ދިރިއުޅުމުގައި ލިބޭ ކާމިޔާބީގެ ފަހަތުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އެބޭފުޅުންގެ މަސައްކަތްތަކަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާވަނީ މުދައްރިސުންނަށާއި، ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، ދުވަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ ފޮނުއްވާފައެވެ. އަދި ޤައުމުގެ އަންނަން އޮތް ޖީލު ބިނާކުރެއްވުމުގައި މުދައްރިސުން ކުރައްވާ މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދިރިއުޅުމުގައި ލިބޭ ކާމިޔާބީގެ ފަހަތުގައި މުދައްރިސުން އަދާކުރާ ދައުރު ވަރަށް ބޮޑުކަމަށާއި ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނައުމަށް ކުރާ މަސައްކަތުގައި ބެލެނިވެރިންގެ އިތުރުން ދެން އެންމެ ހެޔޮ އަސަރުތަކެއް ގެނުވާ ބަޔަކީ މުދައްރިސުންކަމަށާއި، މުދައްރިސުންގެ ޙިދުމަތާއެކު ދިރިއުޅުން އުޖާލާވެގެންދާކަމަށެވެ.މުދައްރިސުންގެ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުދައްރިސުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1994 ވަނަ އަހަރުން ފެށިގެންނެވެ. މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ޓީޗާރސް - ލީޑިންގ އިން ކްރައިސިސް، ރީ-އިމޭޖިނިންގ ދަ ފިއުޗަރ"އެވެ. މިފަދަ ޝިއާރެއް ކަނޑައަޅާފައި މިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު އުނގަންނައިދިނުމުގެ ދާއިރާއަށް ނުވަތަ ތަޢުލީމީ ދާއިރާއަށް ލިބިފައިވާ އަސަރުތަކާއި އެކުވެސް، ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ބަލައިގަނެ، ކާރިސާގެ ވަގުތުގައިވެސް މުދައްރިސުންގެ އަގުވަޒަންކޮށް، ހިތްވަރު ދިނުންކަމަށް ޔުނެސްކޯއިން ބުނެފައިވެއެވެ.