އޮންލައިންކޮށް ވިޔަފާރި ކޮށްގެން ލަނޑު ލިބޭ ވާހަކަ ތަކަކީ އާ ވަހަކައެއް ނޫނެވެ. މި ވާހަކައަކީ ނުދައްކާ ދޫކޮށްލެވޭ ވާހަކައެއް ވެސް ނޫނެވެ. ޝައުގުވެރި ޓުވިސްޓެއް ހިމެނޭ މި ވާހަކައަކީ މިހާރު އެންމެ ގިނައިން ދެކެވޭ އެއް ވާހަކައެވެ.
ފިރިހެނަކު މިވަނީ އަގުހެޔޮ އައިފޯނެއް އޮންލައިންކޮށް ގަންނަން މަސައްކަތް ކޮށްފައިއެވެ. އެހެނަސް މާ ލަސްތަކެއް ނުވަނީސް އެ ޒުވާނާއަށް ވަނީ އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ނުރައްކާ ތަޖުރިބާ ކުރެވިފައިއެވެ. އައިފޯނެއްގެ ބަދަލުގައި އޭނާއަށް އައިފޯނު ޝޭޕްގެ ކޮފީމޭޒެއް ލިބުން ވީ އޭނާއަށް ބޮޑު ޝޮކަކަށެވެ.
މި ވާހަކައަކީ ތައިލޭންޑަށް ނިސްބަތްވާ ޒުވާނަކަށް ދިމާވި ހާދިސާއެކެވެ. ހެޔޮ އަގަކަށް އައިފޯންނެއް ވިއްކަން ލާފައިހުރި އިޝްތިހާރަކީ އޭނާގެ ޝައުގުވެރިކަން އަތުލި އިޝްތިހާރެކެވެ. ބޭރުގެ ނޫހަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާއަށް އެންމެ ފުރަތަމަ އަގުފެނުމުން ހުރީ ގަބޫލުނުކުރެވިފައި ކަމަށެވެ. އެހެނީ އައިފޯނަކީ އަގު ބޮޑު ފޯނަކަށް ވެފައި އެ ފޯނުގެ އަގު މާ ބޮޑުތަންވެސް ހެޔޮ ވުމުންނެވެ. މީގެ އިތުރުން އެ ފޯނުގެ އަގު ހެޔޮވެފައި ޝިޕިންގެ އަގު ބޮޑުކަން އޭނާއަށް ފާހަގަވިއެވެ. އެހެނަސް އޭނާއަށް އެ ވަގުތު މުހިއްމުވީ އަގުހެޔޮ ފޯނެވެ. އެހެންކަމުން އޭނާ އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ނުރައްކާ ހަނދާން ނައްތާލާފައި ދެވަނަ ވިސްނުމަކަށް ގޮސް ވަރަށް އުފަލުން ހުރެ އެ ފޯނަށް އޯޑަރު ދިނެވެ.
ނަމަވެސް އޭނާގެ ހުރިހާ އެފާވެރިކަމެއް ވެއްޔާއި މޮޑެވިގެންދިޔައީ އޯޑަރު ކުރި އެތި ލިބުނު ހިސާބުންނެވެ. އެންމެ ފުރަތަމަ އެ ފޯނުގެ ސައިޒު ފެނުމުން އޭނާއަށް ހުރީ ގަބޫލު ނުކުރެވިފައިއެވެ. އެހެނީ އޭނާ އެންމެ ފަހުގެ އައިފޯނުތަކުގެ ސައިޒު މޭޒަކާ އެއްވަރުވި ކަމެއް އެނގިފައި ނުވާތީއެވެ. އޭނާއަށް ހަގީގަތުގައިވެސް އޭނާއަށް ގަނެވުނީ އައިފޯނެއް ނޫން ކަމާއި އައިފޯނުގެ ޝޭޕަށް ހުރީ މޭޒެއްކަން އެނގުނީ އޭތި ކެނޑުމުންނެވެ.
އޭނާވަނީ މި ހާދިސާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ހާދިސާއަކީ ގިނަ ބަޔަކަށް ހައިރާންކުރުވަނިވި ހާދިސާއެކެވެ. މީގެ އިތުރަށް އޭނާވަނީ އޭނާ އެ ފޯނު ގަތްއިރު، ފޯނުގެ އަގު ހެޔޮވުމުން އުފާވެފައި ހުރި ވަރުން، ހަނދާންނެތިގެން އޭތީގެ ޑީޓޭލްސް ރަނގަޅަށް ނުބަލާކަމަށް ބުނެ އޭނާއަށް ގޯސް ހެދިފައިވާ ކަމަށް އެއްބަސްވެފައެވެ.
މި ވާހަކައަކީ އޮންލައިންކޮށް ވިޔަފާރި ކުރާއިރު ފަރުވާތެރިވާންޖެހޭ ޖަހެނީ ކިއްވެގެންކަން ހަނދާން ކުރަން ރަނގަޅު ވާހަކައެވެ. މި ޒުވާނާއަށް ދިމާވި ފަދަ ކަމެއް ދިމާވާން ބޭނުން ނުވާނަމަ، ޚާއްސަކޮށް ގަބޫލުނުކުރެވޭހާ އަގުހެޔޮކޮށް ވިއްކަން ލާފައި ހުންނަ ތަކެތި ގަންނަ އިރު ސަމާލުވާންވާނެއެވެ.