އުތުރުގެ ރަށެއްގައި ހިނގި ޖިންސީ ގޯނާގެ މައްސަލަ ކުއްޖާގެ އާއިލާގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމުން ވެސް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށް ދިވެހި ގައުމީ ހަރަކާތް (ޑީއެންއޭ) އިން ބުނެފި އެވެ.
އުތުރުގެ ރަށެއްގައި ސްކޫލް ޓީޗަރަކު އިސްވެ ހުރެ ސްކޫލް ކުއްޖަކު ރޭޕްކުރި ކަމަށް އެ ކުއްޖާގެ އާއިލާއާ ހަވާލާދީ އެރަށު ބައެއް މީހުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ.
އެ މައްސަލާގައި ފިޔަވަޅު ނާޅައިގެން އެރަށުގައި ވަނީ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ. އަދިވެސް އެރަށުގެ މަޝްރަހު އޮތީ ހޫނުކޮށެވެ.
މި މައްސަލައާ ގުޅިގެން ޑީއެންއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފާއިތުވި އަހަރުތަކުގައި ދައުލަތުގެ ޓެކްސް ފައިސާ އިން އެތައް މިލިއަން ފައިސާއެއް ޚަރަދުކޮށްގެން ޖެންޑާ މިނިސްޓްރީގެ ފަރާތުން އެފަދަ މައްސަލަތައް ބެލޭނެ އިންތިޒާމްތައް ގާއިމްކޮށްފައި ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި އަވަސް ފިޔަވަޅު އެޅުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ފެއިލްވާކަމީ ފެންނާން ހުރި ހަގީގަތް ކަމަށް އެ ބަޔާނުގައިވެ އެވެ.
"މީގެ ސަބަބުން މިފަދަ ލާއިންސާނީ އަމަލުތައް ކުރުން އިތުރުވެ އެކަމާ ދެކޮޅަށް އަޑުއުފުލާ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، ގާނޫނުން ބޭރުން މަގުމަތިން ކަންކަން ނިންމުމުގެ ސިޔާސަތު އިތުރުވެގެން ގޮސްފައިވެއެވެ،" އެ ބަޔާނުގައިވެ އެވެ.
އެހެންކަމުން އިތުރުގެ ރަށެއްގައި ހިނގައިގެން އުޅޭ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަވަހަށް ތަހުގީގުކޮށް އަނިޔާ ލިބުނު ފަރާތްތަށް އިންސާފު ހޯދައިދިނުމަށް ޑީއެންއޭ އިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އަދި އަނިޔާ ލިބުނު އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ޑީއެންއޭ އިން ވަނީ ގޮވާލާފަ އެވެ.