ޕްރީސްކޫލު ކުދިންތަކެއް ވަރޗުއަލްކޮށް މައިދާނީ ދަތުރެއް (ފީލްޑް ޓްރިޕް) ގައި ޒުލަށް ގެންދިޔަ ޓީޗަރަކަށް މީސް މީޑިއާގައި ތައުރީފު ބަންޑުން ވާން ފަށައިފިއެވެ. އެންމެ ފުރަތަމަ ޓިކްޓޮކް ގައި ދައުރުވާން ފެށި މި ވީޑިޔޯ މިހާރު ޓްވިޓަރގައިވެސް ދައުރުވަމުން އެބަދެއެވެ. މިހާރު މިހާތަނަށް 6 މިލިޔަނަށްވުރެ ގިނަ މީހުން މި ވީޑީއޯ ހިއްސާ ކޮށްފައިވެއެވެ. އަދި މިޓީޗަރަށް އެތައް ބައެއްގެ ލޯތްބާއި ތަޢުރީފު ލިބެމުން އެބަ ދެއެވެ.

މި ހުނަރުވެރި ކިންޑަގަރގާރޑެންގެ ޓީޗަރ "ގްރޭޓް ޓަލްކޮޓް" އޭނާގެ ލެޕްޓޮޕް ހިފައިގެން ޒުލުގައި ކުދިންނާއި ވީޑިއޯ ކޯލުގެ ޒަރިއްޔާއިން ވާހަކަ ދައްކަމުންދާ މި ވީޑިއޯ އަށް ވަރަށް ގިނަ ފަރާތް ތަކުން "ކޮމެންޓް" ތައް ވެސް ކޮށްފައިވެއެވެ. އަދި ވީޑިއޯ މެސެޖުތައް ވެސް ފޮނުވާފައި ވެއެވެ.

ގިނަފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި މި ވީޑިއޯ ބަލާލުމުން ކުދިން މިފަދަ ކަންތައްތަކަށް ޝައުގުވެރިވާވަރު ހާމަ ވެއެވެ. އަދި މިފަދަ ދުވަސްވަރެއްގައި، ކުދިންނަށް ގެއިން ނުނުކުމެ ސްކޫލަށް ވެސް ނުދެވި ތިބެން ޖެހުމުން މިފަދަ ގޮތްގޮތަށް ކުލާސްތައް ނެގުމުގެ މުހިއްމުކަން ފާހަގަ ކޮށްފައިވެއެވެ. ގިނަ މީހުން ތަޢުރީފު ކޮށްފައިވަނީ ޓީޗަރުގެ ހުނަރުވެރިކަމަށެވެ. ކުދިންނަށް މިފަދަ ފުރުޞަތުތައް ދެއްވާނީ ކުދިންދެކެ ލޯބިވާ އެކުދިންގެ އިހުސާސްތައް ދަންނަ ގާބިލު ޓީޗަރުން ކަމަށް ލިޔެ ތަޢުރީފު ކޮށްފައި ވެއެވެ.

ޓަލްކޮޓްގެ މި މައިދާނީ ދަތުރުގައި ޒުލުގެ އެކި ޖަނަވާރުތައް ކުދިންނަށް ދައްކާ ސުވާލު ކުރަމުން ދާއިރު ކުދިންގެ އަޑުތަކުން އެކުދިން ވަރަށް ހައިރާންވެފައި ތިބިކަން ފާހަކަ ކުރެވެއެވެ. އަދި މަޖަލާ އުފަލާއެކު މި ގަޑި ކުރިއަށްދާތަން ފެނުމުން ގިނަ ބައެއްގެ ހިތަށް އުފާވެރިކަން ގެނެސްދީފިކަން ކަށަވަރެވެ.