އެތެރެ ހަށީގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް މީހެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މައުލޫމާތުދޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 30 އަހަރަާއި 34 އަހަރާއި 41 އަހަރުގެ ޕާކިސްތާނު 4 ފިރިހެނުންނެވެ . މި ހަތަރު މީހުން ރާއްޖެ އައިސްފައިވަނީ ނިމިދިޔަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ރާއްޖެއައި ބައެކެވެ. މި މީހުންގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އެ ހަަތަރު މީހުނާއިމެދު ކަސްޓަމްސް އޮފިސަލުންނަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރި ކުރުމުން ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ. ކަސްޓަމްސް އިން ބުނީ އެމީހުންގެ އެތެރެހަށީގައި އެއްޗެއް ރައްކާކޮށްފައި ހުރިކަމަށް ބެލެވިގެން ، މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގުނު އޮޕްރޭޝަނެއްގައި މި މީހުން ހޮސްޕިޓަލަށް ގެންގޮސްގެން ބެލިއިރުހެރޮއިން އަޅާފައިހުރި 81 ބުލެޓް ފެނިފައިވާ ކަމަށެވެ.

މީގެ ތެރެއިން 5 ވަަނަ މީހާ އަކީ 27 އަހަރުގެ ކެންޔާ އަންހެނެކެވެ. އެމިހާގެ ހަށިގަނދުން މަސްތުވާތަކެތި އަޅާފައިހުރި 53 ބުލެޓް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހުޤީޤު ކުރެވެމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތުދެއެވެ.