ކުޑަކުދިންގެ ކަރާމަތަށް އުނިކަންލިބިދާފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ޖެންޑަރ މިނިސްޓަރީން ނަސޭހަތްތެރިވެއްޖެއެވެ.
އެ މިނިސްޓްރީން މިކަމަށް ނަސޭހަތްތެރިވެފައިވަނީ ރ. މަޑުއްވަރީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭގޮތުން ނެރުނު ބަޔާނެގައެވެ.
އެބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ދައުލަތުގެ އިދާރާތަކާއި، ޚަބަރުފަތުރާ ވަސީލަތްތަކާއި، އަމިއްލަ ފަރުދުންގެ ވަރަށް ބޮޑު ޤާނޫނީ ޒިންމާއޮތްކަން ވެސް ހަނދާންކޮށްދޭ ކަމަށެވެ. "އަދި މި ފުރުޞަތުގައި، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 10ވަނަ މާއްދާ "އަޅާލުމާއި ޙިމާޔަތް ލިބުން"ގެ (ހ) އަދި އެ ޤާނޫނުގެ 33ވަނަ މާއްދާ "ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުން"ގެ (ހ)އާ ޚިލާފުވާނެފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް ވެސް އިލްތިމާސްކުރަމެވެ."
މި މައްސަލައަކީ ޙައްސާސީ މައްސަލައެއްކަމަށާއި މިފަދަ ހާދިސާތައް ތަޙުޤީޤުކޮށް، ކުށްކުރި ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރިއަށްދާ ކަމަށް ވެސް ޖެންޑަރ އިން ބުނެފައިވެއެވެ.
މި މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިފައިވަނީ ާރިޗު 10ވަނަ ދުވަހުއެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ރ.އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށެވެ. "މި މައްސަލަ ހުށަހެޅުމާއެކު މިސަރވިސްގެ ލަފައާއެކު އެ ސެންޓަރުން އައީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ."
އެމިނިސްޓްރީން ބުނެފައިވަނީ މިފަދަ ކޮންމެ މައްސަލައެއްގައި ވެސް އެންމެ ބޮޑު އަމާޒަކީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާގޮތަށް އަނިޔާ ލިބުނު ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. "މި ގޮތުން މި މައްސަލަ މިސަރވިސްގެ ސަމާލުކަމަށް އައުމާއެކު، މިސަރވިސްއިން އެންމެ ބޮޑު އިސްކަމެއްދީފައިވާނީ ކުއްޖާއަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށެވެ. މީގެއިތުރުން މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނެސް، ގުޅުންހުރި މުއައްސަސާތަކާއެކު މިސަރވިސްއިން މި ގެންދަނީ މަސައްކަތްކުރަމުންނެވެ." އެތަނުން އަންނަނީ މައްސަލަ ބެލުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއެކު ކުއްޖާގެ ޙާލަތު ވަރަށް ގާތުން މޮނިޓަރކުރަމުން ކަމަށް ވެސް ބުނެފައިވެއެވެ.