އިންޑިއާއާއި ޕާކިސްތާންގެ ޚާރިޖީ ވަޒީރުން މި މަހުގެ ފަހުކޮޅުގައި ހަރޓް އޮފް އޭޝިއާ ކޮންފަރެންސްގައި ބައުވެރިވެ ވަޑއިގަންނަވާނެއެވެ. ދެ ބޭފުޅުންވެސް ވަޑައިގަންނަވާނީ ތަޖިކިސްތާންގެ ވެރިރަށް ދުޝާންބޭ ގައި އޮންނަ ކޮންފަރެންސަށެވެ.

މާޗް 30 ގައި އޮންނަ މި ކޮންފަރެންސަކީ 2011 އިން ފެށިގެން އަފްޣާނިސްތާނާއި ތުރުކީ ގުޅިގެން ބާއްވާ އަފްޣާނިސްތާނާ ބެހޭ ކޮންފަރެންސެކެވެ. މި ކޮންފަރެނސްގައި 15 ގައުމަކުން ބައިވެރިވެއެވެ. އަދި މިކަމަށް 17 ގައުމަކުން ވާގި ވެރިވެއެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ 12 އިދާރާއަކުންވެސް އެހީތެރިވެ ދެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖަޔަޝަންކަރުއާއި ޕާކިސްތާންގެ ޚާރިޖީ ވަޒީރު މަހްމޫދު ޤުރެއިޝީ މި ބައްދަލުވުމުގައި މަޝްވަރާތައް ބާއްވާނެ ކަމަކަށް އަދި އެނގިފައެއް ނުވެއެވެ.

މި އަހަރު މި ކޮންފަރެންސް މި ދިމާވަނީ އަފްއާނިސްތާން ހަނގުރާމަ ހުއްޓާލައި ސުލްހަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑި ވަޅެއްގައެވެ.

މިއީ ސުލްހައިގެ އިޝާރާތްތަކެއް ދެ ގައުމުން ދެމުންދާން ފެށިފަހުން ދެ ވަޒީރުން އެއްތަނަކުން ފެންނަ ފުރަތަމަ ފަހަރެވެ.

ޕާކިސްތާންގެ ޑޯން ނޫހުން ބުނާ ގޮތުގައި ދެ ބޭފުޅުންގެ ބައްދަލުވުމަކީ މުސްތަހީލު ކަމެއްނޫން ކަމަށެވެ.