އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ކޯޗް ހޯސޭ ކޮރީނިއޯ އެޓީމު ލަދު ގަންނުވާލައިފިއެވެ.
މެޗުގެ ދެވަނަ މިނެޓުގައި ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް، މެންޗެސްޓަޓަރ ޔުނައިޓެޑަށް ލީޑް ނަގައި ދީފައި ވަނިކޮށް ހޯސޭ މޮރީނިއޯ އިރުޝާދު ދެމުން އަންނަ ޓޮޓެންހަމްއިން ފުރަތަމަ ހާފް ނިންމާލީ ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ. މެންޗެސްޓަރ ޔުނައިޓެޑަށް އިތުރަށް މައްސަލަތައް ކުރިމަތިވީ ފުރަތަމަ ހާފުގެ 28 މިނެޓުގައި އެޓީމުގެ ފޯވާޑް އެންތޮނީ މާޝަލްއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް ޓޮޓެންހަމްއިން ޖެހި ހަލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެކުނު ކޮރެއާގެ ވިންގަރ ސޮންއެވެ. ސޮންގެ އިތުރުން ފޯވާޑް ހެރީކޭން ދެލަނޑު ކާމިޔާބު ކޮށްދިންއިރު އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ އެންޑޮމްބެލޭ އާއި އައުރީއެވެ. ޓޮޓެންހަމްއިން ކާމިޔާބު ކުރި ހަލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުގައެވެ.
މިއީ އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރިހުގައި މެންޗެސްޓަރ ޔުނައިޓެޑް ފަސް ލަނޑުގެ ތަފާތަކުން ބަލިވި ހަތަރުވަނަ ފަހަރެވެ. އެންމެފަހުން ފަސްލަނޑުގެ ތަފާތަކުން މެން.ޔުނައިޓެޑް ބަލިވެފައި ވަނީ 2011 ވަނަ އަހަރު ވާދަވެރި މެންޗެސްޓަރ ސިޓީ އަތުންނެވެ. އަނެއްކޮޅުން ޓޮޓެންހަމް ފިޔަވައި އެހެން އެއްވެސް ޓީމަކަށް ފުރަތަމަ ހާފުގައި މެން.ޔުނައިޓެޑް ކޮޅަށް ހަތަރު ލަނޑު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މިމެޗަށް މޮރީނިއޯ ނެރުނީ އެންމެފަހުން ލީގުގައި ނިއުކާސަލްއާ 1-1 އިން އެއްވަރުވި މެޗުގެ ފުރަތަމަ އެގާރަޔަށް 5 ބަދަލު ގެނެސްގެންނެވެ. މިމެޗަށް މެން.ޔުނައިޓެޑުގެ ކޯޗް އޮލެގުނަ ސޯލްޝެއާ ގެނެސްފައި ވަނީ އެންމެ ބަދަލެކެވެ. އެއީ ލިންޑްލޮފުގެ ބަދަލުގައި ބެއިލީ ފުރަތަމަ އެގާރައިގައި ހިމެނުމެވެ.
މިމެޗް ފޯރިގަދަ ވެގެންދިޔަ މައިގަނޑު ސަބަބަކީ މެން.ޔުނައިޓެޑުން 2018 ވަނަ އަހަރު މޮރީނިއޯ އެޓީމުގެ ކޯޗްކަމުގެ މަގާމުން ވަކިކޮށްފައިވުމާއި މިމެޗުގެ ކުރިން މެން.ޔުނައިޓެޑުގެ ކޯޗް ސޯލްޝެއާ އާއި މޮރީނިއޯއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފައިވާތީއެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު 2-1 އިން މެން.ޔުނައިޓެޑުން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދި މެޗަށްފަހު މޮރީނިއޯގެ ބޮލުގައި ސޯލްޝެއާ މަލާމާތުގެ ގޮތަކަށް ފިރުމާލި ފިރުމާލުމުގެ ބަދަލު މޮރީނިއޯ ހިފާނެކަމަށް ގިނަބަޔަކު އިންތިޒާރުކޮށްގެން ތިބުމެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރަނގަޅު ފޯމެއްގައި އޮތް ލެސްޓަރ ސިޓީގެ މައްޗަށް ފަސޭހަކަމާއެކު 3-0 އިން ވެސްޓްހޭމް ޔުނައިޓެޑުން ވަނީ ކުރި ހޯދާފައެވެ. ޝެފީލްޑް ޔުނައިޓެޑުގެ މައްޗަށް އާސެނަލްއިން 2-1 އިން ކުރި ހޯދިއިރު ފުލަމް އަތުން ވޮލްވުސް މޮޅުވީ 1-0 އިންނެވެ.