އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ނިދަން އޮށޯތީ އޭނާގެ ފޯނު ޗާޖުކުރަން ބާއްވައިފައެވެ. އެހެންނަމަވެސް އޭނާގެ ޗާޖަރު ވަނީ ގޮވައި އެނދުގައި އަޅާފައި އޮތް ޑުވެޓްގައި ރޯވެފައެވެ. ބާމިންހަމްގައި ހިނގި މި ހާދިސާގައި އެ ކުއްޖާގެ މޫނު ވަނީ ކޮންމެ ވެސް ވަރަކަށް ފިހިފައެވެ.

އެމީ ހޯލް ނަމަކަށް ކޮޔާ މިކުއްޖާ ބުނެފައިވަނީ ޑުވެޓްއިން ފާޅުވަމުން ދިޔަ ގަދަ އޮރެންޖް ކުލަ (އަލިފާން) އޭނާއަށް ފާހަގަވީ އޭނާއަށް ނިދެމުން ދިޔަ ވަގުތު ކަމަށެވެ. އެހެންކަމުން އޭނާއަށް ބޭއިހްތިޔާރުގައި އެނދުން ފުންމާލެވުނެވެ. ނަމަވެސް ޑުވެޓްގައި އަލިފާން ރޯވި ވަގުތު އޭނާގެ ކޯ ކޮންމެސް ވަރަކަށް ވަނީ ފިހިފައިއެވެ.

އަލިފާން އެހެން ކޮޓަރިތަކަށް ނުފެތުރެނީސް އެމީ ވަނީ އޭނާގެ މަންމައަށް ގޮވައި އަލިފާން ގަނޑު ނިވާފައިއެވެ.

އެމީ މިހާރު ދަނީ އޭނާއަށް ދިމަވި ހާދިސާއިން އިބްރަތް ހޯދާއިގެން މިފަދަ ކަންކަމަށް މީހުން ހޭލުންތެރި ކުރަމުންނެވެ. އަދި ނިދާއިރު ފޯނު ޗާޖުކުރަން ބޭއްވުމަށް ވަރަށްބޮޑު ނުރައްކަލެއް ކަމަށް މިހާރު އޭނާ ގަބޫލު ކުރެއެވެ.

"އަހަރެން ބޭނުމީ ހުރިހާ މީހުންވެސް ފޯނުފަދަ ތަކެތި ގެންގުޅެންވީ ރަނގަޅު ގޮތް އެނގި އެންމެންގެ ރައްކާތެރިކަން. އަހަންނަށް ދިމާވި ހާދިސާ އަހަންނަށް ސިފަ ކުރެވެނީ ބިރުވެރިކޮށް. އެވަގުތު އަހަރެން ހުރީ ޝޮކެއްގައި،" އޭނާ ބުނެފައިވެއެވެ.

"އަހަރެން އޮތީ ނިދަން އަރާފައި. އެނދު ކައިރިން ފާޅު ވަމުން ދިޔަ އޮރެންޖް ކުލަ އަހަންނަށް ފާހަގަ ކުރެވުނީ ނިދެމުން ދަނިކޮށް. އަހަރެން ވަގުތުން މަންމައަށް ގޮވައި ގެނައިން. އަހަރެމުންގެ ނަސީބު ގަދަކަމުން މަންމައަށް އަލިފާންގަނޑު ނިވާލެވުނީ،" އެމީ ބުނެފައިވެއެވެ.

މީގެ އިތުރަށް އެމީ ބުނެފައިވަނީ އޭނާގެ މޫނުން ފިހިފައިހުރި ތަންހުރީ ވަރަށް ގޯސްކޮށްކަމަށާއި އަދި މިއަށް ވުރެން ގޯސް ވުމުގެ ފުރުސަތު އޮތް ކަމަށެވެ. އޭނާގެ ކޮޓަރި ފިޔަވައި އެހެން ތަނެއްގައި އަލިފާން ނުހިފާތީ އެމީ ޝުކުރުވެރިވެއެވެ.

އެމީ ވަނީ އޭނާގެ މޫނުން ފިހިފައިވާ ތަނުގެ ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާ ގައި ހިއްސާކޮށްފައިއެވެ. އެންމެން ގާތުވެސް އޭނާ އެދިފައިވަނީ މާގިނައިރު ވަންދެން ފޮނު ފަދަ ތަކެތި ޗާޖަރަށް ޖަހާފައި ނުބޭއްވުމަށެވެ. ހާއްސަކޮށް ނިދާ ގަޑީގައި އެވެ. އެހެނީ މިކަހަލަ ހާދިސާ ތަކަކީ ހަމަ ކޮންމެ މީހަކަށް ވެސް ކުރިމަތި ވެދާނެ ހާދިސާއަކަށް ވެދާނެއެވެ.

އަލިފާން ރޯވާން ޖެހުނު ސަބަބަކީ އޭނާގެ ޗާރޖިން ސިސްޓަމް ނުވަތަ ސޮކެޓުގެ މައްސަލައެއްކަމެއް އަދި ސާފުވާ ގޮތެއް ވަނީ ނުވެފައިއެވެ. އެމީ ބޭނުން ކޮށްފައިވަނީ އެޕަލް ބްރޭންޑޫގެ ވާގަޑެއް ނަމަވެސް އެޑެޕްޓާއަކަށް ބޭނުން ކޮށްފައިވަނީ އެހެން ބްރޭންޑެއްގެ އެއްޗެކެވެ.

މި ހާދިސާއަށް ފަހު އެޕަލްގެ ފަރާތުން ބުނެފައިވަނީ އެމީހުންގެ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމަށެވެ. އެމީހުން މިހާރު ދަނީ އެމީއާއި ވާހަކަ ދައްކައިގެން އެ މައްސަލަ ބަލަމުންނެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ ޗާޖު ކުރާއިރު އަމަލު ކުރަންވީ ބައެއް ރައްކާތެރި ގޮތްތަކެއް ހިމެނޭ ލިޔުމެއް ހިއްސާ ކޮށްފައިއެވެ. ވައި އަދި ފެން ބޭރުނުވާ ފަދަ ތަނެއްގައި ޗާޖު ކުރާނަމަ ދިމާވާ ކަމެއްގެ ސަބުބުން އަލިފާނުގެ ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ ލިޔުމުގައި އިންޒާރު ކޮށްފައި ވެއެވެ.