އަލުއްވަކީ ހަމައެކަނި ކައްކައިގެން ނޫނީ ތެއްލައިގެން ކަނާގެ ގޮތުގައި ބޭނުން ކުރެވޭ އެއްޗެއް ނޫނެވެ. މޫނާއި ލޯކައިރި ސާފުކުރުމަށްވެސް އަލުވި ބޭނުން ކުރެއެވެ. އަދި ތަފާތު އެހެނިހެން އެއްޗިހި ސާފުކުރުމަށްވެސް އަލުވި ބޭނުންކުރެވިދާނެ އެވެ.

އައިނު ސާފުކުރުން

ލޮލުގައި އަޅާ އައިނު ފުސްވުމުން ވާ އުނދަގޫ އެނގޭނީ އެ އައިނު އަޅާ ބަޔަކަށެވެ. އެހެން ކަމުން އައިނު ސާފުކުރުމަށް ރޯ އަލުވި ފޮތި ކޮށްލުމަށް ފަހު އައިނުގެ ބިއްލޫރީގައި ކާއްތާލާށެވެ. އެއަށް ފަހު ސާފު ފޮތިކޮޅަކުން ފުހެލާށެވެ. ހީވެސްނުވާހާ ވަރަށް އައިނުގެ ފުސްކަން ކެނޑި ސާފު ވާނެއެވެ.

ވަޅި އާއި ކަތުރުފަދަ ތަކެތި ސާފުކުރުން

ކިރު ހުންނަ ތަކެތި މަށާ ކޮށާ ހެދުމުން ވަޅި ވަރަށް ބޮޑަށް ހަޑިވެއެވެ. އަދި ކަތުރުގައިވެސް މިގޮތަށް ތެރަސް ފާޑުގެ އެއްޗެހި ހަރުލައެވެ. އެހެންކަމުން ރޯ އަލުވި ފޮތިކުރުމަށްފަހު ތަށިދޮންނަން ގެންގުޅޭ އެއްޗަކާއި ކުޑަ ބޭކިން ސޮޑާކޮޅެއް އަލުވި ފޮތީގައި އުނގުޅާލާށެވެ. އެއަށްފަހު ވަޅި އާއި ކަތުރުފަދަ ތަކެތީގެ މިޔާގައި އުނގުޅިފައި ހުންނަ އެއްޗިހީގައި އުނގުޅާލާށެވެ. ރީތިކޮށް ސާފުވާނެއެވެ.

ބިއްލޫރި އެއްޗެއް ތަޅައިގެން ދިއުމުން ސާފުކުރުން

ތަށިމުށި ނުވަތަ މިފަދަ އޮމާން ތަނަކަށް ވެއްޓި ބިއްލޫރި އެއްޗެއް ތަޅައިގެން ހިނގައްޖެނަމަ އޭގެ ކުދިކުދި ބިއްލޫރިތައް ބުރަ ބުރައިގެން ދެއެވެ. ލޮލަށް ނުފެންނަ ވަރުގެ ކުދި އެތި ކޮޅުތައްވެސް ތަށި މުށީގައި ހަރުލައެވެ. މިހެންވުމުން ގިނަ ފަހަރަށް ފިހިގަނޑުން ކަހާ ސާފު ކުރުމުންވެސް އެއްކޮށް ސާފު ނުވެ ހުރެއެވެ. ނަމަވެސް އަލުއްވެއް ފަޅާލާފައި އެ މުށިތަކުގައި ކާއްތާލުމުން ލޮލަށްނުފެންނަ ވަރުގެ ކުދި ބިއްލޫރި ކޮޅުތައްވެސް އަލުވީގައި އުނގުޅި ސާފު ވާނެއެވެ. މިގޮތަށް ސާފު ކުރާއިރު ރައްކާތެރި ގޮތަކީ އަތަށް އަންގިއެއް ލައްވައިގެން އުޅުމެވެ.

ރިހި އެއްޗިހި ސާފުކުރުން

އަހަރެމެން ވަރަށް ގިނަމީހުން ރިހީގެ ގަހަނާ އަޅަމެވެ. ނަމަވެސް މި ރިހި ކުލަ ވަރަށް އަވަހަށް ކަޅު ކުލައަށް ބަދަލުވެއެވެ. ޚާޞަކޮށް މާލޭގައި ރިހި އެއްޗިހި ވަރަށް އަވަހަށް ހަޑިވެއެވެ. މިގޮތަށް ހަޑިވާ ރިހި ގަހަނާ ސާފުކުރުމަށްޓަކައި އަލުވި މަޑުކޮށްފައި ހުންނަ ފެންގަނޑު އުކާނުލާ ބަހައްޓާށެވެ. އެފެންގަނޑުން އަލުވިތައް ނެގުމަށްފަހު ރިހީގެ ގަހަނާ އެއަށް ލާ ގަޑިއެއް ހާއިރު ބާއްވާށެވެ. އެއަށްފަހު ނަގާ ފުހެލާށެވެ. ސާފު ރިހި ކުލަ އަރާނެއެވެ.

ލައްފިލުވުން

ކުލަ މަޑު ގަމީހާއި ހެދުން، ބުރުގާފަދަ އަންނައުނު ގައި ޖެހޭ ކުދި ލައްތައް އަލުވިން ފިލުވައި ލެވޭނެއެވެ. ހަދާނެގޮތަކީ އަލުވި ފަޅާލާފައި އޭގައި ތެޔޮ ފޮދެއް ނޫނީ ގިތެޔޮ ކޮޅެއް އުނގުޅާލުމަށްފަހު ލައްޖެހިފައިވާ ތަނުގައި ކާއްތާލާނީއެވެ. މި ގޮތަށް ލައް ފިލަންދެން ތަކުރާރުކޮށް އުނގުޅާށެވެ. ދަބަރު ނޫން އެހެން ކުދި ލައްތައް ފިލާނެއެވެ.