ރާއްޖޭގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރެއް ހުންނަވާކަން މިއަދު ދުނިޔެއަށް ސާބިތުވެއްޖެއެވެ. ތޫނުފުލިކަން ސާބިތުކޮށްދެއްވަމުން އެމަނިކުފާނު މިއަދު ހުށަހެޅުއްވީ ރާއްޖޭގައި ކަނޑުއަޑީގައި ޑޭޓާ ސެންޓަރެއް ހެދުމުގެ ފުރުސަތު އޮތްކަމުގެ ވާހަކައެވެ.
މިހާރު ރާއްޖޭގައި ޑޭޓާ ސެންޓަރެއް ވިޔަފާރި އުސޫލުން ހަދައިގެން އުޅޭ ދިރާގަށް މިއަދު މިލިބުނު ޚިޔާލުން އުފަލުން ފޮޅޭނެކަން ކަށަވަރެވެ.
ކިޔާލަން: ކަނޑުއަޑީ ޑޭޓާ ސެންޓަރެއް ގާއިމް ކުރެވިދާނެ
މިނިސްޓަރު މަލީހު މީހުންގެ މެދުގައި ނަންވެ ވަޑައިގެންފައި ވަނީ، ސައިންސް އެންޑް ޓެކްނޮލޮޖީ ނޫން ހުރިހައި ކަމެއްގެ މިނިސްޓަރުގެ ގޮތުގައެވެ.
ބަގީޗާ ގަސްތަކުން ކޫޑި ފިލުއްވުމުގެ މަސައްކަތުގައި އުޅުއްވާތަންވެސް މީސްމީޑިއާގެ ފޮޓޯތަކުން ފެންނާނެއެވެ.
މީހުން އާންމުކޮށް ސުއާލު ކުރާފަދައިން މި މިނިސްޓަރަށް އޭނާގެ ދާއިރާގައި މާބޮޑު މަސައްކަތެއް ނޯންނަނީ ހެއްޔެވެ؟ ނުވަތަ ގައުމުގެ ހާލަތަށް ބޭނުންވާ ތަސައްވުރެއް ނުވަތަ ޕޮލިސީއެއް އެކުލަވާލުމެއް ނޯންނަނީ ހެއްޔެވެ؟
މިސާލަކަށް ބަލަމާ ހެއްޔެވެ!
ހުރިހައި ނޫސްވެރިންނާއި ލިޔުންތެރިންނަށްވެސް އެންމެ ބޮޑު ވޭނަކަށްވެފައިވާ މައިކްރޯސޮފްޓުން ދިވެހިންނަށް އަނިޔާއަކަށް ހަދާފައިވާ ބޮލި ފޮންޓުން ސަލާމަތް ވާން ސައިންސް މިނިސްޓަރު ކޮށްދެއްވީ ކޮންކަމެއް ހެއްޔެވެ؟
ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިޒަމާނުގައި އިލެކްޓްރޯނިކް ސިގްނޭޗަރ، ސަރުކާރާއި ރަސްމީ ލިޔެކުޔުމުގައި ބޭނުން ކުރުމަށް ސައިންސް މިނިސްޓަރު އެކަށައެޅުއްވީ ކޮން ޕޮލިސީއެއް ތޯއެވެ؟ ކުރެއްވީ ކޮން މަސައްކަތެއް ތޯއެވެ؟
ސަރުކާރުގެ އިދާރާއަކަށް ނުވަތަ ތަނަކަށް ޚިދުމަތެއް ހޯދުމަށް ދާމީހާ، 20 ވަނަ ގަރުނުގައި ކަން އޮތް ބީދައިން އަދިވެސް އައިޑީ ކާޑްގެ ފޮޓޯކޮޕީ ގެންދަން އެބަޖެހެއެވެ.
ރާއްޖެއަށް ވަގުތު ކުޑަތަން ވެފައި ހުންނައިރު ލިބޭ ސްކޯލަރޝިޕްތަކަށް ކުރިމަތިލާ ކުދިން އެއިން ބައެއް ކޯސްތަކަށް ނުހޮވި ކެންސަލް ވެގެން ދަނީ ހުށަހަޅަން ޖެހޭ އައިޑީކާޑާއި ސެޓިފިކެޓްތަކުގެ ދެ ފަރާތް ކޮޕީ ހައްދާފައި ހުށަހަޅާފައި ނެތުމާއި އަސްލާ އެއްގޮތްކަމަށް ތައްގަނޑު ނުޖެހި ހުރެގެންނެވެ.
މިއިން ބައެއް ލިޔެކިޔުމަކީ ދައުލަތުގެ ނިޝާން ޖެހި، ދައުލަތުން ދީފައިވާ ލިޔުންތަކެވެ.
މިހާރު ބައެއް ގައުމުތަކުގައި މިތަކެތި ކޮޕީހައްދައިގެން ހުށަހަޅާކަށް ނުޖެހެއެވެ. މިއީވެސް ގަހެއްގައި ދެ މާ ޖޯޑް ކުރުވުންފަދަ ފަސޭހަކަމަކަށް ބައްލަވައިގެން ސައިންސް މިނިސްޓަރު މިފަދަ ކަމަކަށް ހައްލެއް ހޯއްދަވައި ނުދެއްވަންވީ ކީއްވެގެން ތޯއެވެ؟
އިލެކްޓްރޯނިކް ފައިލިންގ ނުވަތަ އީފައިލިންގ ކިޔާ އެއްޗެއް ބައެއް ގައުމުތަކުގައި އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލު ކުރުމަށް ބޭނުން ކުރާކަމަށް އަޑު އިވެއެވެ. މިއީ ގަންނަން ލިބޭ އެއްޗެއް ކަމުގައި ވާނަމަ މިއިން ކިލޯއެއް ވަރު، ސައިންސް މިނިސްޓަރު ދިވެހިންނަށް ހޯއްދަވައި ދެއްވުން ކީއްތޯއެވެ؟
ބައެއް ގައުމުތަކުގައި މީހުން މައިކެއް ދިއްކޮށްލައި އެއަށް އެއްޗެއް އިއްވާލުމުން އެއެއްޗެއް ވަގުތުން ލިޔެވިގެންދާ ތަންވެސް ފިލްމުތަކުން ފެނެއެވެ. ދިވެހި ބަސްވެސް މިހެން ލިޔެވޭގޮތަށް އެފަދަ ކަމަކަށް ސައިންސް މިނިސްޓަރު ވިސްނައި ވަޑައިގަތުން ކިއްތޯއެވެ؟
ސަރުކާރުގެ އޮފީސްތަކުގެ ވެބްސައިޓްތަކަކީ ހަމައެއް ލަމައެއް ނެތި ފަރުމާކޮށްފައިވާ ތަކެއްޗެވެ. މިއީ އެޒަމާނުން ވުޒާރާތަކުގައި ބޭނުންކުރާ ވާރުތަ ވަމުން އަންނަ ތަކެއްޗެވެ. ސައިންސް މިނިސްޓަރު މިކަމަށް ވިސްނައި ވަޑައިގެން ޕޮލިސީތަކެއް ކަނޑައަޅުއްވައި މިއަށް ވުރެން ރަނގަޅަށް ސަރުކާރު އޮފީސްތަކަށް ވެބްސައިޓް ބޭނުން ކުރެވޭ ގޮތް ހައްދަވައި ދެއްވުން ކީއްތޯއެވެ.
ސަރުކާރުގެ އޮފީސްތަކުގެ މެދުގައި މަޢްލޫމާތު ބަދަލުކުރަން ހަދާފައިވާ ވިއުގައާއި އެއާއެކު ބިމުއަޑީގައި ވަޅުލާފައިވާ ކޭބަލްތަކަކީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ރައީސް މައުމޫނުގެ ވެރިކަމުގައި އެޅި ތަކެއްޗެވެ. ބޮޑު ބަދަލެއް އައިސްފައިވާ ނަމަ އެކަމަށް ދައުލަތުގެ މުވައްޒަފުން ހެކި ވާނެއެވެ.
މިއިން އެނގެނީ، އަޑީ ޑޭޓާސެންޓަރަށް ވުރެން މަތީގައި މޮޑެން ހުރި ޑޭޓާތަކާ އަޅާލުން އަދިވެސް މާ މުހުންމު ކަމެކެވެ.