ރޭދާ އުކަން ދިޔުމަކީ ރޭގަނޑުގެ ވަގުތުގައި ލާނދަލެއް އުކަމުން ގޮނޑުދޮށުގައި ހިނގުމެވެ. އެހެން ހިނގާއިރު އަނދިރިކަމުން މަހެއް ނުފެންނާނެއެވެ. ވީމާ ހަދާގޮތަކީ އެއްފަހަރު ދާ އެއްލާފައި އެތަނުން ނަގައި ގުނައިގެން 40 އަކަށް ފިޔަވަޅު އަޅާފައި އަނެއް ފަހަރު އެއްލަނީއެވެ. ފިޔަވަޅު ގުނުމުގެ ބޭނުމަކީ ކުރިން އެއްލި ދަލުން މަސްތައް ސިހިގެން ގޮސް ފިލައިފައިވާ ސަރަހައްދާ ދުރަށް ގޮސް އަލުން ދާ އެއްލުމެވެ. ކޮންމެއަކަސް ދާ އުކަނީ މަހެއް ނުފެނިއެވެ. އެހެނަސް އާއްމުގޮތެއްގައި ކޮންމެ ދާވަޅަކުންހެން ދަލުގައި މަސް ޖެހެއެވެ.

މަސް ނުފެނި އުކާ ދަލުގައި ވެސް މަސް ޖެހޭތީ އެކަން މަޖާޒީ މާނައެއްގައި ބޭނުން ކުރެވެއެވެ. މި ޒަމާނުގައި، މި މަޖާޒީ މާނަ އަސްލު މާނައަށް ވުރެން މާ މުހިންމެވެ. މަޖާޒީ މާނައަކީ މިހަކު ކަމެއްކުރިކަމަށް ތުހުމަތު ކުރެވި، އެކަން ޔަޤީން ނުވާނަމަ ސީދާ ސުވާލުނުކޮށް އެކަމާ ގުޅޭ އެހެން ސުވާލެއް ދުރުދުރުން ކޮށްގެން ހޯދޭ ޖަވާބަކުން މައްސަލަ ޔަޤީންކުރުމެވެ. މީގެ މިސާލަކަށް ދެ ރަހުމަތްތެރީންގެ މެދުގައި ބަދަލުކުރެވޭ މި ވާހަކަކޮޅު ނަންގަވާށެވެ.

ފުރަތަމަ ރަހުމަތްތެރިޔާ: "ރޭގަ ކަލޭ އައިސާއްދީ ގެއިން އައީ 12 އިގެ ފަހުންދޯ؟"

ދެވަނަ ރަހުމަތްތެރިޔާ: "ނޫން. 11 ވެސް ނުޖަހަނީސް އަތުވެއްޖައިން. ކިހިނެއް ކަލެއަށް އެނގުނީ؟"

ފުރަތަމަ ރަހުމަތްތެރިޔާ: "މީ ހަމަ އުކާލި ރޭ ދަލެއް. މިހާރު ކަށަވަރު ވީނު. އެގެއަށް ދިޔަކަން."

ރޭ ދާ އުކުން އެހެން ގޮތަކަށް ވެސް މަޖާޒީ މާނައެއްގައި ބޭނުން ކުރެއެވެ. އެއީ ވަގުއަނބިން ގެންގުޅޭ މީހުން އަނބިމީހާއަށް އޮޅުވާލައިގެން އަނެއް މީހާ ކައިރިއަށް ދިޔުމަށެވެ. އެ ކަހަލަ ފިރިން ރޭގަނޑު 9 ޖަހާއެހައިކަންހާއިރު ދަލެއް ހިފައިގެން ގެއިން ނައްޓާލަމުން އަނބިމީހާ ގާތުގައި ބުނާނެއެވެ. މި ދަނީ މަހެއް ހިފޭތޯއެވެ. ކަލޭ ނިދާލާށެވެ. ދެން ކޮންމެވެސް ތަނެއްގައި ދާ ފޮރުވާފައި ވަގުއަނބި ކައިރިއަށް ގޮސް ދެތިން ގަޑި އިރު އޭނާ ކައިރީގައި އޮވެފައި ގެއަށް އަންނަމުން ދައު ނަގައި މިސްކިތު ވަޅުން ތެއްމާލައިގެން އައިސް ގޭގައި ހިއްކަން އަޅާނެއެވެ. އަންހެނުން ހޭލައި އުޅެންޏާ މަހެއް ނުހިފުނޭ ކިޔާފައި ނިދާލާނީއެވެ. މިހެން ހެދުމަށް ވެސް މަޖާޒީ ގޮތުން ރޭ ދާ އުކުމޭ ކިޔައެވެ.

އެއްމެ ދެކުނުގެ ދެ އަތޮޅުގައި، ރޭ ދާ އުކަން ގިނައިން ގޮސް އުޅުނީ 1975 އެހައިކަންހާ ހިސާބުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ ކުރިންނެވެ. އެ ޒަމާނުގައި މަސްވެރިކަން ކޮށްއުޅުނީ 3 ސައިޒެއްގެ އުޅަނދުފަހަރުގައެވެ. އެއީ 10 ފަލި ދޯންޏާއި 6 ފަލި ދޯންޏާއި ބޮއްކުރައެވެ.

ދިހަ ފަލި ދޯނީގައި ކުރީ ދޮށީގެ މަސްވެރިކަމެވެ. އެކަމަށް އެން ދަމަނީ ފުވައްމުލަކުގައިނަމަ ރަށު ބޭރުންނެވެ. އައްޑޫގައިނަމަ އެތެރެވަރީގެ ފަރުތަކުންނެވެ. 6 ފަލި ދޯނި ބޭނުންކުރީ ވަދާ ދުއްވުމަށެވެ. ފުވައްމުލަކު މީހުންނަކީ މިކަމުގައި އަރާތިބި ބަޔެކެވެ. ދޯނީގެ ދެ ފަރާތުން ދެ ދަނޑި ނެރެގެން އޭގައި ނަނު އަޅުވައިގެން އެއް ފަހަރާ 12 ވަރަކަށް ނަނު ދޫކޮށްހެދިއެވެ. މިގޮތުން އެމީހުންނަށް ދޮށީގެ މަސްވެރިކަމާ އަޅާކިޔާލެވޭ ވަރަށް މަސް ބޭނެއެވެ. ބޮއްކުރާ ބޭނުންކުރީ ފަރުގެ މަސްވެރިކަމަށެވެ.

އެ ޒަމާނުގައި މޫސުން ގޯސް ވީމާ ދޯނީގެ މަސްވެރިކަން ނުކުރެވެއެވެ. ވީމާ ދެން އޮންނާނީ ދާ އެޅުމެވެ. މައިގަނޑު ދެބާވަތެއްގެ ދައު ހުރެއެވެ. އެއް ބާވަތަކީ ދިގުދަލެވެ. ދިގު ދާ އަޅަން ގިނަ ބަޔަކު ބޭނުންވެއެވެ. ވީމާ ދިގު ދާ އެޅުމަކީ ތަންކޮޅެއް އުނދަގޫ ކަމެކެވެ. އަނެއް ކޮޅުން ލާނދާ އުކުމަކީ އެކަކު އެކަނި ވެސް ކުރެވޭ ކަމެކެވެ. ރޭ ދާ އެހާ މަޤްބޫލުވީ އެ ސަބަބަށްޓަކައެވެ. ލާނދަލަކީ ވަށައިގެން ބަރިލާފައި ހުންނަ އެއްޗެކެވެ. ދާ އެއްލާނީ ބަރިކޮށްފައި މަސްގަނޑުގެ މައްޗަށް ފެތުރިފައި ވެއްޓޭގޮތަށެވެ.

އެ ޒަމާނުގައި މަސްވެރިކަން ކުރި މިގޮތްތައް މިހާރު ދަނީ އުވެމުންނެވެ. އެއިރުގެ މީހުންނަށްވެސް މިކަންކަން ވަނީ ދުރު ހަނދާންތަކަކަށް ވެފައެވެ. އެއިރު މޮޅަށް ލާނދާ އުކި މީހަކު މިހާރު ދުނިޔޭގައި ހުއްޓަސް ދާ ރަނގަޅަށް އެއްލޭހާ ބާރެއް ގަޔަކު ނުހުންނާނެއެވެ. ދާއުކަން ބޭނުންވާ ވަރަށް ހަށިގަނޑު ތެދުވެފައި ދިގެއް ވެސް ނުވާނެއެވެ.