެޑެޓް މިދްޔާ މާސްތީ ވެސް ބުންޏެވެ.

"ފުރަތަމަ ދެ ހަފުތާ ވެގެން ދިޔައީ އެންމެ އުނދަގޫވި ދުވަސްވަރަށެވެ. ހާއްސަކޮށް އެހާ ފިނީގައި ބޭރުގައި ނިދަންޖެހުމުންނެވެ. މި ކޯސް އަޅުގަނޑަށް ފުރިހަމަ ކުރެވޭނެކަމަކަށް އެއްގޮތަކަށް ހީއެއް ނުކުރަމެވެ. މިހާ ދަތި އުނދަގޫ ހާލުގައި އުޅެންޖެހޭނެ ކަމަށް ކުރިން އެނގުނުނަމަ، ނުވެސް އައީމުހެވެ. އެހެންނަމަވެސް، މި އުފާވެރި ހާލަތުގައި މިއަދު މިހުރީ އެހެންނުވުމުންނެވެ. ތެދަށް ދަންނަވަން ޖެހޭނީ އަޅުގަނޑު މިހުރީ ވަރަށް ފަހުރުވެރިވެފައެވެ. މިތަނުގައި ވަރަށް އާދަޔާ ހިލާފު ރަނގަޅު މީހުނާ ދިމާވިއެވެ. އަދި މިތަނުން ދަސްވެނިވުމަކީ ވަރަށް ބޮޑު ޝަރަފެކެވެ."

އޮފިސަރ ކެޑެޓް ވެންގްމޯ (39 އަހަރު) އަށް ވެސް އެ އެކެޑަމީގެ ހުރިހާ ކަމެއް އިންތިޒާމު ކޮށްފައިވާ ގޮތް ވަރަށް ކަމުދިޔައެވެ. އަދި އެތަނުގެ ގޯތި ސަރަހައްދުގައި ހިނގާލުމަކީ އޭނައަށް ލިބުނު އުފަލެކެވެ.

"ގައުމު ތަމްސީލުކުރުމަށް ސޭންޑްހަރސްޓް އަށް އައުމަށް ސަރުކާރުން ހޮއްވެވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. އަނބުރާ ބޫޓާނަށް ދެވުމުން އަޅުގަނޑު އުޅޭނީ އަސްކަރިއްޔާގައި ފުލްޓައިމް ވަޒީފާގައެވެ. މިތަނުގައި ހުރެވުނީތީ އަދިވެސް ހީވަނީ އެއީ ހުވަފެނެއްހެންނެވެ. މިއީ ހަގީގަތެއްކަން ފުރިހަމައަށް އިހުސާސްވީ ފަރިތަކުރުމުގައި ބޭންޖެހުމާ ހުރިހާ ކަމެއް ފެނުމުންނެވެ. ސޭންޑްހަރސްޓް އިން އަޅުގަނޑު މިއޮތް ކޮމިޝަން ވީއެވެ! މިއީ އަޅުގަނޑަށް ކުރެވުނު ވަރަށް ރަނގަޅު ތަޖުރިބާއެކެވެ. އަޅުގަނޑަށް ވަރަށް ގިނަ ކަންކަން ދަސްވިއެވެ. އަދި އެކި ކަންކަމާމެދު ތަފާތުކޮށް ވިސްނުމަށްވެސް ދަސްވިއެވެ."