މާލެ ސަރަޙައްދުގައި ހިމެނޭ ހުޅުމާލެއާއި ވިލި މާލެ އަދި މާލޭގައި ބޮޑެތި ޑަސްޓްބިންތައް ބެހެއްޓިފަހުން އިތުރަށް ގޮނޑުވާން ފަށައިފިއެވެ. މިގޮތަށް ދިމާވާން ފެށީ ޑަސްޓްބިން ތަކަށް ކުނި އަޅާ މީހުންގެ ފަރުވާ ކުޑަކަމުންނެވެ. އަދި ކުނި ނަގާ މީހުންވެސް މިކަމުގައި ޒިންމާވާން ޖެހެއެވެ. މީސް މީޑިއާގައި މިކަމަށް އަޑު އުފުލަ ފަރާތްތަކުން ބުނާ ގޮތުގައި ޑަސްޓްބިން ތަކުން ކުނި ނަގާމީހުން ކޮންމެ ދުވަހަކު ޑަސްޓްބިން ހުހެއް ނުކުރެއެވެ. އެހެންކަމުން ޑަސްޓްބިން އަވަހަށް ފުރެއެވެ. އަދި ޑަސްޓް ބިންގެ އަޑީގައި ހުންނަ ކުނިތައް ގިނަވެ މުޅި ސަރަޙައްދުން ނުބައި ވަސް ދުވައެވެ.
މީގެ އިތުރަށް ކުނިއަޅާ މީހުން ޑަސްޓްބިން ފުރުމުން ޑަސްޓްބިން ބަހައްޓާފައި ހުރި ސަރަޙައްދުގެ އެތައް މިތާނގައި ކުނި ކޮތަޅުތައް ބަހައްޓަނީއެވެ. ބައެއް މީހުން ޑަސްޓްބިން ނުފުރުނަސް އެ ހިސާބު ކައިރިއަށް ކޮތަޅު އެއްލާލަނީއެވެ. އަދި މި ކޮތަޅުތަކަކީ ގިނަފަހަރަށް ރަނަގަޅަށް ބަންދު ކުރެވިފައިވާ ކޮތަޅުތަކަކަށް ނުވެއެވެ.
އެހެން ކަމުން ކޮތަޅުތަކުގައި ހުންނަ ތަކެތި މުޅި މަގުމައްޗަށް އެޅި މުޅި ސަރަޙައްދު ބަލާލަން ނުކެރޭވަރަށް ހަޑިވެ އެވެ. މީގެއިތުރަށް ކޮތަޅުތައް ރަނަގަޅަށް ބަންދު ނުކުރެވުމުން ބުޅަލާއި މީދާތައް އައިސް މި ތަކަކެތި ހާވައި ކައި ހެދުމުން މުޅި މަގުމަތީގައި ކުނިތައް ފެތުރި ނޯއްދަމާލަށް ނުކެރޭފަދަ ނުބައި ވަސްވެސް ދުވައެވެ.
މިކަންތައް ބޮޑުވެ އާންމު ރައްޔަތުން ސޯޝަލް މީޑިއާގައިވެސް މި މަންޒަރުތަކުގެ ފޮޓޯތައް ނަގާ ހިއްސާ ކުރަމުން އެބަ ގެންދެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ކުޑަ ކުދިން ގޮވައިގެން މިހާރު ދޮރާށި ދޮށަށްވެސް ނުކުމެވޭ ވަރެއްނޫނެވެ.
މިއީ މުޖުތަމަޢުގައި ދިރިއުޅޭ ހުރިހާ ފަރުދުންވެސް ވިސްނައި އެންމެންގެ ސަލާމަތަށްޓަކައި ސަމާލުކަން ދޭންވެއްޖެ ކަމެކެވެ. ކޮތަޅުތައް ރަނަގަޅަށް ބަންދުކުރުމަށް ފަހު ޑަސްޓްބިނަށް ލާން އާދަ ކުރަންވެއްޖެއެވެ. ޑަސްޓްބިން އުކާލާ މީހުންވެސް އެދުވަހަކު ޑަސްޓްބިންގައި ހުންނަ ހުރިހާކުންޏެއް ނަގައިގެން ގެންދިޔުމުން ނޫނީ މިކަމަކަށް ހައްލެއްނެތެވެ. އަދި ޑަސްޓަބިން ފުރުމުން ކައިރީގައި ބަހައްޓާފައި ހުންނަ ކޮތަޅުތައް ނެގުމަކަށް އިތުރު ބަޔަކު ނާންނާނެއެވެ.
އެހެންކަމުން ހަމަ އެކަނި 20 މިނެޓް ވަންދެން އަތް ދޮވުމަކުން ސާފުތާހިރު ވެވުނީ އެއްނޫނެވެ. ތިމާއާއި ތިމާ ދިރި އުޅޭ މާހައުލު ސާފުތާހިރު ކުރުމަކީ އެންމެންގެ ޒިންމާ އަކަށް ހަދަމާހެއްޔެވެ؟